މިފަހަރު އަދަބު ލިބުނީ ފުލުސް އޮފީހަށް؛ 3،000ރ. އިން ޖޫރިމަނާ!
މިފަހަރު އަދަބު ލިބުނީ ފުލުސް އޮފީހަށް؛ 3،000ރ. އިން ޖޫރިމަނާ!

ފުލުހަކު ގާޒީގެ ހުއްދައާ ނުލައި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީސް ދޫކޮށް ދިޔުމުން ޝަރީއަތުގެ ހުރުމަތް ކެނޑި ކަމަށް ބަލައި "ދިވެހި ފުލުހުންގެ ހިދުމަތް" ޖޫރިމަނާކޮށްފި އެވެ.

މިކަން ހިނގީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ގެންގުޅުމާއި ބޭނުން ކުރުމުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންގޮސް އިއްޔެ ބޭއްވި އަޑުއެހުމެއްގަ އެވެ.

އެ އަޑުއެހުމަށް ދިޔަ ފުލުހަކު އަދަބުތަކާ ހިލާފަށް ޝަރީއަތުގައި އެއްޗެއް ކާކަން ފާހަގަކުރެވިގެން ގާޒީ ދީބާނާޒު ފަހުމީ އެންގެވީ ޝަރީއަތުގެ މަޖިލީހުން ނުކުމެ އަނގަ ސާފުކުރުމަށް ފަހު އަލުން އަންނާށެވެ.

އެ ފުލުސް މީހާ އަނގަ ސާފުކޮށްގެން އެނބުރި ޝަރީއަތުގެ މާލަމަށް ވަނުމަށް ފަހު އަޑުއެހުން ކުރިއަށް ގެންދަނިކޮށް، ގާޒީގެ ހުއްދައާ ނުލައި ޝަރީއަތުގެ މަޖިލިސް ދޫކޮށް ދިޔައީ އެވެ. އޭނާ ނުކުމެގެން ދިޔަ ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.

އެ ފުލުސް މީހާ އަލުން އެނބުރި އައުމުން ގާޒީ ނިންމެވީ، ޝަރީއަތުގެ ހުއްދަ ނެތި ޝަރީއަތުގެ މާލަން ދޫކޮށް ދިއުމުން ޝަރީއަތުގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ. އެކަމުގެ އަދަބެއްގެ ގޮތުން "ފުލުހުންގެ ހިދުމަތް" 3،000ރ. އިން ޖުރިމަނާކުރަން ގާޒީ ނިންމެވީ އެވެ.

ކޯޓުގެ ހުރުމަތް ކެނޑޭ އަމަލެއް ކޮށްފި ނަމަ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވެ އެވެ. ނުވަތަ ގިނަވެގެން އެއް މަހަށް ގޭ ބަންދު ކުރުން، ނުވަތަ 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބެއް ވެސް ދެވިދާނެ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ކަމެއް ކޮށްފި ނަމަ އެއީ ވަގުތުން އަދަބު ކަނޑައެޅޭނެކަން ކޮންމެ އަޑުއެހުމެއް ފެށުމުގެ ކުރިން ކޯޓު އޮފިސަރުން އިއުލާނު ވެސް ކުރެ އެވެ.