23 ނޮވެމްބަރ 2016 - 19:38

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި އާމްދަނީ ލިބެން އޮތީ ހަމައެކަނި ޓެކްސް ނަގައިގެން ކަމަށާއި ރައްޔިތުންގެ ކަރުގައި ހިފަން ހެޔޮ ނުވާނެ ކަމަށް ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މިއަދު ވިދާޅުވެއްޖެ އެވެ.
ބަޖެޓު ދިރާސާ ކުރި ކޮމެޓީން މަޖިލިހަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން މުސްތަފާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެ ގޮތެއް ނެތް ކަމަށެވެ. އަދި މިދިޔަ ދެ އަހަރަށް ބަލާއިރު، މި ބަޖެޓުގައި ލިބޭނެ ކަމަށް ބުނާ އާމްދަނީ އާ ގާތަށް ވެސް ފައިސާ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވި ގޮތުގައި ދައުލަތަށް 21.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައި އޮތަސް، އަންނަ އަހަރު 15 ބިލިއަނަށް ވުރެ އިތުރަށް އެންމެ ފައިސާއެއް ވެސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަކަށް ލަފާ ނުކުރެވެ އެވެ. އަދި މިއީ އޮޅުވާލަން ޖަހާފައި ހުރި އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން ހަ ބިލިއަން އެބަ ދައްކަން ޖެހޭ ދަރަންޏަށް. އެހެންވީމަ ބާކީ ނުވަ މިލިއަން ރުފިޔާ އަކީ ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކުރަން ހުރި ފައިސާ،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ހުށަހެޅި ބަޖެޓުން ޓެކްސް ނޫން ގޮތަކަށް ފައިސާ ހޯދޭނެ ގޮތެއް ބަޖެޓަކުން އެނގެން ނެތް ކަމަށެވެ. އާމްދަނީ ލިބޭނެ ގޮތްތައް ހޯދައިގެން ނޫނީ ރައްޔިތުން ބޭނުންވާ ތަރައްގީއެއް މި ގައުމަކަށް ނުހޯދޭނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"ރައީސް ނަޝީދު ސަރުކާރުގައި ޓެކްސް ނަގަން ފެށުމަކީ ލިބުނު ރަހްމަތެއް. އެހެން ނޫނީ ކިހިނެއް ދިރިއުޅޭނީ؟" ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ސިޔާސަތުތަކަށް ދެކޮޅު ހައްދަވައި މުސްތަފާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވިސްނުންފުޅުގައި ހުރީ 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށާއި އަނިޔާވެރިކަމާއި ބަދަލުހިފުމާއި ޖަދަލުކުރުމާއި ވެރިކަމާ ދެކޮޅު މީހުން ގެންގޮސް ހައްޔަރު ކުރަން ކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ކަރުގައި ނުހިފައި، ރައީސްކަމުން އިސްތިއުފާ ދެއްވުމަށާއި ރައްޔިތުން އިތުރަށް ނިކަމެތި ނުކުރުމަށް މުސްތަފާ ގޮވައިލެއްވި އެވެ.
މީގެ އިތުރުން މުސްތަފާ ވަނީ ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވައިލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ރާއްޖޭން ދެއްކި ގޮތާ މެދު ސުވާލު އުފައްދަވައިފަ އެވެ.
"ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ޖީއެމްއާރަށް ދިނީ. ރައްޔިތުން ކާން ބޯން ހުރި ފައިސާކޮޅު ދިނީ. މި ބަޖެޓުން ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އާއި އާއިލާއަށް ފައިދާ ކުރާނެ،" މުސްތަފާ ވިދާޅުވި އެވެ.
އާމްދަނީ އިތުރު ކުރުމަށް އެކި ޓެކްސްތައް ބޮޑުކޮށް، ބައެއް އާ ފީތައް ނަގަން ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 26.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެއީ މައި އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި ނެގުމުގެ އިތުރުން، ބިން ހިއްކައި ގެސްޓްހައުސް ފަދަ ތަންތަން ހަދަން ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި މާލޭގައި ދުއްވާ އެއްގަމު އުޅަނދުން ކޮންޖެސްޝަން ފީއެއް ނެގުމާއި ދުންފަތުގެ ބާވަތްތަކާއި ފިޒީ އަދި އެނާޖީ ބުއިންތަކުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމާއި ޓެކްސީގެ އިތުރު 400 ލައިސަންސް ވިއްކުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިވިޑެންޓް 60 ޕަސެންޓަށް ބޮޑުކުރުމާއި އެސްއީޒެޑްގެ އިކުއިޒިޝަން ފީ ނެގުން ހިމެނެ އެވެ.