30 ޖޫން 2021 - 12:06

މި ހަފުތާގައި ނިމުނު އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޖޯޒީ ލައިގެން އިންޑިއާގެ ދުވުންތެރިޔަކު ދުވެފި އެވެ.
އަންހެނުންގެ ހަތަރެއް ގުނަ 100ގެ ރިލޭ އިވެންޓްގައި، ރާއްޖޭގެ ޓީމުން ރިލޭ ފެށީ އިންޑިއާގެ އެތުލެޓީކެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ، އެގޮތަށް ހަދަން ޖެހުނީ ރާއްޖޭގެ ރިލޭ ޓީމުގައި ހިމެނުނު އެތުލީޓް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމަށެވެ.
"އޭގެ ބޭނުމަކަށްވީ މުބާރާތުގައި ބައިވެރިވާން ދިޔަ އަޅުގަނޑުމެންގެ އެތުލީޓުންނަށް ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން،" ތޮލާލް ވިދާޅުވި އެވެ. "އަޅުގަނޑު ނުދެކެން އެއީ މައްސަލައެއް ކަމަކަށް. އެ މުބާރާތަށް ދާން އޮތް ޓީމުގެ ކުއްޖަކު ޕޮޒިޓިވް ވީމަ ދެން ތިބި ދުވުންތެރިންނަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނަ ނުދޭން އެގޮތަށް ހެދީ."
އޭނާ ވިދާޅުވީ އެ އިވެންޓުން ގައުމީ ރެކޯޑެއް ހެދޭ މިންވަރަށް ރާއްޖޭގެ ދުވުންތެރިންނަށް ނިންމުނަސް ބޭރުގެ ދުވުންތެރިޔަކު ދުވެފައި ވުމުން ގައުމީ ރެކޯޑްގެ ގޮތުގައި ނުހިމަނާނެ ކަމަށެވެ.
އިންޑިއާގެ މުބާރާތުގައި ރާއްޖޭގެ ފިރިހެން ރިލޭ ޓީމުވެސް ވާދަ ކުރި އެވެ. އިންޑިއަން ސްޓޭޓް ޗެމްޕިއަންޝިޕްގައި 2014 އަދި 2019 ގައިވެސް ރާއްޖެއިން ވާދަ ކުރި އެވެ. މިފަހަރު މުބާރާތުގައި ޝްރީ ލަންކާ، ބަނގުލަދޭޝް، ބޫޓާން އަދި ކަޒަކިސްތާނުންވެސް ވާދަ ކުރި އެވެ.