29 ޖޫން 2021 - 10:17

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުން ސޮއިކުރަން ޖެހޭ އެއްބަސްވުމުގެ ޑްރާފްޓަށް ހިޔާލު ހުށަހަޅަން ބޭނުންވާ މީހުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ އެ ފުރުސަތު ހުޅުވާލައިފި އެވެ.
ފްލެޓް ލިބުނު މީހުންނަށް ވަކިވަކިން އެއްބަސްވުން ފޮނުވުމަކީ ކޮވިޑްގެ މި ހާލަތުގައި ދަތިކަމަކަށް ވާތީ، އެޗްޑީސީން ވަނީ އެ ކުންފުނީގެ ވެބްސައިޓުގައި އެއްބަސްވުމުގެ ދެލިކޮޕީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އާންމުކޮށްފަ އެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ޑްރާފްޓް އެއްބަސްވުމަށް އެއްވެސް ހިޔާލެއް އޮތް ނަމަ، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން[email protected]އަށް މެއިލް ކުރެވޭނެ ކަމަށެވެ.
ހިޔާ މަޝްރޫއުގައި އިމާރާތްކުރި 6،720 ފްލެޓް ލިބުނު މީހުންނާ އެ ތަންތަން ހަވާލުކުރުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ތަޅުދަނޑި ހަވާލުކުރަން ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.
ފްލެޓްތައް ލިބުނު މީހުންނަށް އެ ތަންތަން ދައްކައިލުން އެޗްޑީސީން މިދިޔަ ހޮނިހިރު ދުވަހު ވަނީ ފަށައިފަ އެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެތަންތަން ދައްކައިލަމުން ދަނީ ފްލެޓަށް ވަނުމުގެ ކުރިން ކުރަން ޖެހޭ ހަރަދުތަކުގެ އަންދާޒާއެއް ކުރަން ފަސޭހަވާނެތީ ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ،
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ދެ ކޮޓަރީގެ ފްލެޓްތައް ހަވާލު ކުރާނީ ފާހާނާގައި ދޮރުފަތް ހަރުނުކޮށް، އަދި ތަށިމުށި ވެސް ނުޖަހަ އެވެ. ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަލާން ޖެހެނީ ވެސް ފްލެޓު ލިބޭ މީހުން އަމިއްލަ އަށެވެ. އެޗްޑީސީން ނިންމާފައި ވަނީ އެޕާޓްމެންޓުތަކުގެ އެ މަސައްކަތްތައް ނިންމުމަށް ތިން މަސް ދުވަސް ދިނުމަށެވެ. އެ ދުވަސްވަރު އެ ފްލެޓުތަކުން އެއްވެސް ފީއެއް ނުނަގާނެ އެވެ.
ފްލެޓުތަކުން މަހު ކުލީގެ ގޮތުގައި 25 އަހަރަށް ބަހާލައިގެން 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ނަގާނެ އެވެ.