29 ޖޫން 2021 - 20:05

ކޮވިޑް ވެކްސިން ނުޖަހާ އެތައް ބަޔަކު ވެސް އެބަތިއްބެވެ! އެކަމަކު ރާއްޖޭގެ އާބާދީގެ 38 ޕަސެންޓް މީހުން ދެ ޑޯޒް ވެކްސިން ޖަހައިފި އެވެ. އޭގެ މާނައަކީ، 18 އަހަރުން މަތީގެެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ފުރިހަމަވެފައިވުމެވެ.

ދެ ޑޯޒް ފުރިހަމަ ކުރި ވަރަށް ގިނަ ބައެއްގެ ދެ ބޭނުމެއް ވެ އެވެ. އެއް ބޭނުމަކީ ބަލިން ދިފާއުވެގެން ތިބުމެވެ. އަނެއް ބޭނުމަކީ ސަރުކާރުން ދޭތެރެ ދޭތެރެއިން އަޅާ ހަރުކަށި ފިޔަވަޅުތަކާއި ލޮކްޑައުންތަކާއި ދަތުރުފަތުރުގެ އުނދަގޫތަކުން ސަލާމަތްވެގެން ތިބުމެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ، އިރުއިރުކޮޅާ ރަށްރަށަށް ދަތުރުކުރާ މީހުންނަށް މި ދެންނެވި ދެވަނަ ސަބަބު މުހިންމު ވެ އެވެ. އާއިލާ އާ ދުރުގައި އެހެން ރަށްރަށުގައި ވެސް އުޅޭ ގިނަ އަދަދެއްގެ އާންމުން ދެ ޑޯޒް ފުރިހަމަ ކުރަން، ބޮޑެތި ކިޔޫތަކުގައި ތިބި މައިގަނޑު ސަބަބަކީ އެއީ އެވެ.

ސަރުކާރުން އޭރު ބުނަމުން އައީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ދެ ޑޯޒް ޖެހި މީހުންނަށް ލުއި ދޭނެ ކަމަށެވެ. އޭގެ ބައެއް އެސްއޯޕީތައް ވެސް މީގެ ތިން މަހެއްހާ ދުވަސް ކުރިން އިއުލާންކުރި އެވެ. އެހެންވެ، ވެކްސިން ކިޔޫތައް ކުއްލިއަކަށް ބޮޑުވެ، ރާއްޖެ އިން ވެކްސިން ހުސްވި އެވެ.

ބޮޑު ޗުއްޓީ އާއި ބޮޑު އީދާ ދިމާކޮށް، ސަރުކާރުން މިއަދު ވަނީ، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭނެ ލުއިތައް އިއުލާންކޮށްފަ އެވެ. އެކަމަކު ހީކުރިގޮތާ ހިލާފަށް، ދެ ޑޯޒް ފުރިހަމަކުރި އެކަކަށް ވެސް ލުޔެއް ނުލިބުނެވެ. އޭގެ ބަދަލުގައި، ކޮވިޑް ޖެހި ރަނގަޅުވިތާ 60 ދުވަސް ތެރޭގައި ކަރަންޓީނެއް ނެތި ރަށްރަށަށް ދަތުރު ކުރެވޭ ގޮތް ވަނީ ހަމަޖައްސައިދީފަ އެވެ.
މިކަމާ ބެހޭ ގޮތުން އާންމުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އަދި އެއީ ވަރަށް ބޮޑު ޖޯކެއްގެ ގޮތުގައި ވެސް ބައެއް މީހުން އަންނަނީ ސިފަ ކުރަމުންނެވެ. ބައެއް މީހުން ބުނަނީ "ދެ ޑޯޒް ޖެހި މީހުންނަށް އަދަބު ދީ، ކޮވިޑް ޖެހުނު މީހުންނަށް އިނާމް ދީފި" ކަމަށެވެ.
ސުވާލުތައް ބައިވަރެވެ؛ ކޮވިޑުން ދިފާއުވާން ޖަހާ ވެކްސިންގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ވެކްސިން ޖެހުމަށް ވުރެ ކޮވިޑް ޖެހުން މާ ރަނގަޅީ ހެއްޔެވެ؟ ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއި ނުދޭންވީ ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟
ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި ގޮތުގައި، ދެ ޑޯޒަށްފަހު ވަރަށް ގިނަ ގައުމުތަކުގައި ބޮޑެތި ލުއިތަކެއް ދިނަސް "ރާއްޖޭގައި ހަރުކަށި ފިޔަވަޅުތައް އަންނަނީ ބޭނުންވާ ވަރަށް މީހުންނަށް ދެ ޑޯޒް ޖެހިފައިނުވާތީ" އެވެ. އާބާދީގެ 75 ޕަސެންޓް މީހުންނަށް ވެކްސިންގެ ދެ ޑޯޒް ޖެހިފައިވާ ނަމަ ލުއި ދޭނެ ކަމަށް ވިދާޅުވި އެވެ.
