30 ޖޫން 2021 - 14:11

އެމެރިކާ އާއި ކެނެޑާ ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ އާދަޔާ ހިލާފު ހޫނުގެ ސަބަބުން، ކެނެޑާ އިން 69 މީހަކު މަރުވެއްޖެ ކަމަށް ކެނެޑާ ސަރުކާރުން ބުނެފި އެވެ.
ބްރިޓިޝް ކޮލަމްބިއާގެ ފުލުހުން ބުނި ގޮތުގައި މި ހަފުތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހާ އެކަނިވެސް، އެ ސަރަހައްދުން 70 މީހުން މަރުވެފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މުސްކުޅިންނެވެ. އެމީހުންގެ މަރުގެ ސަބަބެއް ކަމަށް ފުލުހުން ބުނީ އާދަޔާ ހިލާފަށް ހޫނު ގަދަވުމެވެ.
ކެނެޑާގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އެ ގައުމުގެ ތާރިހުގައި ވެސް މިހާތަނަށް ހޫނުމިން އެންމެ މައްޗަށް ދިޔަ ކަމަށް ރެކޯޑް ކުރެވުނީ އިއްޔެ (29 ޖޫން 2021) އެވެ. އިއްޔެ ބްރިޓިޝް ކޮލަމްބިއާގައި ހޫނުމިން ހުރީ 49.5 ޑިގްރީ ސެލްސިއަސް (121 ފެރަންހައިޓް)ގަ އެވެ. މިއީ ޖެހިޖެހިގެން މިވަރަށް ހޫނުމިން ހުންނަ ތިން ވަނަ ދުވަހެވެ.
މި ހަފުތާގެ ކުރިން، ކެނެޑާގެ ހޫނުމިން 45 ޑިގްރީ އަށް ވުރެ މައްޗަށް ނުދާ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ. މިހާރު ހޫނުމިން ހުރި މިންވަރަކީ، ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނާއި މުސްކުޅިންގެ އިތުރުން، ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުންގެ ފުރާނައަށް ނުރައްކާ މިންވަރެއް ކަމަށް އެ އިދާރާ އިން ބުނެ އެވެ.
ހޫނުމިން މަތިވުމުގެ ސަބަބުން މަރުވި 69 މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ބޭސްކުރަމުން އަންނަ މީހުންނެވެ. އެހެންކަމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ހޫނު ގަދަ ސަރަހައްދުތަކަށް ދަތުރު ނުކުރުމަށް އެގައުމުގައި ވަނީ އިލްތިމާސް ކޮށްފަ އެވެ.
"ކެނެޑާއަކީ މުޅި ދުނިޔެ އިން ވެސް ދެ ވަނަ އަށް އެންމެ ފިނި ގައުމު، އަދި އެންމެ ގިނައިން ގަނޑުފެން ފައިބާ އެއް ގައުމު. ފިނީގެ ތޫފާންތަކާއި ގަނޑުފެނުގެ ތޫފާންތައް މިގައުމަށް އައުމަކީ ވަރަށް އާންމު ކަމެއް. އެކަމަކު މިހާ ހޫނު ދުވަސްވަރެއް އަހަރެމެން ތަޖުރިބާއެއް ނުކުރަން،" ކެނެޑާގެ މޫސުމާ ބެހޭ އިދާރާގެ ސީނިއާ ކްލައިމެޓަލޮޖިސްޓް ޑޭވިޑް ފިލިޕްސް ވިދާޅުވި އެވެ.
ކެނެޑާގެ އިތުރުން އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ވެސް ވަނީ އާދަޔާ ހިލާފަށް ހޫނުމިން މަތިވެފަ އެވެ. އެ ގޮތުން އޮރެގަންގެ ހޫނުމިން 46.1 ޑިގްރީ ސެލްސިއަސްއަށް މި ހަފުތާގައި މަތިވެފައިވާ އިރު، ސިއޭޓަލްގެ ހޫނުމިން ވަނީ 42.2 ޑިގްރީ ސެލްސިއަސް އަށް އުފުލިފަ އެވެ.
މިވަރަށް ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، ކަރަންޓު ރޭލު ދުއްވުމަށް މަގުތަކުގައި ދަމާފައި ހުރި ކަރަންޓު ކޭބަލްތައް ވިރުމުގެ ސަބަބުން، އޮރެގަން ސަރަހައްދުގެ ކަރަންޓު ރޭލުގެ ހިދުމަތް ހުއްޓައިލަން ޖެހުނެވެ. އަދި އެއާކޮންޑިޝަނާއި ފަންކާ ފަދަ ފިނިކުރާ އާލާތްތައް ބޭނުންކުރާ މިންވަރު މަތިވުމާ ގުޅިގެން، ވޮޝިންޓަންގެ ބައެއް ސަރަހައްދުތަކުން އިއްޔެ ވަނީ ކަރަންޓު ވެސް ކެނޑިފަ އެވެ.