30 ޖޫން 2021 - 13:29

ރަނގަޅު ސީސީޓީވީގެ ނިޒާމަކުން މާލެ ސަރަހައްދު ގުޅާލުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ހުރިހާ މިސްކިތެއްގައި ކެމެރާ ހަރުކުރަން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ މިސްކިތްތަކުގައި ކެމެރާ ހަރުކުރަން ނިންމީ މިފަހުން އެ ތަންތަނުގައި ވިޔާނުދާ އަމަލުތައް ހިންގާކަން ފާހަގަކުރެވިފައި ވާތީ ކަމަށެވެ.
"އެހެންވީމަ މިސްކިތްތައް ރަނގަޅަށް ބެލެހެއްޓޭނެ ގޮތެއް ހެދުމުގެ ގޮތުން އަޅުގަނޑުމެންގެ ސީސީޓީވީ ޕްރޮޖެކްޓުގެ އެންމެ ފުރަތަމަ އަމާޒަކީ މިސްކިތްތައް ކަވަކުރުން،" މޭޔަރު ވިދާޅުވި އެވެ.
މި މަސައްކަތްތަށް ދާނެ ހަރަދު ބެލުމާއި ކުރަންޖެހޭ ސާވޭ ހެދުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމިއިރު، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދައި އެއްޗެހި ދޮވެ އަދި އެކަށީގެންނުވާ އެހެން ކަންކަމުގައި އެ ތަންތަން ބޭނުންކުރާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
މަސްތުގެ ހާލަތުގައި މިސްކިތް ތެރޭގައި ނިދައިފައި ތިބި މީހުންގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ.
މާލޭ ވިޔަފާރިވެރިންގެ މިސްކިތް ތެރެއިން މަސްތުވާތަކެއްޗާ އެކު މި މަހު 14 ގައި ފުލުހުން ވަނީ މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ސެލޯފިން ކޮޅުތަކަކާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 24 އަހަރުގެ ފިރިހެނެކެވެ.