30 ޖޫން 2021 - 07:49

އާދިއްތަ ދުވަހާ ގުޅޭ
"ދަރިފުޅާ! މަންމަ މި ގެއިން ނެރޭ!" ފުރަތަމަ ވެސް ހަސްނާ ބުނީ އެހެންނެވެ. "އެ މީހުން އުޅެނީ މަންމަ މަރާލަން."
އެ ދުވަހު ހަސްނާ ވާހަކަދެއްކީ، ކުރިން ވާހަކަދައްކާ މޮޔަ ރާގަކަށް ވެސް ނޫނެވެ. ހަސްނާގެ ވާހަކައިން އެނގުނު ގޮތުގައި ހަސްނާގެ ގެއަކީ އެ ސޯފާއެވެ. އެހެން ތަނެއްގައި އިށީނުން ހަސްނާއަށް މަނައެވެ. ނިދަނީ ވެސް އެ ތަނުގައެވެ. އެކަކު ވެސް އަޅައެއްނުލައެވެ. ހާންތިވާ އިރު ވެސް ކާއެތިކޮޅެއް ނުދެއެވެ. ހަސްނާ ދެއްކި އެއްވެސް ވާހަކައަކީ ގަބޫލުކުރަން ފަސޭހަ ވާހަކައެއް ނޫނެވެ. އެ ކަން ވެސް ހަސްނާއަށް އެނގެއެވެ. އަނގައިން ނުބުނަނީ އެހެންވެއެވެ.
"ހެޔޮނުވާނެ އަހަރެން މިގެއިން ނެރޭ!" ހަސްނާގެ އާދޭހަކީ އެއީއެވެ. "މާމަ ކައިރީގަ މި ވާހަކަ ނުބުނާތި! ޖީޒާއަކީ މާމަގެ ވަރަށް ގާތް އެކުވެރިއެއް. އޭނައަށް އެއްވެސް ވާހަކައެއް އަންގައިފިއްޔާ މާމައަށް އެނގޭނެ."
ދެމައިންގެ މެދުގައި ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. ޖީޒާ ބުނީ ތެދެއްކަން މަލްހާއަށް ޔަގީންކުރެވުނެވެ. މަންމަ މޮޔައެއް ނޫނެވެ. މަންމަ އުޅެނީ މޮޔައަކަށް ހެދިގެންނެވެ. ކީއްވެގެން ހެއްޔެވެ؟ އެ ސުވާލަށް ޖަވާބުދޭން ހަސްނާ ބޭނުންވަނީ އެ ގެއިން ނުކުމެފައެވެ. އެކަމަކު މަންމަ ވައްދާނީ ކޮން ގެއަކަށް ހެއްޔެވެ؟ މަލްހާ ހިތަށްއެރިއެވެ. ޖީޒާއަށް ކަންކަން ސިއްރުކޮށްގެން މަލްހާއަކަށް އެއްވެސް މަގެއް ނުފެންނާނެއެވެ. މަލްހާގެ އުމުރު ހަގެވެ. ވަޒީފާއެއް ނެތެވެ.
ގެއަށް އައިސް އެތައް އިރަކު ވިސްނުމަށް ފަހުގައި، ޖީޒާއަށް މަލްހާ އެ ވާހަކަތައް ކިޔައިދިނެވެ. އެހެން ގޮތެއް ނެތީއެވެ. މަލްހާއަށް ޔަގީނެވެ. ޖީޒާ އެހީވެދޭނެއެވެ.
"އެހާ ރީތިކޮށް މަންމައަށް ވާހަކަދެއްކޭ ކަމަކަށް އަހަރެން ހީ ވެސް ނުކުރަން،" ހައިރާންވެފައި މަލްހާ ބުންޏެވެ. "ކީއްވެގެންބާ މަންމައަށް އެހާ ގޯސްކޮށް ކަންތައްކުރަނީ؟ މާމަ ލޯބިނުވަނީތަ؟"
ޖަވާބު ޖީޒާއަށް ވިސްނެއެވެ. ބުނާކަށް ފަސޭހައެއް ނުވިއެވެ.
