29 ޖޫން 2021 - 03:07

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަރުމަނުގައި ހުންނަވައިގެން "އާސްކް ސްޕީކާ" އަނެއްކާވެސް ބާއްވަން ނިންމަވައިފި އެވެ.
އާސްކް ސްޕީކާ އަކީ މަޖިލީހުގެ ކޮންމެ ދައުރެއް ނިންމާފައި މަޖިލީހުން އިންތިޒާމުކޮށްގެން ބާއްވާ ސުވާލާއި ޖަވާބުގެ ލައިވް ޕްރޮގްރާމެކެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ޕްރޮގްރާމު ބާއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން މިރޭ ބުނީ އާސްކް ސްޕީކާގެ ތިން ވަނަ އިވެންޓް އަންނަ މަހުގެ 5 ވަނަ ދުވަހު ގެ ރޭ 9:00 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މިފަހަރު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނީ އޮންލައިންކޮށް ޖަރުމަނުވިލާތުންނެވެ. ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށް އޯޑިއޯ ނުވަތަ ވީޑިއޯ މެދިވެރިކޮށް ވެސް ސުވާލު ކުރެވޭނެ ގޮތް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
ލައިވްކޮށް ސުވާލު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މަޖިލީހުގެ މީޑިއާ ސެކްޝަންގެ ނަމްބަރު 7234566 އަށް، މި މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ގުޅައިގެން ނަން ނޯޓު ކުރެވޭނެ އެވެ. އަދި ކްލަބް ހައުސް މެދުވެރިކޮށް ސުވާލު ކުރަން އެދޭ ފަރާތްތަކަށް ވެސް އެ ނަމްބަރަށް ނަމާއި ކްލަބް ހައުސް އެކައުންޓު ފޮނުވުމުން ނަން ނޯޓު ކުރެވޭނެ އެވެ. އޭގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ކުރަން ބޭނުންފާ ފަރާތްތަކަށް އެ ޕްރޮގްރާމުގެ ހާއްސަ ހޭޝްޓެގް ބޭނުންކޮށްގެން ސުވާލު ކުރެވޭނެ އެވެ.
މިއީ ބޮމުގެ ހަމަލާގެ ފަހުން ރައީސް ނަޝީދު އާންމުންނާ ބައްދަލު ކުރައްވާ ފަރަތަމަ ފަހަރެވެ.