"އެ ހިސާބުން އަޅުގަނޑުމެންނަށް ޖުލައި މަހުގެ ތެރޭގައި ވެކްސިން ލިބިގެން ދެ ޑޯޒް ހަމަކުރެވުނީމަ އެ މިނިވަންކަން އަޅުގަނޑު ދެކޭގޮތުގައި ލިބިގެންދާނެ. މިއީ، މި އުޅޭ ހިލާފަތަކީ އަޅުގަނޑުމެން މެޑިކަލް ބޭފުޅުންގެ ތެރޭގައި،" ނަސީމް ވިދާޅުވި އެވެ.
ފަހަރެއްގައި ނަސީމް އެ އިޝާރާތްކުރެއްވީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަށް ފަހު ލުއި ދިން ގައުމުތަކުގެ ވާހަކަ އަށް ކަމަށް ވެދާނެ އެވެ. އެކަމަކު މިގޮތަށް ވެކްސިން ނުދެވޭ ގައުމުތަކުގައި ވެސް ކޮވިޑް ޖެހުނު މީހުންނަށް މިހާ ބޮޑަށް ލުއި ދީފައި ވެކްސިން ނުޖެހޭ މީހުން އަދިވެސް ބަންދުގައި ބައިތިއްބަން ނިންމި ކަމެއް އެނގިފައެއް ނެތެވެ. އަނެއްކޮޅުން ނަސީމް އެ ދެއްކެވި ވާހަކައިން ނެގޭ މާނަ، ކަމުގެ މާހިރުން ދައްކަވާ ވާހަކައާ ފުށުއަރަ އެވެ.
ކޮވިޑް ޖެހިގެން ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސް އިން ލިބޭ ހިމާޔަތް، ވެކްސިން ޖެހުމުން ލިބޭ ހިމާޔަތަށް ވުރެ ބޮޑުތޯ ބަހުސްކޮށް ނިއު ޔޯކް ޓައިމްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި މިކަމާ ބެހޭ މުހިންމު މައުލޫމާތުތަކެއް އެބަހުއްޓެވެ. އެ ބަހުސް އެމެރިކާގައި އުފެދުނީ ކޮވިޑް ޖެހުނު އެމެރިކާގެ ސެނެޓަރަކު، ކޮވިޑް ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ވާހަކަ ދެއްކެވި އިރު، ވެކްސިން ޖެހުމަށް ވުރެ ކޮވިޑް ޖެހުމުން ހިމާޔަތް ބޮޑު ކަމަށް ވިދާޅުމުންނެވެ. އެ ރިޕޯޓްގައި ތަޖުރިބާކާރުންނާ ހަވާލާދީ ބުނެފައިވަނީ ކޮވިޑް ޖެހުމުން ކޮވިޑުން ދިފާއުވުމުގެ ގާބިލްކަން ދިގު މުއްދަތަކަށް ލިބޭކަން މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ދެއްކި ނަމަވެސް އެ ހިމާޔަތް ނުވަތަ ހަށިގަނޑުގައި އެންޓިބޮޑީސް ހުންނަ މިންވަރު އެކި މީހުންގެ ހަށިގަނޑުގައި ވަރަށް ތަފާތު ކަމަށެވެ.
ހާވަޑް ޓީ.އެޗް. ޗާން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެޕިޑެމިއޮލޮޖިސްޓް ބިލް ހަނާޖް ނިއު ޔޯކް ޓައިމްސް އަށް ވިދާޅުވެފައިވާ ގޮތުގައި ކޮވިޑްގެ އަސަރު ވަރަށް ކުޑަކޮށް ކުރި މީހެއް ނަމަ އެ މީހެއްގެ ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސް ވަރަށް ދެތިން މަސް ތެރޭ ވެސް ނެތިގެން ހިނގައިދާނެ އެވެ.
"މިފަދަ މީހުންނަށް ފައިދާ ބޮޑުވާނީ ވެކްސިނުން،" އޭނާ ވިދާޅުވެފައިވެ އެވެ.
ބިލް ވިދާޅުވި ގޮތުގައި މީހެއްގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުން ބިނާވެގެންވަނީ އެ މީހެއްގެ ހަށިގަނޑަށް އެކްސްޕޯޒްވި ވައިރަސްގެ މިންވަރުން ކަމަށެވެ. އެކަމަކު ވެކްސިނަކީ ޑޯޒް ހަމަކޮށް ވަކި މިންގަނޑަކުން ދޭ އެއްޗެއް ކަމަށް ވާތީ ވެކްސިން ލިބޭ ހިމާޔަތުގެ ރައްކާތެރިކަން، ބަލި ޖެހިގެން ލިބޭ ރައްކާތެރިކަމަށް ވުރެ ޔަގީންކަން ބޮޑުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް އެބަ އެނގޭ މި ދޭ ޑޯޒާއި އެއިން ދިފާއީ ނިޒާމު މަސައްކަތްކުރުވާ މިންވަރު،" ޔުނިވަސިޓީ އޮފް ޓޮރޮންޓޯގެ އިމިއުނޮލިޖިސްޓް ޖެނިފާ ގޮމަރަން ވިދާޅުވެފައިވެ އެވެ.