"މަ ބުނާނެ ވާހަކައެއް ނެތް. މަންމަ އެ ގެއިން ނެރޭ!" ޖީޒާގެ އެދުމަކީ އެއީއެވެ. "އަހަރުމެން އެބަ ޖެހޭ މަންމަ ސަލާމަތްކުރަން."
ބޮޑު މައްސަލައެއް ކުރިމަތިވުމުން އޭރު އަންގަނީ ސިފައިންގެއަށެވެ. ފުލުހުން އޭރަކު ނޫޅެއެވެ. ވީމާ، ސިފައިންގެއަށް އަންގަން ވެސް މަޝްވަރާކުރެވުނެވެ. އެކަމަކު އަސްލު މައްސަލައެއް ނޭނގެއެވެ. ކުށެއް ނޭނގެއެވެ. ދައުވާކުރަންވީ ކާކަށް ހެއްޔެވެ؟ ޖީޒާގެ އެންމެ ގާތް އެކުވެރިޔާ ރާމިޒާއަށް ހެއްޔެވެ؟ އެއީ މަލްހާގެ މާމައެވެ. ހަސްނާގެ މަންމައެވެ. ކުރަން ބޭނުންވިޔަސް އެއީ ކުރަން ފަސޭހަކަމެއް ނޫނެވެ. އަމުދުން ހަސްނާގެ ނިތްކުރީގައި މޮޔައެއް ކަމުގެ ސިއްކަ ޖެހިފައިވާ އިރު، ހަސްނާގެ ވާހަކަ ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ އެ ކަމާ އުޅެން ހުރީ މަލްހާއެވެ. އޭރު ވެސް މަލްހާއަށް އަށާރަ އަހަރެއް ނުފުރެއެވެ. ހަސްނާ އެ ގެއިިން ނެރެގެން ޖީޒާގެ ގެއަށް ގެނެވިދާނެއެވެ. މައްސަލައަކީ ޖީޒާއާއި ރާމިޒާގެ މެދުގައި އޮތް އެކުވެރިކަމަށް ބުރޫއެރުން އެކަންޏެއް ނޫނެވެ. ޖީޒާއަށް ވަނީ ދުނިޔެ ފެނިފައެވެ. ބާރީއަކީ ބޯޓުދަތުރުކުރާ މީހެކެވެ. ފުރާނެ ދުވަހެއް ނޭނގެއެވެ. މަލްހާ ކަހަލަ ރީތި ކުއްޖަކު ގޭގައި ބެހެއްޓުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ. ބާރީއަށް އިތުބާރު ނުކުރެވެނީއެއް ނޫނެވެ. ޖީޒާގެ ހިތް ނުތަނަވަސްވަނީއެވެ. ދާއިމީ ހައްލަކީ، ހަސްނާ ގޮވައިގެން މަލްހާ އެހެން ތަނަކަށް ބަދަލުވުމެވެ. އެ މައްސަލައިގެ ތެރެއިން ޖީޒާ ނުކުތުމެވެ.
"މަލްހާ މި ކަމާ އުޅެން ޖެހޭނީ،" ބުނެވެން އޮތް ގޮތަށް ޖީޒާ ބުންޏެވެ. "އަށާރަ ފުރެންވާ އިރަށް ތިޔަ ކިޔަވާ އެއްޗެއް ކިޔަވާ ނިންމާ! ވަޒީފާއެއް ވެސް ހޯދާ! ވީހާ ވެސް އަވަހަކަށް މަންމަ އެ ގެއިން ނެރެން އެބަ ޖެހޭ! ވެގެން އުޅޭ ގޮތް ބަލަން ވެސް އެބަ ޖެހޭ! އަހަރެން އެހީވާނަން."
"އެކަމަކު ތީ މާމަގެ ރައްޓެއްސެއްނު!" މަލްހާ ބުންޏެވެ. "މާމަޔާ ވާހަކަދައްކަންވީނު."
