އަކްޝޭގެ އާ ފިލްމަކީ "މިޝަން ސިންޑްރެއްލާ"
އަކްޝޭގެ އާ ފިލްމަކީ "މިޝަން ސިންޑްރެއްލާ"

އަންނަ މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ޝޫޓިން ފަށަން ނިންމާފައިވާ އަކްޝޭ ކުމާރުގެ އާ ފިލްމުގެ ނަމަކަށް "މިޝަން ސިންޑްރެއްލާ" ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ މި މަހުގެ 27 ގައި ރިލީޒްކުރާ އަކްޝޭގެ "ބެލް ބޮޓަމް" ގެ ޑައިރެކްޓަރު ރަންޖީތު ތިވާރީ ހަދާ ފިލްމެކެވެ. އަދި "މިޝަން ސިންޑްރެއްލާ" ގެ ޕްރޮޑިއުސްކުރަނީ ވެސް "ބެލް ބޮޓަމް" ގެ ޕްރޮޑިއުސްކުރި ޖެކީ ބަގްނާނީގެ ޕޫޖާ އެންޓަޓައިންްމަންޓާއި އަކްޝޭގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް ގުޅިގެންނެވެ.

"މިޝަން ސިންޑްރެއްލާ" އަކީ 2018 ގައި ރިލީޒްކުރި ތަމަޅަ ސައިކޮލޮޖިކަލް ކްރައިމް ތުރިލާ "ރަތުސަސަން" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. މީގައި ކިޔައިދެނީ ފުރާވަރުގެ އަންހެން ކުއްޖަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނިގެން އެ ހާދިސާ އަށް ފިލްމެއް ހަދަން މަސައްކަތްކުރާ ޒުވާނަކު، އާއިލީ ފިއްތުންތަކާ ހެދި ފިލްމު ހެދުމުގެ ހިޔާލު ދޫކޮށްލައި، ފުލުހަކަށްވުމުން ދިމާވާ އާދަޔާހިލާފު ހާދިސާތަކެކެވެ.

"ރަތުސަސަން" އަކީ ރާމް ކުމާރު ޑައިރެކްޓްކޮށް، ވިޝްނޫ ވިޝާލް އާއި އަމާލާ ޕޯލް މައިގަނޑު ރޯލުތައް ކުޅުނު ފިލްމެކެވެ.

"މިޝަން ސިންޑްރެއްލާ" ގައި އަކްޝޭއާ އެކު ބަތަލާގެ ރޯލު ކުޅޭނީ ރަކުލް ޕްރީތު ސިންގް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ރަތުސަސަން" ގެ ހިންދީ ރިމޭކް ކުޅެން އަކްޝޭ ތައްޔާރުވާ އިރު، މިދިޔަ އަހަރު ރިލީޒްކުރި އޭނާގެ ހޮރޯ-ކޮމެޑީ "ލަކްޝްމީ" އަކީ ތެލެގޫ ފިލްމު "ކާންޗަނާ" އަސްލަކަށް ބަލައިގެން ހެދި ފިލްމެކެވެ. އަދި އަންނަ އަހަރު ރިލީޒްކުރާ އަކްޝޭގެ "ބައްޗަން ޕާންޑޭ" އަކީ 2014 ގެ ތަމަޅަ ފިލްމު "ޖިގަރްތަންޑާ" އަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.

އޭނާގެ ދެހާސް ބާރައިގެ އި "ރައުޑީ ރާތޯޑް" އަކީ ވެސް އިންޑިއާގެ ދެކުނު ފިލްމެއްގެ ރިމޭކެކެވެ. އެއީ 2006 ގެ ތެލެގޫ ފިލްމު "ވިކްރަމަކުތްކުޅޫ" ގެ ރިމޭކެވެ.

އަކްޝޭ މި ވަގުތު އަންނަނީ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "ރަކްޝާބަންދަން" ގެ މަސައްކަތް ކުރަމުންނެވެ. މި އަހަރުގެ ތެރޭގައި އޭނާ ޝޫޓިން ނިންމަން އަމާޒު ހިފާފައިވާ ފިލްމުތަކުގެ ތެރޭގައި "ރާމް ސެތޫ" އާއި އޯ މައި ގޯޑް (އޯއެމްޖީ) 2 ހިމެނެ އެވެ.

ރިލީޒްވާން ހުރި އަކްޝޭގެ ފިލްމުތަކުގެ ތެރޭގައި "ބެލް ބޮޓަމް" ގެ އިތުރުން "ސޫރިޔަވަންޝީ" އާއި "އަތުރަންގީ ރޭ" އަދި "ޕްރިތުވީރާޖް" ހިމެނެ އެވެ.