08 އޯގަސްޓް 2021 - 10:57

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 25 ބުރީގެ ޓަވަރުގެ އެންމެ މަތިން ތިރިއަށް ނުވަތަ ގްރައުންޑް ފްލޯއިން ފެށިގެން 25 ވަނަ ބުރި އަށް ލިފްޓްގައި އަރަން 8:30 މިނެޓް ހޭދަވެ އެވެ.

ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރަކީ ދެ ގޮތަކަށް އިމާރާތްކޮށްފައިވާ ޓަވަރުތަކެކެވެ. އޭގެ ތެރެއިން ބައެއް ޓަވަރުތަކުގައި ކޮންމެ ފްލޯއެއްގައި 16 ފްލެޓް ނުވަތަ އަނެއް ޓަވަރުތަކުގައި ފްލޯއެއްގައި 20 ފްލެޓް ހުންނާނެ އެވެ.
މީގެ ތެރެއިން ފްލޯއެއްްގައި 20 ފްލެޓް ހުންނަ ޓަވަރުތަކުގައި ހަތަރު ލިފްޓް ހުންނާނެ އެވެ. އަދި ފްލޯއެއްގައި 16 ފްލެޓް ހުންނަ ޓަވަރުތަކުގައި ހުންނާނީ ތިން ލިފްޓެވެ.
ހިޔާ ފްލެޓްގެ އެންމެ މަތިން ފެށިގެން ގްރައުންޑް ފްލޯ އަށް ލިފްޓްގައި ފައިބަން 8:30 މިނިޓް ހޭދަ ވަނީ ކޮންމެ ފްލޯއަކަށް ހުއްޓައިގެން، އެކަމަކު އެއްވެސް މީހަކު ލިފްޓުން ނުފައިބައި، އަދި އެއަށް މީހަކު ވެސް ނާރަ އެވެ. ކޮންމެ ފްލޯއަކަށް މަޑުކުރާ ވަގުތު މީހުން އަރައި ފައިބާ ނަމަ ވަރަށް ގިނަ ވަގުތު ހޭދަވާނެ އެވެ.
ޓަވަރުތަކުގައި ހުރި ލިފްޓްގައި ހަމަޖެހިލައިގެން ތިބެވެނީ ހަތް ވަރަކަށް މީހުންނަށެވެ.
މަހު ކުލީގެ ގޮތުގައި 8500ރ. ދައްކަން ޖެހޭ މި ފްލެޓްތަކަށް މީހުން އާބާދުވުމުން އެއިން ކޮންމެ ޓަވަރެއްގައި 2500 އެއްހާ މީހުން އުޅޭނެ ކަމަށް ބެލެވެ އެވެ. މިއީ ގިނަ ރަށްތަކުގެ އާބާދީއަށް ވުރެ ބޮޑު އަދަދެކެވެ. އެހެންވެ، ލިފްޓްގެ މައްސަލަ ވަރަށް ބޮޑަށް ނުކުންނާނެ ކަމަށް ބެލެވެ އެވެ.
ބައެއް މީހުން ބުނާ ގޮތުގައި ފްލެޓްތަކަށް މީހުން ގޮސް އެތާނގައި އާބާދުވެ އުޅެން ފެށުމުން، ލިފްޓަށް ބާރުބޮޑުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ވަކިން ހާއްސަކޮށް ސްކޫލަށް ދިޔުމާއި އޮފީސްތަކަށް މީހުންދާ ވަގުތުތަކުގައި މިކަން ދިމާވުން އިތުރުވެދާނެ އެވެ.
ފްލެޓް ލިބުނު މީހުންނާ އެކު މިހާރު އެގްރީމަންޓުގައި ސޮއިކުރަމުން އައި ނަމަވެސް އެމީހުންނަށް އެތަނުގައި އުޅެން ފެށޭނީ ސީދާ ކޮން ދުވަހަކުން ކަމެއް އަދި ނޭނގެ އެވެ.