"އަހަރެން ވެެސް ހީކުރީ އަހަންނަކީ މާމަގެ ގާތް އެކުވެރިއެއް ކަމަށް،" ފިކުރަކަށް ގެއްލިފައި ހުރެގެން ޖީޒާ ބުންޏެވެ. "އެކަމަކު އެހެނެއް ނުވި. މަލްހާގެ މަންމަ ކުޑަ އިރު ވެސް އަހަރެން ދެކެން. ނުލާހިކު ލޯބިކޮށް ހުންނަ ކުއްޖެއް އެއީ. މަންމަގެ ޒުވާން ދުވަސްވަރު މަންމަ މަގުމަތިން ދާ އިރު އެއްވެސް ފިރިހެނަކަށް ނުކެރޭނެ އެހެން ދިމާއެއް ބަލާކަށް. ހަމަ ހުރެފަ މީހަކު ދުނިޔެއިން މޮޔައެއް ނުވާނެ. މަލްހާ ގިނަގިނައިން އެ ގެއަށް ދާން ފަށައިފިއްޔާ، ކުރިން ނޭނގޭ ވަރަށް ގިނަ އެއްޗެހި އެނގޭނެ. މަ ބުނީތީ ވެސް ބަލާތި!"
މަލްހާއާއި ހަސްނާ ގިނަގިނައިން ބައްދަލުކުރަން ފެށިއެވެ. ރާމިޒާއަކަށް އެ ކަން ކަމަކުނުދިޔައެވެ. އެކަމަކު ހުއްޓުވޭނެ ގޮތެއް ވެސް ނެތެވެ. މަލްހާގެ ވެސް ގެއެވެ. މަލްހާގެ މަންމައެވެ. ހަސްނާއަށް ލިބުނު އަނިޔާއެއް ލިބުނީ، ރާމިޒާ ނަގަންޖެހޭ ޒިންމާ ނުނެގީމައެވެ. ހުއްޓުވަންޖެހޭ ކަންކަން ނުހުއްޓުވީމައެވެ. ނުކުރަންވާ ކަންތައްތަކެއް ކުރެވުނީމައެވެ. އެ ހުރިހާ ކަމަކަށް ރާމިޒާ ވިސްނިއެވެ. ފިރިހެންދަރިފުޅާ ދިމާއަށް އެއްޗެއް ބުނާނެ ހިތްވަރެއް ރާމިޒާގެ ނެތެވެ.
ހަސްނާއާއި މަލްހާގެ ގުޅުން ބަދަހިވަމުންއައީ ވަރަށް ހަލުވި ދުވެއްޔެއްގައެވެ. ލޯބި ނުވާކަމަށް މަލްހާ ހީކުރި މަންމަގެ ލޯބި ވެސް މަލްހާއަށް ލިބެން ފެށިއެވެ. މެންދުރު ކެއުމާއި ހަވީރު ސައިގައި ދެމައިން އެކުގައި ބައިވެރިވާން ފެށިއެވެ. އެކަމަކު ހަވީރު ހައެއް ޖެހުމުގެ ކުރިން މަލްހާ ފޮނުވައިލަން ހަސްނާ ބޭނުންވެއެވެ. އޭގެ ސިއްރެއް މަލްހާއަކަށް ނޭނގެއެވެ. ވިއްސާރަ ދުވަހަކު ކާރެއް ނުލިބުނަސް، ކުޑައެއް ދީފައި ނަމަވެސް ގެއަށް ދިއުމަށް ހަސްނާ އެދެއެވެ. ސަބަބު ހާމަނުކޮށް ވަރަށް ގިނަ ދުވަހު ހަސްނާ ހިފޭއްޓި ވެސް މެއެވެ. އެކަމަކު ބޮޑު ސިއްރު ހާމަވާން މެދުވެރިވި ސަބަބަކީ ވެސް ހަވީރު މަލްހާ ގެއަށް ފޮނުވައިލާ މައްސަލައެވެ.
ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ހަސްނާއާއި މަލްހާ ތިބީ ސައިބޯށެވެ. މަލްހާޔާ ވާހަކަދެއްކިޔަސް، އޭރު ވެސް ހަސްނާ ގައިންތާހިރުވުމަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. މަލްހާޔާ ވާހަކަދައްކަނީ ވެސް، ދެކޮޅު ބެލުމަށް ފަހު ދަނޑިވަޅު ހޯދައިގެންނެވެ.
