އެމެރިކާ އާއި ޔޫކްރޭން އަސްކަރީ ތަމްރީންތަކެއް ފަށައިފި
އެމެރިކާ އާއި ޔޫކްރޭން އަސްކަރީ ތަމްރީންތަކެއް ފަށައިފި

ރަޝިޔާ އަށް ގޮން ޖަހައި، އެމެރިކާ އާއި ޔޫކްރޭނުގެ އެއްގަމާއި ވަޔާއި ކަނޑުގެ ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީންތަކެއް އިއްޔެ ފަށައިފި އެވެ.

ރަޝިޔާ އިން ދެކޮޅު ހަދަމުން ދަނިކޮށް، ކަޅު ކަނޑުގަޔާއި ޔޫކްރޭންގެ ދެކުނު ސަރަހައްދުގައި ކުރިއަށް ގެންދާ ގޮތަށް މި ފެށި މި އަސްކަރީ ތަމްރީންތަކުގައި 30 ގައުމެއް ބައިވެރިވާނެ އެވެ. ނޭޓޯ އާއި އެމެރިކާގެ ގާތް ގުޅުމެއް އޮންނަ އެހެން ބައެއް ގައުމުތައް ބައިވެރިވާ މި ތަމްރީންތަކުގައި، 5000 އަށް ވުރެ ގިނަ ސިފައިން ބައިވެރިވާނެ އެވެ. "ސީ ބްރީޒް 2021"ގެ ނަމުގައި ކުރިއަށް ގެންދާ މި ތަމްރީންތަކުގައި 30 މަނަވަރާއި، އަސްކަރީ 40 މަތިންދާބޯޓު ވެސް ބައިވެރިކުރާނެ އެވެ.

ޔޫކްރޭނުން ބުނި ގޮތުގައި ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީންތަކުގެ މައިގަނޑު އަމާޒަކީ، ގިނަ ގައުމުތައް ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ސުލްހަ ބެލެހެއްޓުމުގެ ތަޖުރިބާ ހިއްސާ ކުރުމެވެ.

ޔޫކްރޭނަކީ ރަޝިޔާއާ އިންވެގެން އޮންނަ ގައުމަކަށް ވިޔަސް، ޔޫކްރޭންގެ ބައެއް ކަމުގައިވާ ކްރީމިއާ އަށް 2014 ވަނަ އަހަރު ރަޝިޔާ ސިފައިން އަރައި އެ ސަރަހައްދު ހިފުމަށް ފަހު، ކްރީމިއާއަކީ ރަޝިޔާގެ ސަރަހައްދެއް ކަމަށް އިއުލާންކުރުމާ ގުޅިގެން، ދެ ގައުމުގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އަބަދުވެސް ނޭޓޯއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޔޫކްރޭނުން ބޭނުންވަނީ ރަޝިޔާގެ ނުފޫޒުން ސަލާމަތްވެ، ހުޅަނގާ އެކު ގާތް ގުޅުމެއް ބާއްވާށެވެ.

މި ތަމްރީންތައް ބާއްވާކަން އިއުލާން ކުރުމާ ގުޅިގެން، މި ތަމްރީންތައް ކެންސަލް ކުރުމަށް، އެމެރިކާގައި ހުންނަ ރަޝިޔާގެ އެމްބަސީން މިދިޔަ ހަފުތާގައި ވަނީ ގޮވާލައިފަ އެވެ. އަދި މި ތަމްރީންތައް ބާއްވަމުންދާ އިރު، ރަޝިޔާގެ ގައުމީ ސަލާމަތްތެރިކަން ހިމާޔަތްކުރުމުގެ ގޮތުން އަޅަންޖެހިއްޖެ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އެމްބަސީ ބުންޏެވެ.

ރަޝިޔާ އާއި ޔޫކްރޭންގެ ގުޅުން ހީނަރުވެފައި ވަނިކޮށް، މިއަހަރުގެ ކުރީކޮޅުން ފެށިގެން ރަޝިޔާ އިން އަންނަނީ އެގައުމުގެ ސިފައިން، ޔޫކްރޭންގެ ސަރަހައްދީ އިމާ ގާތަށް ޖަމާކުރަމުންނެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ސިފައިން މިހާރުވެސް އެމީހުންގެ އަސްކަރީ ސާމާނުތަކާ އެކު އެ ސަރަހައްދުގައި އެބަ ތިއްބެވެ.

ޔޫކްރޭންގެ މައްސަލައިގައި ހުޅަނގުން ރަޝިޔާ ރުޅިއަރުވަމުން އަންނަ އިރު، ކަޅު ކަނޑުގެ ކައިރިން ދަތުރުކުރި އިނގިރޭސި ވިލާތުގެ މަނަވަރަކަށް، ރަޝިޔާގެ މަނަވަރުތަކުންނާއި އަސްކަރީ މަތިންދާބޯޓުތަކުން، މިދިޔަ ހަފުތާގައި އިންޒާރުގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރަޝިޔާ އިން ބުންޏެވެ. ނަމަވެސް އިނގިރޭސި ވިލާތުން އެކަން ދޮގުކުރެ އެވެ.

ރަޝިޔާ އިން ބުނާ ގޮތުގައި އިނގިރޭސި މަނަވަރަށް އިންޒާރު ދިނުމުގެ ގޮތުން ވައިގެ ތެރެއަށް އެންމެ ފުރަތަމަ ބަޑިޖެހީ ރަޝިޔާގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ މަނަވަރަކުންނެވެ. އެއަށް ފަހު، ސުކޯއީ-24 މަރުކާގެ ޖެޓް ބޯޓުތަކުން އިނގިރޭސި މަނަވަރުގެ ކުރިމަތިން ކަނޑު ތެރެއަށް ހަތަރު ބޮން ވައްޓައިލުމުން، އިނގިރޭސި މަނަވަރު އޭގެ މިސްރާބު ބަދަލުކޮށް ރަޝިޔާގެ ކަނޑުގެ ސަރަހައްދުން ނުކުތީ އެވެ.