އިޒްރޭލުގެ މެދުއިރުމަތީ ފުރަތަމަ އެމްބަސީ ޔޫއޭއީގައި
އިޒްރޭލުގެ މެދުއިރުމަތީ ފުރަތަމަ އެމްބަސީ ޔޫއޭއީގައި

މެދުއިރުމަތީގެ ގައުމެއްގައި ގާއިމުކުރި އިޒްރޭލުގެ ފުރަތަމަ އެމްބަސީ އެމިރޭޓްސްގައި އިއްޔެ ހުޅުވައިފި އެވެ.

އެމިރޭޓްސްގެ އަބޫ ދާބީގައި އިޒްރޭލުގެ އެމްބަސީ ހުޅުއްވައިދެއްވީ، މިހާރު އަބޫ ދާބީ އަށް ވަޑައިގެން އުޅުއްވާ އިޒްރޭލުގެ އާ ސަރުކާރުގެ ހާރިޖީ ވަޒީރު ޔައީރް ލަޕިޑް އެވެ. މިއީ ދެ ގައުމުން މިދިޔަ އަހަރު ގުޅުން ބަދަހި ކުރި ފަހުން، އިޒްރޭލުގެ މިފެންވަރުގެ ބޭފުޅަކު އެމިރޭޓްސް އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އެމިރޭޓްސްގެ ސަގާފަތާއި ކުޅިވަރާ ބެހޭ ވަޒީރު ނޫރާ އަލް ކައުބީއާ އެކު، އެމްބަސީ ހުޅުއްވައިދެއްވުމަށް ފަހު، އިޒްރޭލުގެ ފޮރިން މިނިސްޓަރު ވިދާޅުވީ އިޒްރޭލު ބޭނުންވަނީ ސަރަހައްދުގައި ދާއިމީ ސުލްހައެއް ގާއިމުކުރާށެވެ.

"އިޒްރޭލު ބޭނުންވަނީ އަވައްޓެރިންނާ އެކު ސުލްހަ ގާއިމުކުރަން. ހުރިހާ އަވައްޓެރިންނާ އެކުވެސް. އަހަރެމެން އެހެން އެއްވެސް ތަނަކަށް ނުދާނަން. މެދުއިރުމައްޗަކީ އަހަރެމެންގެ ގެ. އަހަރެމެން މިތަނަށް އައީ މިތާނގައި ތިބެން. މި ސަރަހައްދުގެ ހުރިހާ ގައުމުތަކުން ވެސް އެކަން ބަލައިގަންނަން އަހަރެމެން ގޮވައިލަން. އަދި އަހަރެމެންނާ ވާހަކަ ދައްކަން އަންނަން ވެސް ގޮވައިލަން،" ޔައީރް ލަޕިޑް ވިދާޅުވި އެވެ.

އިޒްރޭލާއި އެމިރޭޓްސްއާ ދެމެދު، ގުޅުން ގާއިމު ކުރުމަށް އެމެރިކާ އިސްވެ ކުރި މަސައްކަތުން، އެމިރޭޓްސް އާއި އިޒްރޭލާ އެކު، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެއަށް ފަހު، ފަތުރުވެރިކަމުގެ ދާއިރާއިންނާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ އިންނާއި މާލީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ.