ކޮވިޑު ޖެހި ރަނގަޅުވެފައިވާ މީހުންނަށް ދޭނެ ލުއިތައް އާއްމުކޮށްފި
ކޮވިޑު ޖެހި ރަނގަޅުވެފައިވާ މީހުންނަށް ދޭނެ ލުއިތައް އާއްމުކޮށްފި

ކޮވިޑަށް ޕޮޒިޓިވްވެ، އެ ބަލިން ރަނގަޅު ވެފައިވާ މީހުންނަށް ދޭނެ ލުއިތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކޮށްފި އެވެ.

ރީ-އިންފެކްޝަނާ ގުޅޭގޮތުން ހޯދާފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް، ހަދާފައިވާ އުސޫލުގައިވާ ގޮތުން، ކޮވިޑަށް ޕޮޒިޓިވްވެ ރަނގަޅު ވެފައިވާ މީހުންނަށް ބޮޑެތި ލުއިތަކެއް މިހާރު ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ހަމަނުވާ ނަމަ އެއީ ޑައިރެކްޓް ކޮންޓެކްޓަކަށް ވިޔަސް ކަރަންޓީން ވާން ނުޖެހުމާއި އައިސޮލޭޓްވާން ނުޖެހުން ހިމެނެ އެވެ.

ރާއްޖެ އިން ބޭރުން އަންނަ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ މީހުން މީގެ ތެރޭގައި ނުހިމެނެ އެވެ.

އުސޫލުގައި ބުނީ ބަލިން ރަނގަޅުވެފައިވާ [ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ހަމަނުވާ] މީހުން ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ ވަޒީފާ އަށް ނުވަތަ މަސައްކަތަށް ނުކުތުމުގެ ބޭނުމުގައި ކޮވިޑަށް ޓެސްޓު ކުރާކަށް ވެސް ނުޖެހޭނެ ކަމަށެވެ. އަދި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވިޔަސް އަލާމާތެއް ނެތް ނަމަ ޓެސްޓުކުރާކަށް ނުޖެހެ އެވެ.

އެކަމަކު އެ މުއްދަތުގެ ތެރޭގައި، ބައްޔަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ މީހާގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ލިބެންދެން މަޑުކުރަންޖެހެނޭ އެވެ.

އެ މީހަކު ދިރިއުޅޭ ގެ މޮނިޓަރިންގެ ހާލަތުގައި ހުރިނަމަ، ބަލިން ފަސޭހަވިތާ 60 ދުވަސް ހަމަނުވިޔަސް ކަރަންޓީނުގައި ހުންނަންޖެހެ އެވެ.

ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނާތީ، ސަރުކާރުން ވަނީ މާދަމާއިން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ނިންމައިފަ އެވެ. އޭގައި، ކޮވިޑުން ރަނގަޅުވި މީހުންނަށް ކަރަންޓީނަކާ ނުލައި ދަތުރުކުރެވޭ ގޮތް ހަމަޖެއްސުމާއި ކެފޭ/ރެސްޓޯރެންޓުތައް ހުޅުވައި ހިދުމަތް ދިނުން ހިމެނެ އެވެ. ނަމަވެސް އެ ބަދަލުތައް ދިންއިރު، ވެކްސިންގެ ދެ ޑޯޒް ހަމަކުރި މީހުންނަށް އެއްވެސް ލުއެއް ދީފައިނުވާތީ ބޮޑެތި ފާޑުކިޔުން އަމާޒުވެފައި ވެ އެވެ.