ޖަރުމަނުގެ މައްޗަށް އިނގިރޭސިން ގަދަވެގެންފި
ޖަރުމަނުގެ މައްޗަށް އިނގިރޭސިން ގަދަވެގެންފި

ލަންޑަން (ޖޫން 29) - ޖަރުމަނުގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޔޫރޯގެ ކުއާޓާ ފައިނަލަށް އިނގިރޭސިވިލާތް ދަތުރުކޮށްފި އެވެ.

ޖަރުމަނުގެ މައްޗަށް އިނގިރޭސިން ގަދަވެގެންފި
ޖަރުމަނުގެ މައްޗަށް އިނގިރޭސިން ގަދަވެގެންފި

މެޗުގައި އިންގްލެންޑުގެ ފުރަތަމަ ލަނޑު ޖެހީ ރަހީމް ސްޓާލިން އެވެ. މެޗުގެ 75 ވަނަ މިނެޓުގައި ލޫކް ޝޯ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ސްޓާލިން ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އެ ބޯޅައަށް ޖަރުމަންގެ ކީޕަރު މެނައުލް ނޯޔާ ޑައިވް ކުރި ނަމަވެސް އޭނާގެ އަތުގައި ބޯޅަ ލައްވައެއް ނުލި އެވެ.

މެޗުގެ 80 ވަނަ މިނެޓުގައި، ޖަރުމަނުވިލާތުގެ ތޯމަސް މުލާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެކަމަކު އޭރިއާގެ ތެރެއަށް ހުސްކޮށް އަަރައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

އިންގްލެންޑްގެ ދެ ވަނަ ލަނޑު، އިނގިރޭސި ކެޕްޓަން ހެރީ ކޭން ކާމިޔާބު ކުރީ ޖެކް ގްރިލިޝް ނަގައިދިން ބޯޅަ ވެއްޓިގެންފައި ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އިންގްލެންޑަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ސްޓާލިން އާއި ކެޕްޓަން ހެރީ ކޭން އެކުގައި ބޯޅައަށް މަސައްކަތް ކުރި ނަމަވެސް ގޯލް ތެރެއަށް ވައްދާލެވޭ ގޮތެއް ނުވި އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ކައި ހަވަޓްޒް އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ނުރައްކާ ވެދާނެ ކަމަށް ބެލެވުނު ނަމަވެސް އިންގްލެންޑުގެ ކީޕަރު ޖޯޑަން ޕިކްފޯޑް އެ ބޯޅަ ކޯނަރަކަށް ބޭރު ކޮށްލި އެވެ.

ކުއާޓާ ފައިނަލުގައި އިންގްލެންޑް ނުކުންނާނީ، ދެ ވަނަ ބުރުގެ ފަހު މެޗުގައި މިރޭ ސްވިންޑެން އާއި ޔޫކްރޭން ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.