ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހެއްގެ މައުލޫމާތު އާންމުކޮށްފި
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހެއްގެ މައުލޫމާތު އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހެއްގެ މައުލޫމާތު ފުލުހުން އާންމުކޮށްފި އެވެ.

ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް ގޮއްވާލައިގެން ނަޝީދަށް ހަމަލާ ދިނީ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރެ އެވެ. އެ މައްސަލައާ ގުޅޭ އަށް މީހަކު މިހާރު ހައްޔަރުކޮށްފައި އެބަ ތިބި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ފުލުހުން މީގެ ކުރިން ހާމަކޮށްފައި ވަނީ ހަތަރު މީހެއްގެ މައުލޫމާތެވެ.

ފުލުހުން މިއަދު ފަސް ވަނަ މީހެއްގެ މައުލޫމާތު ހާމަކޮށް ބުނީ އެއީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ކަމަށެވެ. އެއީ 27 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރު ކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ. މިދިޔަ އާދީއްތަ ދުވަހު އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ކޯޓުން ދީފަ އެވެ.

ހައިޝަމްގެ އިތުރުން، ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އެވެ.

ފުލުހުން ބުނީ އަދުހަމް، މުޖާޒު، އަދި ތަހްމީންގެ ބަންދަށް މި މަހުގެ 22 ވަނަ ދުވަހު އިތުރު 30 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި މަހުގެ 20 ވަނަ ދުވަހު ފާތިހުގެ ބަންދަށް ވަނީ އިތުރު ފަސް ދުވަސް ދީފަ އެވެ.

އެނގިފައިވާ ގޮތުގައި، ހަމަލާއަށް ފަހު ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ނަޝީދުގެ ހަމަލާއާ ގުޅޭ މީހުން އެބަތިއްބެވެ. ހައިޝަމަކީ ވެސް މި ފަހުން އެފަދަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހެކެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ބޮން ގޮއްވާލަން ރިމޯޓަށް ފިތި ކަމުގެ ތުހުމަތު ކުރެވެނީ އަދުހަމަށެވެ. އަދި ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތް ކަމަށް ތުހުމަތު ކުރެވެ އެވެ.