01 ޖުލައި 2021 - 11:02

ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުގައި އެހީތެރިކަން ފޯރުކޮށްދޭން އުގެއިލް ފައުންޑޭޝަނުން ނިންމައިފި އެވެ.
އެ ފައުންޑޭޝަނުން މިގޮތަށް ނިންމީ ކައުންސިލްތަކާ އެކު ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި މޭޔަރުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި ކައުންސިލަރުން ވަނީ ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އެގޮތުން، އެންމެ ބޮޑަށް ކައުންސިލްތަކުން ފާހަގަކޮށްފައިވަނީ މުވައްޒަފުން ކުރިއެރުވުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަތަކެވެ.
- ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ނެތުން.
- ބައެއް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ނެތުން.
- މުވައްޒަފުންގެ ލީޑަޝިޕް ނެތުން.
- ވަޒީފާގެ މާހައުލުގައި ގެންގުޅެން ޖެހޭ ސުލޫކާއި ޒަމާނީ ހިންގުތެރިކަމުގެ އަހުލުވެރިކަން ނެތުން.
- ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވެފައި ނެތުން.
- ލާމަރުކަޒީ ގާނޫނަށް އަހުލުވެރިވެފައި ނެތުން.
- ޕްރޮޖެކްޓުތައް ތައްޔާރުކުރުމުގެ ފަންނު ނެތުން.
- ކައުންސިލްތަކުގައި ޑިޖިޓަލް ރިޕޯޓިން މެކޭނިޒަމެއް ގާއިމްކޮށް އޮންލައިންކޮށް ވޯޓު ނެގޭނެ ޕްލެޓްފޯމެއް ގާއިމްކުރުން
މި ބައްދަލުވުމުގައި ކައުންސިލަރުންނާ ބައްދަލު ކުރައްވައި ޕްރޮފެސަރު ހަސަން އުގެއިލް ވަނީ ކައުންސިލްތަކާ ގުޅިގެން ޓްރެއިނިންތަކުގައި އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓެކްނިކަލް ސަޕޯޓު ވެސް ފައުންޑޭޝަނުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލްތަކުގައި ހުރި ގޮންޖެހުންތައް އަޑު އަހައި އެކަންތައްތައް ހައްލު ކުރުމަށް އެއްބާރުލުން ދެއްވުމަށް އުގެއިލް ކުރައްވާ މަސައްކަތަކަށް ކައުންސިލްތަކުން ވަނީ ޝުކުރު އަދާ ކޮށްފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި އުގެއިލް ފައުންޑޭޝަނާ ގުޅިގެން ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުން ވަނީ އެދިފަ އެވެ.