ފުރާވަރުގައި ފިލްމު ނުކުޅެ ކިޔަވަން އުޅެވުނު ނަމަ މާ ރަނގަޅުވީސް: ކަންގަނާ
ފުރާވަރުގައި ފިލްމު ނުކުޅެ ކިޔަވަން އުޅެވުނު ނަމަ މާ ރަނގަޅުވީސް: ކަންގަނާ

ފިލްމީ ދާއިރާ އަށް ނުނުކުމެ އެންމެ ބޮޑަށް ކިޔަންވީ ދުވަސްވަރު އެކަމާ އުޅެވުނު ނަމަ މާ ރަނގަޅުވީހޭ ހިތަށް އަރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

ފުރަތަމަ ފިލްމު "ގޭންގްސްޓާ" 2006 ގައި ރިލީޒްކުރި އިރު އެ ފިލްމުގެ މަސައްކަތް ފެށި ކަންގަނާގެ އުމުރަކީ 16 އަހަރެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައި ބަދަލުތައް ދައްކުވައިދޭން ފޭނަކު ހެދި ވީޑިއޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް ކަންގަނާ ބުނީ އޭނާ ފިލްމު ކުޅެން ފެށީ ސްކޫލަށް ގޮސް ކިޔަވަންވީ އުމުރުގައި ކަމަށެވެ. އަދި ފިލްމީ ދާއިރާ އަށް ނުކުތީ މަބައިންފައިންގެ ރުހުމާ ވެސް ދެކޮޅަށް ކަމަށާއި އެ އިންޑަސްޓްރީ އެއްވެސް ވަރަކަށް ނޭނގި އެ ދާއިރާ އަށް ނުކުމެ އެތައް ހުރަސްތަކަކާއި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުންޏެެވެ.

"ސްކޫލަށް ގޮސް ކިޔަވައި އަދި ކުޅިވަރު ކުޅުން ފަދަ ކަންކަމުގައި ހަރަކާތްތެރިވާ ޖެހޭ އުމުރުގައި ފިލްމީ ދާއިރާ އަށް ނުކުތުމަކީ އަހަންނަށް އެތައް ކަމަކާ ހަނގުރާމަކުރަން ޖެހުނު ކަމެއް،" މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ލިސްޓްގެ ކުރީގައި އުޅޭ ކަންގަނާ ބުންޏެވެ.

އޭނާ ބުނީ މަސައްކަތާ ހެދި ފުރާވަރު އުމުރަށް އޭގެ ހައްގު މަގާމު ނުލިބި އުމުރަށް ވުރެ ބޮޑުކޮށް އުޅެން އޭރު ހިތްވަރު ލިބުނަސް، ކުރިން ނުކުރެވުނު ކަންތައްތައް މިހާރު ވެސް ކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެކަމަށް މިހާރު ވަގުތު ވެސް އެބައޮތް ކަމަށް ބުންޏެވެ.

"އުމުރުން މިހާރު ތިރީސް ހަތަރު އަހަރު ނަމަވެސް އާ ފެށުމަކުން ފަށާކަށް އަދިވެސް ލަސްވި ކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވޭ. މި އުމުރަށް އައި އިރު ކާމިޔާބު މަސައްކަތްތަކެއްކޮށް އަމިއްލަ ސްޓޫޑިއޯއެއް ވެސް ހެދުމަކީ ކުޑަކަމެއް ނޫން،" ކަންގަނާ ބުންޏެވެ.

އޭނާ އަކީ ފިލްމީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތި އެ ދާއިރާ އަށް ނުކުމެ އަމިއްލަ ބުރަ މަސައްކަތާއި ހުނަރުން ކާމިޔާބީގެ އެންމެ މަތީ ހަރުފަތާ ހަމައަށް ވާސިލުވި ބަތަލާއެކެވެ. މިހާތަނަށް ހަތަރު ނެޝަނަލް އެވޯޑް ހާސިލުކޮށްފި އެވެ. މަނިކަރްނިކާގެ ނަމުގައި އަމިއްލަ ފިލްމު ސްޓޫޑިއޯއެއް ހަދައި، އޭގެ ދަށުން މިހާރު ވެސް ދެ ފިލްމެއް އިއުލާންކޮށްފި އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެގެން އާންމުންގެ ލޯތްބާއި ސަޕޯޓް ހޯދާފައިވާ އިރު ކަންގަނާ އަކީ މިހާރު ޑައިރެކްޓަރެއް ވެސް މެ އެވެ. ދެހާސް ނަވާރައިގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިން ޑައިރެކްޝަނަށް ނުކުތް ބަތަލާގެ ދެވަނަ ޑައިރެކްޝަނަކީ އަމިއްލަ އަށް ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި ކުޅޭ "އިމަޖެންސީ" އެވެ.

މިހާރު ވަރަށް ތަނަވަސް ދިރިއުޅުމެއް އުޅޭ ކަންގަނާ އަކީ ސްކްރީން ރައިޓަރެއް ވެސް މެ އެވެ. އޭނާ އަށް އެ ދާއިރާ އިން ކްރެޑިޓް ލިބުނު ފުރަތަމަ ފިލްމަކީ 2017 ގައި ކުޅުނު "ސިމްރަން" އެވެ. އެ ފިލްމުގެ ސްކްރީންޕްލޭގައި ހިއްސާވުމުގެ ކުރިން ކަންގަނާ އެމެރިކާގެ ޔުނިވަސިޓީއެއްގައި ސްކްރިޕްޓް ރައިޓިން ކޯހެއް ވެސް ފުރިހަމަކޮށްފައިވެ އެވެ.

ކިޔެވުން ދޫކޮށްލައި ހަގު އުމުރުގައި ފިލްމީ ދާއިރާ އަށް ނުކުތް ނަމަވެސް ކަންގަނާ އަކީ މިހާރު ކާމިޔާބު އަންހެނެއްގެ ގޮތުގައި ގިނަ ބަޔަކު ނަމޫނާއެއްގެ ގޮތުގައި ދެކޭ ބަތަލާއެކެެވެެ. އަދި އޭނާ އަކީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ބަތަލާ އެވެ.