01 ޖުލައި 2021 - 11:00

ބާސެލޯނާ (ޖުލައި 1) - އެފްސީ ބާސެލޯނާއާ އެކު ކެޕްޓަން ލިއޮނެލް މެސީ ހަދައިފައިވާ ކޮންޓްރެކްޓުގެ މުއްދަތު ހަމަވެއްޖެ އެވެ.
ބާސެލޯނާއާ އެކު މެސީ 2017 ގައި ހެދި ކޮންޓްރެކްޓް ރޭ 12 ޖެހިއިރު ހަމަވެފައި ވުމުން ލިޔެކިޔުމުން މިހާރު އޭނާ އަކީ ބާސެލޯނާގެ ކުޅުންތެރިއެއް ނޫނެވެ. އޭނާގެ ކޮންޓްރެކްޓް ހަމަވީ ބާސާގެ ފުރަތަމަ ކޮންޓްރެކްޓްގައި ސޮއިކުރިތާ 7،504 ދުވަސް ފަހުންނެވެ.
މިހާރު ފްރީ އެޖެންޓެއްގެ ގޮތުގައި މެސީ ހުރުމުން އޭނާ ގެންދަން ބޭނުވާ ކްލަބަކުން އެއްވެސް ފީއެއް ނުދައްކައި މެސީ ލައްވައި ސޮއިކުރުވޭނެ އެވެ.
ބާސާގެ ރައީސް ޔޮއާ ލަޕޯޓާ ވަނީ، އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް މެސީ އަށް ވިސްނައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭނާ ކުރިން ވިދާޅުވެފައި ވަނީ މެސީ ކޮންޓްރެކްޓް އާ ކުރުމަށް ރަނގަޅު ހިސާބަކަށް ދެވިފައިވާ ކަމަށެވެ.
އެހެންނަމަވެސް މެސީގެ ފަރާތުން 100 ޕަސެންޓް ޔަގީން ކަމެއް ބާސާއަށް ދީފައެއް ނުވެ އެވެ. ބާސާ ދޫކޮށްލަން ބޭނުންވާކަން ހާމަކޮށް މިދިޔަ އަހަރު މެސީ ވަނީ ބާސާގެ އޭރުގެ ބޯޑަށް އެކަން އަންގައިފަ އެވެ. ބާސާގެ އޭރުގެ ރައީސް ޖޯސެފް މާރީއާ ބާޓޮމެއު ނިންމީ މެސީ އަށް ހިލޭ ޓްރާންސްފާގައި ކްލަބު ދޫކޮށް ނުލެވޭނެ ކަމަށެވެ. އެހެންވެ މެސީ އޭރު ނިންމީ ކްލަބުގައި މަޑު ކުރުމަށެވެ.