ކޮވިޑު-19: ޕޮޒިޓިވްވީ 178 މީހުން، 245 މީހުން ރަނގަޅުވި
ކޮވިޑު-19: ޕޮޒިޓިވްވީ 178 މީހުން، 245 މީހުން ރަނގަޅުވި

ކޮވިޑު-19 އަށް 178 މީހުން ޕޮޒިޓިވްވެ، އެ ބަލިން 245 މީހުން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް 5،199 ސާމްޕަލް ޓެސްޓުކުރި ކަމަށެވެ. އެ ތަނުން، މާލެ ސަރަހައްދުން 43 މީހުންނާއި އެކި ރަށްރަށުން 125 މީހުންނާއި ރިސޯޓުތަކުން ހަތެއް އަދި ތަރައްގީކުރަމުން އަންނަ ރަށްރަށުން ތިން މީހަކު ޕޮޒިޓިވްވެފައި ވެ އެވެ.

އެއާއެކު، ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ އަދަދު 73،660 އަށް އަދި ބަލިން ފަސޭހަވީ މީހުންގެ އަދަދު 69،623 އަށް އަރާފައި ވެ އެވެ. އެކްޓިވް ކޭސްތައް ވެސް މިހާރު ހުރީ 3،815 ގަ އެވެ.

ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުންގެ އަދަދު ދަށަށް ގޮސް، މި ވަގުތު އެޑްމިޓުކޮށްގެން ފަރުވާ ދެނީ 27 މީހުންނަށެވެ.

ސަރުކާރުން ވަނީ ކޮވިޑުގެ ހާލަތު ރަނގަޅުވާން ފަށާފައިވާތީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ލުއި ދޭން ނިންމައިފަ އެވެ. އޭގެ ތެރޭގައި، ލޮކްޑައުން އުވާލުމާއި ހުއްދަ ނުނަގައި ބޭރަށް ދިއުމާއި ކާފިއުގެ ވަގުތު ކުރު ކުރުމާއި ކެފޭ/ރެސްޓޯރެންޓުތަކުގައި ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ދިނުން ހިމެނެ އެވެ.