29 ޖޫން 2021 - 11:50

ރަޝިޔާ އާއި ޗައިނާއާ ދެމެދު ބަދަހިވަމުން އަންނަ ގުޅުމާ މެދު ހުޅަނގުގެ ގައުމުތައް ކަންބޮޑުވަމުން ދަނިކޮށް، ދެ ގައުމުން ކުރެ އެއްވެސް ގައުމަކުން އަނެއް ގައުމާ ދެކޮޅަށް، އިސްވެ ނިއުކްލިއާ ހަތިޔާރުގެ ބޭނުން ނުކުރުމަށް ވެފައިވާ ވައުދު، އެ ދެ ގައުމުން އިއްޔެ އާކޮށްފި އެވެ.
ޗައިނާ ރައީސް ޝީ ޖިންގްޕިން އާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ބޭއްވެވި ވީޑިއޯ ކޮންފަރެންސަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދެ ގައުމުގެ ދެމެދުގައި މީގެ 20 އަހަރު ކުރިން ގާއިމުކޮށްފައިވާ ރަހްމަތްތެރިކަމުގެ މުއާހަދާ އަލުން އާކޮށްފައިވާ ކަމަށެވެ. މިއީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ދެ ގައުމުގެ ދެމެދުގައިވާ ހަމަޖެހުމާއި ރަހްމަތްތެރިކަން ދެމެހެއްޓުމުގެ މުއާހަދާއެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
މި މުއާހަދާގެ ދެ ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ދެ ގައުމުގެ ދެމެދުގައި އުފެދޭ ކޮންމެ ދެބަސްވުމެއް އަދި ހިޔާލު ތަފާތުވުމެއް ވެސް ސުލްހަވެރި ގޮތުގައި ހައްލުކުރުމަށް ދެ ގައުމުން އެއްބަސްވެ އެވެ. އަދި އެފަދަ ކަމެއް މެދުވެރިވިޔަސް، ދެ ގައުމުން ކުރެ ގައުމަކުން އަނެއް ގައުމަކާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ނުކުރުމަށާއި ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ނުދިނުމަށާއި އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތި ނުކުރުމަށް ވެސް އެއްބަސްވެ އެވެ.
މީގެ އިތުރުން، ދެ ގައުމުން ކުރެ އެއްވެސް ގައުމަކުން އަނެއް ގައުމާ ދެކޮޅަށް، އިސްވެ ނިއުކްލިއާ ހަތިޔާރުގެ ބޭނުން ނުކުރުމަށާއި، އަނެއް ގައުމަށް ސްޓްރެޓީޖިކް ނިއުލިއާ މިސައިލްތައް އަމާޒު ނުކުރުމަށް ވެސް ދެ ގައުމުން އަހުދުވާ ކަމަށް މި މުއާހަދާގައި ބުނެފައިވެ އެވެ.
ރައީސް ޕުޓިން އާއި ރައީސް ޝީ އިއްޔެ ބޭއްވި އޮންލައިން ބައްދަލުވުމުގައި، ދެ ބޭފުޅުން ވެސް އަނެއް ބޭފުޅަކު ސިފަކުރެއްވީ "ގާތް ރަހްމަތްތެރިއެއް" ކަމަށެވެ. ރައީސް ޕުޓިން ވިދާޅުވީ ޗައިނާ އާއި ރަޝިޔާއާ ދެމެދުގައި މިހާރު އޮތް ގުޅުމަކީ، 21 ވަނަ ސައްތައިގެ ތެރޭގައި ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން އޮންނަވީ ގޮތުގެ ނަމޫނާއެއް ކަމަށެވެ.
ޗައިނާގެ ރައީސް ޝީ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގާތް ރަހްމަތްތެރިކަން މިއަދުން ފެށިގެން އަލުން ވަދެގެން އެދަނީ މުޅިން އާ ޒަމާނަކަށެވެ.
ރަޝިޔާ އާއި ޗައިނާއަކީ އަބަދުވެސް އެމެރިކާގެ ފާޑުކިޔުންތަކާއި ނުރުހުން އަމާޒުވާ ދެ ގައުމަށް ވާއިރު، މި ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަކީ ވެސް އެމެރިކާ މާ ހިތްހަމަޖެހޭ ކަމަކަށް ނުވާނެ އެވެ. ހުޅަނގުގެ ފާޑުކިޔުންތަކާއި ފިއްތުންތަކުގެ ތެރޭގައި ވެސް، ރަޝިޔާ އާއި ޗައިނާ އިން އަންނަނީ އިގްތިސާދީ، އަސްކަރީ އަދި ޓެކްނޮލޮޖީ އާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކޮށް އެދާއިރާތަކުން ކުރިއެރުންތައް ހޯދަމުންނެވެ.
މި މުއާހަދާގެ ސަބަބުން، ޗައިނާގެ މުސްކުޅިވެފައި ހުރި އަސްކަރީ ސާމާނުތައް، ރަޝިޔާގެ ޓެކްނޮލޮޖީ އާއި ތަޖުރިބާ އާއި ތަމްރީނުތަކުގެ އެހީގައި، ޒަމާނީކުރުމުގެ ފުރުސަތު ޗައިނާއަށް ފަހިވާނެ އެވެ. މީގެ އިތުރުން އަތްފޯރާ ފަށުގައި ތެޔޮ އިމްޕޯޓްކުރެވޭނެ މަގު ވެސް ޗައިނާއަށް ފަހިވާނެ އެވެ. އެއީ އިރުމަތީ ސައިބީރިއާގައިވާ ރަޝިޔާގެ ތެޔޮ ހޮޅިތަކުގެ ޒަރީއާއިންނެވެ.
މިމުއާހަދާގެ ސަބަބުން ރަޝިޔާއަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔުމާ އެކު، އެގައުމުގެ އިގްތިސާދަށް ކުރިމަތިވި ރައުސްމާލުގެ ހީނަރުކަން ފޫބެއްދުމުގައި ޗައިނާގެ މާލީ ފުދުންތެރިކަމުން މަންފާ ކުރުމެވެ. އޭގެ އިތުރުން ރަޝިޔާގެ އަސްކަރީ އާލާތްތަކާއި ހަތިޔާރުގެ އިތުރުން، ރަޝިޔާގައި ހުރި ތެލާއި ތަބީއީ ގޭހުގެ ބޮޑު ރިޒާވް ރަނގަޅު އަގުގައި ވިއްކޭނެ ރަނގަޅު ބާޒާރަކަށް ޗައިނާ ވާނެ އެވެ.
ރަޝިޔާ އާއި ޗައިނާއާ ދެމެދު ރަހްމަތްތެރިކަމުގެ މުއާހަދާއެއް ގާއިމުކުރީ 2001 ވަނަ އަހަރުގެ ތެރޭގަ އެވެ. ޖުލައި 16، 2001 ގައި ގާއިމުކުރި އެ މުއާހަދާގައި، ރަޝިޔާގެ ފަރާތުން ސޮއިކުރެއްވީ ރަޝިޔާގެ އޭރުގެ ވެސް ރައީސް ލަޑިމިއާ ޕުޓިން އެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ އޭރުގެ ރައީސް ޖިއެންގް ޒެމިން އެވެ.
މި މުއާހަދާގެ މުއްދަތު ފެބްރުއަރީ 2022 އަށް ހަމަވާނެ އެވެ. އެހެންކަމުން، އިއްޔެ ދެ ގައުމުން މި މުއާހަދާ އަލުން އާކުރީ އިތުރު ފަސް އަހަރުގެ މުއްދަތަށެވެ.