30 ޖޫން 2021 - 15:15

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އެދުނުތާ ހަފްތާއެއް ވީ އިރު ވެސް އަދިވެސް އެކަމުގައި ކޯޓުން ގޮތެއް ނުނިންމާ ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ހޯދަން ފުލުހުން ކޯޓުގައި އެދުނީ، މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.
މީގެ ކުރިން ވެސް އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓި ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ނިންމަވައިފަ އެވެ. އެއީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިއުމަށް ހަތަރު މަހަށެވެ.
އެ އަމުރުގެ މައްސަލަ ދައުލަތުން މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރި ނަމަވެސް، ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އޭނާ ކޯޓަށް ހާޒިރުވެއްޖެ ނަމަ އަދިވެސް އެ މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަތް ދައުވާ އުފުލާފައިވާ އިރު، އޭނާއަށް ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވެވޭ ގޮތް ގާޒީ ހަސަން ސައީދު ވަނީ ހަމަޖައްސަވައިދެއްވައިފަ އެވެ. އަދި އެގޮތަށް މިހާރު ވަނީ އަޑުއެހުންތައް ބާއްވަން ފައްޓަވައިފަ އެވެ.
ޕީޖީ އޮފީހުން ބުނެފައި މިއީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގައި ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެއީ ޝަރީއަތް ހިންގޭނެ ގޮތެއް ނޫން ކަމަށް އެ އޮފީހުން ބުނެ އެވެ. އޮންލައިންކޮށް ޝަރީއަތް ހިންގަން ނިންމި ނިންމުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.