"އެހެންވީމާ، ވެކްސިން ޖެހީމާ އެއްވެސް ސުވާލެއް މިކަމުގައި ނޯވޭ."
ކޮވިޑް ޖެހި ރަނގަޅުވި މީހުންނަށް ވުރެ ވެކްސިން ފުރިހަމަކުރި މީހުންނަށް އަދި އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ލިބޭ ރައްކާތެރިކަން ބޮޑުކަން އެނގޭ އަނެއް ސަބަބަކީ ވެކްސިން ޖެހި މީހުންނަށް އެކި ކަންމުގައި ގައުމުތަކުން ލުއި ދެމުން އަންނަ އިރު ވެސް ބަލި ޖެހުނު މީހުންނަށް ލުއި ނުދޭތީ އެވެ. މިސާލަކަށް، ވެކްސިން ފުރިހަމަކޮށްފައި ނޫނީ ބައެއް ގައުމުތަކަށް ނުދެވޭ ގޮތަށް އޮންނައިރު ވެސް ކޮވިޑް ޖެހި ރަނގަޅުވެފައި ހުރި މީހަކަށް ވުމަކުން އެ މީހަކު އެއީ ވެކްސިނުން ލިބޭ ރައްކާތެރިކަމަށް ވުރެ މަތީގައި ހުރި މީހެއް ކަމަކަށް ނުބަލަ އެވެ.
ޔުނިވަސިޓީ އޮފް ބަފަލޯގެ އިންފެކްޝަސް ޑިޒީޒް އެކްސްޕާޓް ޑރ. ތޯމަސް ރޫސޯ ވިދާޅުވީ، ވެކްސިން ޖެހި މީހުންނަށް ލިބޭ ލުއިތައް، ކުރިން ކޮވިޑް ޖެހިފައިވާ މީހުންނަށް ނުލިބެންވީ ސަބަބާ މެދު ވަރަށް ގިނަ މީހުން ސުވާލުކުރާ ކަމަށެވެ.
"މި ވާ ގޮތަކީ ބަލި ޖެހުނަސް، އެ މީހެއްގެ ހަށިގަނޑުގައި ދިފާއު އުފެދެނީ ކިހާ ވަރަކަށް ކަމާ މެދު އެއްވެސް ޔަގީންކަމެއް ނޯވޭ. އަދި ހާއްސަކޮށް، ބަލީގެ އަލާމާތް ނުފެންނަ މީހުންނާއި ކުޑަކޮށް އަލާމާތްތައް ފެންނަ މީހުންގެ ހަށިގަނޑުގައި މި ބަލީގެ ދިފާއު އެންމެ އެކަށީގެންވާ ވަރަށް އުފެދިފައި ނުހުރުމަކީ ވެދާނެ ކަމެއް. އާ ވޭރިއަންޓްތަކުން މި މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ވެސް މާ ބޮޑު،" ރޫސޯ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ބަލި ޖެހިގެން ހަށިގަނޑުގައި އެކަށީގެންވް ދިފާއެއް އުފެދުނު ކަމުގެ ޔަގީންކަން ނުލިބުނަސް ވެކްސިން ޖެހުމުން އެކަމުގައި އިތުރު ސުވާލެއް ނެތް ކަމަށެވެ.
ރާއްޖޭގައި އިއްޔެގެ ނިޔަލަށް ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 188,788 އަށް އަރަ އެވެ. އަދި އެއް ޑޯޒް ޖެހި މީހުންގެ އަދަދު 316،497 އަށް އަރަ އެވެ. މާނަ އަކީ އާބާދީގެ 38 ޕަސެންޓް މީހުންނަށް ވެކްސިންގެ ދެ ވަނަ ޑޯޒް ދީފައި ވުމެވެ. އަދި އެއް ޑޯޒް ޖެހި މީހުންގެ ނިސްބަތް 63 ޕަސެންޓަށް އަރަ އެވެ. އޭގެ މާނައަކީ، 18 އަހަރުން މަތީގެ ވަރަށް ގިނަ އަދަދެއްގެ މީހުން ކޮވިޑްގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވުމެވެ.
އަބަދުވެސް "އަންނަ މަހު" ވެކްސިން ލިބޭނެ ކަމަށް ބުނަމުން ގެންދާތާ އެތައް މަހެއް ވެފައި ވާއިރު މިނިސްޓަރު އެ ވިދާޅުވާ ނިސްބަތަށް ވެކްސިން ދެވޭނެ ދުވަހެއް އެނގެނީ ކާކަށް ހެއްޔެވެ؟ އެހެންވެ އެންމެ ޖޯކަކަށް ހަދައިގެން އެ ކިޔަނީ ވެކްސިން ޖެހި މީހުންނަށް ވުރެ ކޮވިޑް ޖެހުނު މީހުންނަށް މާ މޮޅު ކަމަށެވެ. އެކަމަކު ސައިންޓިފިކް ހެކި ހުރީ މިގޮތަކަށް ނޫނެވެ.