ގެވެށި ގުޅުން ކެމްޕޭނަށް ޕާކިސްތާނުން 2.9 މިލިއަން ރުފިޔާގެ އެހީ ދޭން އެއްބަސްވުމުގައި ސޮއިކޮށްފި
ގެވެށި ގުޅުން ކެމްޕޭނަށް ޕާކިސްތާނުން 2.9 މިލިއަން ރުފިޔާގެ އެހީ ދޭން އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހި ސަރުކާރުން ކުރިއަށް ގެންދާ، "ގެވެށި ގުޅުން" ކެމްޕޭނަށް ޕާކިސްތާނު ސަރުކާރުން 2.97 މިލިއަން ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދު އެވެ. ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުހުތާރެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި ޖޮއިންޓް މޮނީޓަރިން މެކޭނިޒަމްއާ އެކު ޕާކިސްތާން ސަރުކާރުން "ގެވެށި ގުޅުން" ކެމްޕޭން އަށް ދޭ ރަސްމީ އެހީ ހަމަޖެހިގެންދާނެ ކަމަށެވެ.

ޕާކިސްތާނުން މިއަދު ދިން އެހީއާއެކު ކެމްޕޭން އިތުރަށް ފުޅާކޮށް، އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެ އެހީއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮންނަ ގާތް ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށް ވެސް ބުންޏެވެ.

"ގެވެށި ގުޅުން" ކެމްޕޭންއަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޖުލައި 2020 ގައި ޖެންޑާ މިނިސްޓްރީން އިސްނަގައިގެން ފެށި ކެމްޕޭނެކެވެ.