އިޒްރޭލުން ފަލަސްތީނުގެ ގެތައް ތަޅަނީ
އިޒްރޭލުން ފަލަސްތީނުގެ ގެތައް ތަޅަނީ

އިޒްރޭލު ފުލުހުން ބާރުގެ ބޭނުންކޮށް، އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ބައެއް ގެތައް، އަނެއްކާވެސް ތަޅައި ސުންނާފަތި ކުރަން ފަށައިފި އެވެ.

ހިފާފައިވާ އިރުމަތީ ގުދުސްގެ ބައެއް އަވަށްތަކަށް އިޒްރޭލު ފުލުހުން އިއްޔެ ވަދެގަނެ، ބައެއް ގެތަކުން ފަލަސްތީނު މީހުން ގަދަކަމުން ނެރެފައިވެ އެވެ. އޭގެ އިތުރުން ޝައިހް ޖައްރާހް އަވަށަށް ވެސް އިޒްރޭލު ފުލުހުން އިއްޔެ ވަދެގަނެ، ބައެއް ގެތަކުން މީހުން ހުސްކުރި އެވެ.

މަސްޖިދުލް އަގްސާގެ ދެކުނުން އޮންނަ ސިލްވާން އަވަށަށް އިޒްރޭލު ސިފައިން އިއްޔެ ވަދެ ބައެއް ގެތަކުން މީހުން ނެރެން ފެށުމުން، އެ ސަރަހައްދުގެ މީހުން އެކަމަށް ހުރަސްއަޅަން މަސައްކަތް ކުރި އެވެ. ނަމަވެސް އިޒްރޭލު ފުލުހުން ވަނީ، އެކަމަށް ހުރަސްއެޅި މީހުންނަށް ރަބަރު ވަޒަން ބޭނުންކޮށްގެން ހަމަލާދީ ކަރުނަ ގޭސް ޖަހައިފަ އެވެ.

އިޒްރޭލު ފުލުހުންގެ މި އަނިޔާވެރި އަމަލުތަކާ ދެކޮޅު ހެދި ބައެއް މީހުން ހައްޔަރުކޮށް މިހާރު ވަނީ ޖަލަށް ލައިފަ އެވެ. ޝައިހް ޖައްރާހް އަވަށުން ވެސް ފަސް މީހަކު ހައްޔަރު ކުރި ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމާއަތުން ބުންޏެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި އިޒްރޭލު ފުލުހުން އިއްޔެ އެންމެ ފުރަތަމަ ވަދެގަތީ އަލްބުސްތާން އަވަށަށެވެ. އެ އަވަށުގެ އާދައިގެ ވިޔަފާރިވެރިއެއްގެ ގެއަށް، އިޒްރޭލު ފުލުހުން ވަދެ އެ ގޭގެ މީހުން ނެރުމަށް ފަހު، ބުލްޑޯޒަރުތައް ބޭނުންކޮށްގެން އެ ގެ ތަޅާއި ބިމާ ހަމަކުރި އެވެ. އިޒްރޭލު ފުލުހުން ބުނި ގޮތުގައި އެ ގެއަކީ ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ނުހޯދައި އިމާރާތް ކޮށްފައި ހުރި ގެއެކެވެ.

އޭގެ ފަހުން ސިލްވާން އަވަށަށް އިޒްރޭލު ފުލުހުން ވަދެގަނެ އެ އަވަށުގައި ހުރި ހައުސިން ޔުނިޓަކުން މީހުން ނެރެ އެ ތަން ވެސް ތަޅާލައި ބިމާ ހަމަކޮށްލި އެވެ. އިޒްރޭލު ފުލުހުން ބުނި ގޮތުގައި އެ އިމާރާތަކީ ވެސް ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ނުހޯދައި އިމާރާތް ކޮށްފައި ހުރި ތަނެކެވެ.

އިޒްރޭލު ފުލުހުންގެ މިހާރު ކޮންމެ ދުވަހެއްގެ އާދައިގެ މަތިން އިއްޔެ ވެސް ޝައިހް ޖައްރާހް އަވަށަށް ވަދެ، އެއަވަށުގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް ޖެއްސުން ކުރުމުގެ އަމަލުތައް ހިންގި އެވެ. އެކަމަށް ހުރަސްއެޅި ފަލަސްތީނުގެ ހަތަރު ޒުވާނަކު ހައްޔަރު ކުރި އެވެ.

ޝައިހް ޖައްރާހް އަވަށުގެ 28 އާއިލާއެއް މިހާރު ވެސް ތިބީ، އެމީހުން ގެދޮރުން ނެރޭނެ ކަމުގެ ބިރު ކުރިމަތިވެފަ އެވެ. އެއީ އެމީހުންގެ ގެދޮރު ހުސްކުރުމަށް، ޔަހޫދީ ވަޒަންވެރިން އިޒްރޭލުގެ ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަތަކުގެ ސަބަބުންނެވެ.

ހަރުކަށި ޔަހޫދީން ބުނާ ގޮތުގައި އެ ގެތަކަކީ، 1948 ވަނަ އަހަރުގެ ކުރިން ފެށިގެން ޔަހޫދީންގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ބިމެއްގައި ހަދާފައި ހުރި ގެތަކެކެވެ. ނަމަވެސް، ފަލަސްތީނު މީހުން އެކަމަށް އިންކާރު ކުރެ އެވެ.

އިޒްރޭލުގެ މި އަމަލުތަކާ ގުޅިގެން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ފަލަސްތީނު މީހުންގެ ގެތައް ސުންނާފަތިކުރުން ހުއްޓާލައި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އޭނާ ވަނީ އިޒްރޭލު ސަރުކާރަށް ގޮވާލައްވައިފަ އެވެ.