"މަންމަ ފެން ނުވަރާ ހަޑިކޮށް މިހެން ހުންނަނީ ކީއްވެގެންކަން ދަރިފުޅަށް އެނގޭތަ؟" ހަމަ އެހެން އިނދެލައިފައި ހަސްނާ މަޑުމަޑުން ބުންޏެވެ. "ބޭބެ ބެހޭ ވަރުން."
މަލްހާ ހިފާއްޓައިގެން ހުރި ސައިތަށި އަތުން ދޫނުވީ ކިރިޔާއެވެ.
"ބައްޕަ މަރުވި ދުވަހުން ފެށިގެން ކޮންމެ ރެޔަކު ވެސް ބޭބެ އަހަންނާ ބެހޭ،" ހަސްނާ އިތުރަށް ބުންޏެވެ. "ރިއްފަތު އަހަރެން ވަރިކުރީ ވެސް އެހެންވެ! އެހެންވެ އަހަރެން ބަނޑުބޮޑުވީމަ ރިއްފަތު ނައީ ވެސް. ދެން މިހާރު ފެންނުވަރާ، މޮޔައެއްހެން ހަޑިކޮށް އިނީމަ އަހަރެން ގައިގަ ބޭބެ އަތެއް ނުލާނެއްނު!"
ބުނަން އެހާ އުނދަގޫ ވާހަކައެއް ހަސްނާ ބުނިލެއް ފަސޭހަކަމުން މަލްހާ ހައިރާންވިއެވެ. އެއީ، އެ ފަދަ ވާހަކައެއް މަލްހާއަށް އިވުނު ފުރަތަމަ ފަހަރެވެ. ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ދެން ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ.
"ދަރިފުޅަކަށް ގަބޫލެއް ނުކުރެވޭ ދޯ؟" ހަސްނާ ސުވާލުކުރިއެވެ. "މާމަ ކައިރީގަ އަހާބަލަ!"
"މާމައަށް އެނގޭ؟" ހައިރާންވެފައި މަލްހާ އެހިއެވެ. "ކީކޭ މާމަ ބުނީ؟"
"ފެންނަކަމަށް ހަދާ ނަމަތާ!" ހަސްނާ ބުނި އެއްޗަކަށް ހެކިދިނީ އޭނަގެ ލޮލުން ފޭދުނު ކަރުނައެވެ. "ކިތެއް ރޭ! ކިތެއް ދުވަހު! އަހަރެން ރޮއެ އާދޭސްކޮށްފަ ބުނިން ތިހެން ނަހަދާށޭ. މީހުން ބުނެއެއްނު މަންމަގެ ފައިތިލަ ދަށުގައޭ ސުވަރުގެ އޮންނަނީ. އެ ދެފައިގަ ހިފާފަ އަހަރެން ބުނިން އަހަރެން ސަލާމަތްކޮށްދޭށޭ! އަޅާ ވެސް ނުލި. އެކަމަކު ނަސީބަކުން ދަރިފުޅު ސަލާމަތްކޮށްދީފި."
ހޯދަން ބޭނުންވި ހުރިހައި ސުވާލެއްގެ ޖަވާބު ހިފައިގެން މަލްހާ ގެއަށް އައެވެ. އެއްވެސް މީހެއް ކައިރީގައި އެ ވާހަކަދައްކާކަށް މަލްހާ ބޭނުމެއް ނޫނެވެ. ދައްކާނެ ހިތްވަރެއް ވެސް ނެތެވެ. ދެން ފާއިޒު ފެންނަ ހިސާބަކަށް ވެސް ދާކަށް މަލްހާ ބޭނުމެއް ނޫނެވެ. ފާއިޒު ދިން ހަދިޔާތައް ކުނިގޯންޏަށް އަޅައިލިއެވެ. އެ ކަމާ ވިސްނަން ބަދިގެ ތެރޭގައި ހުއްޓައި މީހަކު ކޮނޑުގައި ފިރުމައިލިއެވެ. މަލްހާ ދިޔައީ ސިއްސައިގެންނެވެ.
