ނޭމާ ދެ އަހަރަށް ޖަލަށް ލާން ކޯޓުގައި އެދިއްޖެ
ނޭމާ ދެ އަހަރަށް ޖަލަށް ލާން ކޯޓުގައި އެދިއްޖެ

ބާސެލޯނާ (ނޮވެމްބަރު 23) – ބްރެޒިލްގެ ފޯވާޑް ނޭމާ ސްޕެއިނުގެ ބާސެލޯނާ އަށް ބަދަލުވި ޓްރާންސްފާގައި ހިމެނޭ ކޮރަޕްޝަނުގެ އަމަލުގައި ނޭމާ ބައިވެރިވެފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުން އޭނާ ދެ އަހަރަށް ޖަލަށްލައި 10.6 މިލިއަން ޖޫރިމަނާކުރަން ޕްރޮސެކިއުޓަރުން ކޯޓުގައި އެދިއްޖެ އެވެ.

ދައުވާކުރާ ޕްރޮސެކިއުޓަރުން ވަނީ މި މައްސަލައިގައި ނޭމާގެ ބައްޕަ އަށް ވެސް އެފަދަ އަދަބެއްދީ އަދި ބާސެލޯނާގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވާ ސެންޑްރޯ ރޮސެލް އަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކުރުމަށް އެދިފަ އެވެ. އެކަމަކު މިހާރުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ އަށް ކުރި ދައުވާތައް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

މި މައްސަލަ ބަލަން ފެށީ ނޭމާ 2013 ވަނަ އަހަރު ބްރެޒިލްގެ ސަންތޯސް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި އިރު އޭނާގެ ސްޕޯޓިން ރައިޓްސްގެ 40 ޕަސެންޓް ހިއްސާ އޮތް ބްރެޒިލްގެ ކުންފުނި ޑީއައިއެސް އިން ހުށަހެޅި ޝަކުވާތަކާ ގުޅިގެންނެވެ.

ބާސެލޯނާ އިން ނޭމާ ގަތީ، އެ ކްލަބުން ބުނެފައިވާ ގޮތުގައި 57.1 މިލިއަން ޔޫރޯ އަށެވެ. އޭގެ ތެރެއިން 17.1 މިލިއަން ޔޫރޯ ސަންތޯސް އަށް ދިންއިރު އަނެއް 40 މިލިއަން ޔޫރޯ ދީފައިވަނީ ނޭމާގެ އާއިލާގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ. އެކަމަކު ސްޕެއިނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މި ޓްރާންސްފާގެ އަސްލު އަގަކީ 83.3 މިލިއަން ޔޫރޯ ކަމަށެވެ.

މި ޓްރާންސްފާގެ ދަށުން ޑީއައިއެސް އަށް ދީފައިވަނީ ސަންތޯސް އަށް ދިން 17.1 މިލިއަން ޔޫރޯގެ 40 ޕަސެންޓް ކަމަށްވާ 6.8 މިލިއަން ޔޫރޯ އެވެ. ޑީއައިއެސް އިން ބުނީ އެ ކުންފުންޏަށް ލިބެން ޖެހޭ އަސްލު ހިއްސާ ދީފައިނުވާ ކަމަށާއި ޓްރާންސްފާގެ އަސްލު އަގު ބާސެލޯނާ، ސަންތޯސް އަދި ނޭމާގެ އާއިލާ ގުޅިގެން އޮޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ތުހުމަތުކުރާ ގޮތުގައި ނޭމާ ވަނީ ބާސެލޯނާ އަށް ކުޅެދޭން 2011 ވަނަ އަހަރު އެއްބަސްވެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ސަބަބުން އެހެން ކްލަބްތަކަށް އޭނާ އަށް އޮފާކުރުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން ކުޅުންތެރިޔާގެ ސޮޔަށް ލިބެން ޖެހޭ އަސްލު އަގު ދަށްވި ކަމަށް ޑީއައިއެސް އިން ބުނެ އެވެ.

ސްޕެއިނުގެ ގާނޫނު ބުނާ ފުރަތަމަ ފަހަރަށް ކުށެއްކުރާ މީހަކަށް ދެ އަހަރު ނުވަތަ އެއަށް ވުރެ ކުރު މުއްދަތުގެ ހުކުމެއް އައިސްފި ނަމަ ޖޫރިމަނާއެއް ދައްކައިގެން ސަލާމަތްވެވޭނެ އެވެ. އެކަމަކު ޑީއައިއެސް އިން ވަނީ ހުކުމުގެ މުއްދަތުގައި ނޭމާ އަށް ފުޓްބޯޅަ ނުކުޅޭވޭ ގޮތަށް ހެދުމަށް ހުށަހަޅައިފަ އެވެ.

ނޭމާއާ އެކު ބާސެލޯނާ އަށް ކުޅޭ ލިއޮނަލް މެސީ އަށް ވެސް ވަނީ ޓެކްސް އަށް މަކަރު ހެދިކަން ސާބިތުވެ 21 މަހުގެ ޖަލު ހުކުމެއް މި އަހަރު އައިސްފަ އެވެ. އެ ޓީމުގެ ހަވިއާ މަޝެރާނޯ އަށް ވެސް މިފަދަ މައްސަލައެއް ކުރިމަތިވެފައިވާއިރު އޭނާ ވަނީ މިހާރު ކަމާބެހޭ ފަރާތްތަކާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

މި މައްސަލަގަނޑު ފެންމަތިވެފައި އޮތް ނަމަވެސް ނޭމާ އަންނަނީ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު ދެ ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު އަދި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އެއް ފަހަރު އުފުލާލައިފަ އެވެ.