29 ޖޫން 2021 - 14:38

އެމްއެމްޕީއާރްސީން 2014 ވަނަ އަހަރު މޮންޓެލިއަން ޕްރައިވެޓް ލިމިޓެޑަށް އަނބުރާ ދައްކާ ގޮތަށް ދޫކުރި 1.15 މިލިއަން ޑޮލަރު މޮންޓެލިއަން އިން ދައްކާފައި ނުވާތީ އެ ފައިސާ ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
މެއި 10، 2014 ގައި "ފިކްސްޑް ޓާމް ޕްރޮމިސަރީ ނޯޓް"އެއްގެ ދަށުން އަނބުރާ ދައްކާ ގޮތަށް އެމްއެމްޕީއާރްސީން މޮންޓެލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި 1،147،000 ޑޮލަރު (17.7 މިލިއަން ރުފިޔާ) އެއްބަސްވި ގޮތަށް އަނބުރާ ދައްކާފައި ނުވާތީ އެމްއެމްޕީއާރްސީން އެ މައްސަލަ ސިވިލް ކޯޓަށް ވެއްދުުމުން، އެ ފައިސާ ދައްކަން އެ ކޯޓުން ހުކުމް ކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ ހުކުމް މޮންޓެލިއަންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ނަމަވެސް، މައްސަލައިގައި މޮންޓެލިއަން ތަމްސީލު ކުރި ވަކީލާ އެކު އެ ކުންފުނިން ހަދާފައިވާ އެއްބަސްވުން އުވާލުމުން، އެ ކުންފުންޏަށް ޖެހުނީ އާ ވަކީލެއް ހޯދާށެވެ. ވަކީލު ކޯޓަށް ބުނެފައި ވަނީ މޮންޓެލިއަންގެ އެދުމަށް އެއްބަސްވުން އުވާލުމުން މައްސަަލައިގެ ހުރިހާ ލިޔުންތައް ވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.
ނަަމަވެސް، އިސްތިއުނާފީ ނުކުތާތައް ހުށަހަޅަން އޮތް އަޑުއެހުމަށް، މޮންޓެލިއަންގެ ފަރާތުން ދިޔައީ، އެކަމަށް ތައްޔާރު ނުވެ އެވެ. އަޑުއެހުމަށް ދިޔަ ކުންފުނީގެ ޑިރެކްޓަރު ޝާހިދު ހުސެއިން އެދުނީ، ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމަށެވެ.
ނަމަވެސް، މޮންޓެލިއަން އަކީ އިސްތިއުނާފު ކުރާ ފަރާތަށް ވާތީއާ އެކު، ވަކީލަކު ހަމަޖައްސަން އެ ކުންފުންޏަށް އެކަށީގެންވާ ފުރުސަތު ދެވުނު ކަމަށް ކޯޓުން ނިންމި އެވެ. އަދި އިތުރު ފުރުސަތު ނުދޭން ނިންމި އެވެ.
ދެން ވެސް އިސްތިއުނާފީ ނުކުތާތައް ހުށަހަޅަން ފުރުސަތު ދިނުމުން ޝާހިދު ހުސެއިން ބުނެފައި ވަނީ ކުރިއަށްދާންވީ ގޮތެއް އަދި ހުށަހަޅާނެ ގޮތެއް ނޭނގޭ ކަމަށެވެ.
ޕްރޮމިސަރީ ނޯޓުގެ އިތުރުން މައްސަލައާ ގުޅޭ އެހެން ލިޔުންތަކުގައި ވެސް ކުންފުނީގެ ފަރާތުން ސޮއިކުރީ ޝާހިދު ހުސެއިންކަން ފާހަގަކޮށް، އެ މައްސަލައިގައި އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް އޭނާ ނުކުޅެދެންވީ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލައިގައި އިސްތިއުނާފީ ނުކުތާ ހުށަހަޅަން ދިން ފުރުސަތުގައި މޮންޓެލިއަންގެ ފަރާތުން ހުށަހަޅާފައި ނުވާތީ މައްސަލަ ކުރިއަށް ނުގެންދެވުނެވެ. އެހެންވެ، އެ މައްސަލަ ބެލޭނެ ތަނެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި އެވެ.
މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރެވެ.