30 ޖޫން 2021 - 11:25

ސަރުކާރުގެ އެންގުމާ އެއްގޮތަށް އުރީދޫ ސުޕަނެޓު ޕެކޭޖުތައް އަގުހެޔޮކޮށް މިއަދު އިއުލާންކޮށްފި އެވެ.
އުރީދޫން ބުނީ ސަރުކާރުގެ ނިންމުމާ އެއްގޮތަށް އެ ކުންފުނީގެ ސުޕެނެޓު ޕެކޭޖުތަކަށް އާ ހަތަރު ޕެކޭޖެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެއީ 250ރ. އަށް 30ޖީބީ ލިބޭ ޕެކޭޖަކާއި 400ރ. އަށް 65ޖީބީ ލިބޭ ޕެކޭޖެއްގެ އިތުރުން 500ރ. އަށް 130ޖީބީ ލިބޭ ޕެކޭޖަކާއި 700ރ. އަށް 210ޖީބީ ލިބޭ ޕެކޭޖަކެވެ.
މި ޕެކޭޖުތަކުގެ ތެރެއިން 30ޖީބީ ޕެކޭޖުގެ ތްރޮޓަލް ސްޕީޑަކީ 2އެމްބީޕީއެސް އެވެ. ސުޕަނެޓުގެ އެހެން ހުރިހާ ޕެކޭޖެއްގެ ތްރޮޓަލް ސްޕީޑު 5އެމްބީޕީއެސް އަށް ވުރެ ދަށް ނުވާނެ ކަމަށް އުރީދޫން ބުންޏެވެ.
އަލަށް ތައާރަފު ކުރި މި ޕެކޭޖުތައް މާދަމާއިން ފެށިގެން އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ އެވެ.
އުރީދޫން ވަނީ އާ ޕެކޭޖުތަކުގެ އިތުރުން މިހާރު ހުރި ޕެކޭޖުތަކުގެ އެލަވެންސް ވެސް ދެގުނަ އިތުރުކޮށްފަ އެވެ. މި ބަދަލާއެކު ކުރިން 200ޖީބީ ލިބޭ ޕެކޭޖުތަކުން 400ޖީބީ އިތުރު ޗާޖަކާއި ނުލައި ލިބޭނެ އެވެ.
އުރީދޫ ބިލުތައް ތައްޔަރު ކުރަނީ ކޮންމެ މަހެއްގެ 15-15 އަށެވެ. އެހެންކަމުން މި މަހުގެ ބިލުގެ ބާކީ 15 ވަނަ ދުވަހަށް ވާ އިތުރު ޑޭޓާ މާދަމާ އިތުރުވާނެ ކަމަށް އުރީދޫން ބުންޏެވެ.
އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވީ ދިވެހިންނަށް އިންޓަނެޓު ބޭނުން ކުރުމުގައި ލުއި ގޮތްތަކެއް ހޯދައި ދިނުމަކީ އުރީދޫގެ މަގުސަދެއް ކަމަށެވެ. މިގޮތުން، ސަރުކާރާއި ގުޅިގެން އަގުހެޔޮކޮށް ރައްޔިތުންނަށް އިންޓަނެޓު ފޯރުކޮށްދިނުމަށް އުރިދޫން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިޖިޓަލް ހިދުމަތް ބެނުން ކުރަންޖެހޭވަރު އިތުރުވެ، އާއްމު ދިރިއުޅުމުގެ ކަންކަމަށްވެސް އިންޓަނެޓުގެ މުހިންމުަކން މިއަދު މިވަނީ އިތުރުވެފައި. ރައްޔިތުންނަށް ފުރިހަމަ އިންޓަނެޓުގެ ތަޖުރިބާ ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުންދީ މިހާރު މިވަނީ ޕެކޭޖުތައް ތައާރަފުކުރެވިފައި،" ނަޖީބު ޚާން ވިދާޅުވި އެވެ.
ޕެކޭޖުތަކާ އެކު އާ ހިދުމަތްތަކެއް ވެސް އުރީދޫން ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން، އެ ކުންފުނީގެ 35އެމް އިން ޕެށިގެން މަތީ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް މާދަމާއިން ފެށިގެން އުރީދޫގެ ކްލަބް ޕްރިމިއާ ރިވާޑް ސްކީމުގެ ހިދުމަތް ލިބޭނެ އެވެ. ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ބްރޭންޑުތަކާއިންނާއި ރެސްޓޯރެންޓުތަކުން ހާއްސަ ޑިސްކައުންޓު ލިބޭނެ އެވެ. އަދި ކްލަބް ޕްރިމިއާ ލައުންޖަށް އެކްސެސްވުމުގެ ފުރުސަތު ވެސް އެ ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އުރީދޫން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހު ބޭނުން ކުރެވޭ ގޮތް ވެސް ހަދައިދީފަ އެވެ.