30 ޖޫން 2021 - 12:17

ސަރުކާރުން ދޫކުރި ލޯނުތަކުގެ ތެރެއިން ރެސްޓޯރެންޓުތަކަށް ލިބުނީ ހަތަރު ލޯނު ކަމަށް ބުނެ ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ދެއްކި ވާހަކަތައް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ދޮގުކުރައްވައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީި ރޭމުން ނޫސްތަކަށް ދިން މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. އެގޮތުން، ބީއެމްއެލް މެދުވެރިކޮށް ވެސް ފަސް ރެސްޓޯރެންޓު ވިޔަފާރިއަކަށް 16 މިލިއަން ރުފިޔާގެ ލޯނުތައް ދޫކުރިކަމަށް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވިގޮތުގައި ބީއެމްއެލްގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް ވެސް ރެސްޓޯރެންޓުތަކާއި ކެފޭ އަދި ހޮޓާތަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ. އެ ބޭންކު މެދުވެރިކޮށް ސަރުކާރުން 156 ވިޔަފާރިއަކަށް 33 މިލިއަން ރުފިޔާގެ ލޯނު ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބީއެމްއެލް އިން ދޫކުރި ލޯނުތަކުގެ ތެރޭގައި ފަސް ފަރާތަކަށް ޖުމްލަ 16 މިލިއަން ރުފިޔާގެ ލޯނު ކެފޭ، ރެސްޓޯރެންޓުތަކަށް ދޫކޮށްފައި އެބަވޭ. އެސްއެމްއީ ބޭންކުގެ ފަރާތުން 156 ރެސްޓޯރެންޓަށް ޖުމްލަ 33 މިލިއަން ރުފިޔާ ލޯނު ވަނީ ދޫކުރެވިފައި. މި 156 ފަރާތުގެ ތެރެއިން 90 ފަރާތަކީ މާލެ ރީޖަނަށް ނިސްބަތްވާ ކެފޭ، ރެސްޓޯރެންޓުތައް" ފައްޔާޒު ވިދާޅުވި އެވެ.
ރޭމްގެ ޖަމިއްޔާގެ ރައީސް ހާމިދު އަފީފް ވިދާޅުވި ގޮތުގައި ރެސްޓޯރެންޓު ދާއިރާގެ ގިނަ ވިޔަފާރިވެރިން ބޭނުންވަނީ އިސްލާމިކް ފައިނޭންސިން އެވެ. އެ ފައިނޭންސިންއަށް އެދި ސަރުކާރުގައި އެދުމުން ވެސް ދެނީ ބީރު ކަންފަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރެސްޓޯރެންޓުތަކަށް ގެއްލުން ވާތީ އެ ޖަމިއްޔާއިން ވަނީ މިދިޔަ ހޯމަ ދުވަހު މުޒާހަރާ ވެސް ކޮށްފަ އެވެ. އެ ޖަމިއްޔާއިން ވަނީ ހުރިހާ ވިޔަފާރިއަކަށް ވެސް ހަމަހަމަ ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.
ސަރުކާރުން އިއްޔެ އިއުލާން ކުރި ލުއިތަކާއެކު މާދަމާއިން ފެށިގެން ރެސްޓޯރެންޓުތަކުގައި ކާފިއު ގަޑި ނޫން ވަގުތުތަކުގައި ޑައިނިންގެ ހިދުމަތް ދެވޭނެ އެވެ.