"ހާދަ ވަރަކަށް ސިއްސައިގެންދިޔައީ!" ވަރަށް ހިނިއައިސްފައި ބާރީ ބުންޏެވެ.
މަލްހާ ނިކަން ބާރަށް ހިނގައިފައި ބަދިގެއިން ނުކުތެވެ. ކުރިން ދުށް ނަޒަރަކުން ދެން އެއްވެސް ފިރިހެނަކާ ދިމާއަކަށް މަލްހާއަކަށް ނުބެލޭނެއެވެ. ހަމަ އެ ދަނޑިވަޅުގައި ފޯނު ރަނގަބީލުވިއެވެ. ގުޅީ ފާއިޒެވެ. މަލްހާގެ ހާލުބަލައިލާށެވެ. މަލްހާއަށް ފާއިޒުކަން އެނގުމާ އެކު ފޯނުގެ އަތްގަނޑު ނިކަން ބާރަށް ފޯނުގައި ބޭއްވުނެވެ. އެއީ ބޭއިހުތިޔާރުގައި ކުރެވުނު ކަމެކެވެ. މަލްހާގެ މަންމައަށް އެހާ އިހާނެތިކޮށް ކަންތައް ކުރި މީހަކާ މަލްހާ ދައްކާނެ ވާހަކައެއް ނެތެވެ.
މަންމަ އެދުނު ގޮތަށް، ޖީޒާއަށް ހަގީގަތް ކިޔައިނުދޭންވީ ހެއްޔެވެ؟ މުޅި ދުވަހު މަލްހާ އެ ކަމާ ވިސްނިއެވެ. އެހީވާން ހުރި ހަމަ އެކަނި މީހާއަށް މަލްހާ އެ ކަން ސިއްރުކުރާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން، މަލްހާއަށް ކުރެވޭ ކަމެއްގެ ސަބަބުން މަންމަ އިތުރު މުސީބާތަކާ ކުރިމަތިލާކަށް މަލްހާ ބޭނުމެއް ނޫނެވެ. ރޭގަނޑު ކައިނިމިގެން ތަށިތައް ދޮންނަން ތިބި އިރު ވެސް މަލްހާ ހުރީ ފުން ހިޔާލަކަށް ގެއްލިފައެވެ. ބަސްމަދުވެފައެވެ. ދެ ފަހަރަކު ޖީޒާ ގޮވައިލުމުން ވެސް މަލްހާއަކަށް ނީވުނެވެ.
"މަލްހާ!" ތަންކޮޅެއް ބާރަށް ޖީޒާ ގޮވައިލިއެވެ.
މަލްހާ ދިޔައީ ސިއްސައިގެންނެވެ.
"ކޮން ކަމަކާ ތި ވިސްނަނީ؟" ޖީޒާ އެހިއެވެ.
"އެއްވެސް ކަމަކާ ނުވިސްނަން،" މަލްހާއަށް ބުނެވުނެވެ. "އެއީ ދޮގެއް. އަސްލު ވަރަށް ބޮޑު ކަމެއް ވެގެން މި އުޅެނީ. އެކަމަކު އަހަންނަކަށް ނުކެރޭނެ އެ ވާހަކަ ކިޔައިދޭކަށް. އަހަރެން މިހިރީ ވަރަށް ވަރަށް ފޫހިވެފަ. ކާކު ދެކެހޭ ވެސް ނާހާތި!"
"ކީއްކުރަން އަހަނީ؟ ކުނިގޯނި ފެނުނީމަ ދެން އިތުރަށް އަހާކަށް ނުޖެހޭ!" ޖީޒާއަށް އެނގުނުކަން އަންގައިލިއެވެ. "އެހެރީ ހުންނަ ގޮތްކުޑަކަން. އެއީ ހަސްނާގެ އެއްބަނޑުއެއްބަފާ ބޭބެޔޭ! މަލްހާގެ ބޮޑުބޭބެ. އަހަންނަށް ހަމަ ހީވި ގޮތަށް ތިވީ."
"އަހަންނަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ!" މަލްހާ ބުނެލިއެވެ.
ނުނިމޭ