30 ޖޫން 2021 - 15:24

މި ހަފުތާގައި ނިމުނު އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޖޯޒީ ލައިގެން އިންޑިއާގެ ދުވުންތެރިޔަކު ދުވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް އެމްޑީޕީ މެމްބަރުން، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން ސާވިސްގެ ގާނޫނުގެ ބިލަށް ކުރި ބަހުސްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނިކޮށް ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވި ގޮތުގައި ތޮލާލް ކުރައްވާފައި އެ ވަނީ ރާއްޖެއަށް ބޮޑެތި ގެއްލުން ލިބޭ ފަދަ ކަމެކެވެ. ހުސައިން ވިދާޅުވީ އެކަމުން ފެންނަނީ ޕީޕީއެމްއަށް އިންޑިއާގެ ނުފޫޒު ފޯރާފައި އޮތުން ކަމަށެވެ.
"އެ ވިދާޅުވާ ނުފޫޒެއް ފޯރާފައި އޮތީ ޕީޕީއެމްއަށް ކަމުގައި އަޅުގަނޑު ދަންނަވަން، ޕީޕީއެމްގެ ސެކްރެެޓަރީ ޖެނެރަލް ތޮލާލް ބައިނަލްއަގުވާމީ ދުވުމުގެ ރޭހެއްގައި، އެތުލެޓިކްސް މުބާރާތެއްގައި އިންޑިއާ ރައްޔިތަކު ދިވެހިރާއްޖޭގެ ޖޯޒީ ލައްވައިގެން ދުވެފައި އެކަން ހިންގަވާފައި އެ ވަޑައިގެންނެވީ،" ހުސައިން ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ދިވެހި ދިދަ އިންޑިއާ ކުއްޖެއްގެ މޭގައި ޖައްސައިގެން ދުއްވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް (ތޮލާލް) ކަމަށާއި އެހެންވީމާ ބޭރުގެ ނުފޫޒު އޮތީ ކޮން ބަަޔަކަށް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ތޮލާލްގެ ވާހަކަ މެމްބަރުން ފެއްޓެވީ ފޮރިން ސާވިސް ބިލަށް ބޭރުގެ ނުފޫޒު ފޯރާފައިވާ ކަަމަށް ޝިޔާމް ތުހުމަތު ކުރެއްވުމުންނެވެ.
އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އަންހެނުންގެ ހަތަރެއް ގުނަ 100ގެ ރިލޭ އިވެންޓްގައި، ރާއްޖޭގެ ޓީމުން ރިލޭ ފެށީ އިންޑިއާގެ އެތުލެޓީކެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ތޮލާލް ވިދާޅުވީ، އެގޮތަށް ހަދަން ޖެހުނީ ރާއްޖޭގެ ރިލޭ ޓީމުގައި ހިމެނުނު އެތުލީޓް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމަށެވެ.
"އޭގެ ބޭނުމަކަށްވީ މުބާރާތުގައި ބައިވެރިވާން ދިޔަ އަޅުގަނޑުމެންގެ އެތުލީޓުންނަށް ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން،" ތޮލާލް ވިދާޅުވި އެވެ. "އަޅުގަނޑު ނުދެކެން އެއީ މައްސަލައެއް ކަމަކަށް. އެ މުބާރާތަށް ދާން އޮތް ޓީމުގެ ކުއްޖަކު ޕޮޒިޓިވް ވީމަ ދެން ތިބި ދުވުންތެރިންނަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނަ ނުދޭން އެގޮތަށް ހެދީ."
އޭނާ ވިދާޅުވީ އެ އިވެންޓުން ގައުމީ ރެކޯޑެއް ހެދޭ މިންވަރަށް ރާއްޖޭގެ ދުވުންތެރިންނަށް ނިންމުނަސް ބޭރުގެ ދުވުންތެރިޔަކު ދުވެފައި ވުމުން ގައުމީ ރެކޯޑްގެ ގޮތުގައި ނުހިމަނާނެ ކަމަށެވެ.