ޑެންގީގެ ފުރަތަމަ ވެކްސިން ގުއަޓެމާލާގައި ވިއްކަން ފަށަނީ
ޑެންގީގެ ފުރަތަމަ ވެކްސިން ގުއަޓެމާލާގައި ވިއްކަން ފަށަނީ

މަދިރިން ޖެހޭ ބައްޔެއް ކަމަށްވާ ޑެންގީން ދިފާއުވުމަށް ތައްޔާރުކުރި ފުރަތަމަ ވެކްސިން ގުއަޓެމާލާގައި ވަރަށް އަވަހަށް ވިއްކަން ފަށާނެކަމަށް މި ވެކްސިން އުފައްދާ ފްރާންސްގެ ކުންފުނިން ބުނެފި އެވެ.

ޑެންގީ އަކީ އެ ބަލި ޖެހުމުން ހުން އައިސް ގައިގައި ރިއްސާ އަދި ބައެއް ފަހަރަށް ފުރާނައަށް ވެސް ގެއްލުންވާ ނުރައްކާތެރި ބައްޔެކެވެ.

ގުއަޓެމާލާގެ ވެރިރަށުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، މި ވެކްސިން އުފައްދާ ކުންފުނީގެ ރީޖަނަލް އެކްޒެކެޓިވް ސެނޯފީ ޕެސްޓިއާ ވަނީ ޑެންގީ ވެކްސިން ތައާރަފްކޮށްފަ އެވެ. މި ވެކްސިން އަކީ އުމުރުން 45-9 އަހަރާ ދެމެދުގެ މީހުންނަށް ދޭ ވެކްސިނެއް ކަމަށާއި ވެކްސިން ދޭނީ މި ބަލި އެންމެ ގަދަޔަށް ފެތުރޭ ހިސާބުތަކުގެ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ތިން ޑޯޒެއްގެ ގޮތުގައި މި ވެކްސިން އުފެއްދުމަށް 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވެ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މި ވެކްސިން ބާޒަރަށް ނެރުނީ ޑެންގީގެ ހަތަރު ބާވަތަކުން ދިފާއު ކޮށްދޭ އެއްޗެއްކަން ސާބިތުވުމަށް ފަހުގަ އެވެ.

ފިލިޕީންސް، ބްރެޒީލް، މެކްސިކޯ އަދި އެލް ސެލްވަޑޯގައި މި ވެކްސިން ބޭނުންކުރުން ވަނީ ހުއްދަކޮށްފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނާ ގޮތުގައި ޑެންގީ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު 1990 ގެ މެދެއްހާ ހިސާބުން ފެށިގެން ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރު ދުނިޔޭގެ 3.2 މިލިއަން މީހުންނަށް ޑެންގީ ޖެހިފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެ އެވެ. އަދި 2013 ވަނަ އަހަރު ޑެންގީ ޖެހިގެން 9،000 މީހުން މަރުވެފައިވެ އެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ފަގީރު ގައުމުތަކުގައި ދިރިއުޅޭ މީހުންނެވެ.

މި ބަލި ފެތުރޭ ގޮތަށާއި ބަލިޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންނަށް ބަލާއިރު ޑަބްލިޔުއެޗްއޯ އިން އަންދާޒާ ކުރަނީ ދުނިޔޭގެ 100 މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ޑޮކްޓަރީ ފަރުވާ ހޯދާ ވަރަށް ބަލިވެފައި ވަނީ ހަތަރުބައިކުޅަ އެއްބައި މީހުންނަށް ކަމަށް ވެސް އެ ޖަމިއްޔާއިން ލަފާ ކުރެ އެވެ.

ޑެންގީ އެންމެ ގިނައިން ޖެހެނީ އޭޝިއާ މީހުންނަށެވެ. ދެ ވަނަ އަށް ލެޓިން އެމެރިކާ އަދި އެފްރިކާ މީހުންނަށެވެ.

ގުއަޓެމާލާގައި 2005 ގައި 114،000 މީހުންނަށް ޑެންގީ ޖެހުނުކަމަށް ހިސާބުތަކުން ދައްކަ އެވެ. އަދި 132 މީހުން މަރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯގެ ޕޭން އެމެރިކަން ހެލްތު އޮގަނައިޒޭޝަނުން ބުނެފައިވެ އެވެ.