28 ޖޫން 2021 - 21:04

އޯޒޯން ފަށަލައަށް ގެއްލުންދޭ ހައިޑްރޯކްލޯރޯފްލޯރޯކާބަންސް (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓާލި ތަރައްގީވަމުން އަންނަ ފުރަތަމަ ގައުމަށް ދިވެހިރާއްޖެ ވެއްޖެ އެވެ.
އޯޒޯން ފަށަލައަށް ގެއްލުންވާ މާއްދާތައް އުފެއްދުމާއި އިމްޕޯޓުކުރުން ހުއްޓުވަން 1989 ވަނަ އަހަރު 197 ގައުމަކުން ވަނީ އެއްބަސްވެފަ އެވެ. އެ އެއްބަސްވުމަށް ކިޔަނީ ދަ މޮންޓްރިއާލް ޕްރޮޓޮކޯލް އެވެ. އެ އެއްބަސްވުމުގެ ދަށުން ގައުމުތަކުން ނިންމާފައި ވަނީ އެޗްސީއެފްސީ ގޭސް ބޭނުންކުރުން 2030 ވަނަ އަހަރު އަންނަންވާއިރަށް ހުއްޓާލުމަށެވެ.
ނަމަވެސް، އެންވަޔަރަމެންޓް މިނިސްޓްރީއިން މިއަދު ބުނީ، އަމާޒު ހިފި ވަރަށް ވުރެ 10 އަހަރު ކުރިން ރާއްޖެއަށް އެ ލަނޑުދަނޑި ހާސިލު ކުރެވިފައިވާ ކަމަށެވެ. މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެ ވެފައި ވަނީ މިކަން ހާސިލުކުރި، ތަރައްގީވަމުން އަންނަ ފުރަތަމަ ގައުމަށެވެ.
ރާއްޖޭގެ ކާމިޔާބީ ފާހަގަކުރުމަށް މިނިސްޓްރީން މިއަދު ވަނީ "އަ ކޫލް މޫވް: މޯލްޑިވްސް ކުއިޓްސް އެޗްސީއެފްސީ"ގެ ނަމުގައި އޮންލައިން ހަފުލާއެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުންގެ އިތުރުން، އދ.ގެ އޭޖެންސީތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އެ އިވެންޓުގައި އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ، ރާއްޖޭގެ ސަބަބުން މޫސުމަށް ބަދަލު ނަޔަސް، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. ނަމަވެސް، ރާއްޖެޭން ރާއްޖޭގެ ދައުރު އަދާކުރުމުގައި ދެމި އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ޭއޭގެ އިތުރުން، ކުރީގެ "ކާބަން ނިއުޓްރަލް" ސިޔާސަތު މިހާރު "ނެޓް ޒީރޯ" ސިޔާސަތަށް ބަދަލުވެއްޖެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ބޭރުގެ މާލީ އަދި ޓެކްނޮލޮޖިކަލް އެހީއާ އެކު، 2030 ވަނަ އަހަރު އަންނަންވާއިރަށް، ނެޓް ޒޯރޯގެ ލަނޑުދަނޑި ވެސް ހާސިލު ކުރެވިދާނެ ކަމަށެވެ.
އެޗްސީއެފްސީ ނައްތާލުމަށް ސިޔާސަތު ކަނޑައެޅުއްވި އޭރުގެ އެމްޑީޕީ ސަރުކާރުގެ މިނިސްޓަރު އަދި މިހާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ވީޑިއޯ މެސެޖެއް ވެސް ރަސްމިއްޔާތުގައި ދެއްކި އެވެ.
އެ މެސެޖުގައި އަސްލަމް ވިދާޅުވީ، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ މުސްތަގުބަލު ގުޅިފައި އޮތީ ޖައްވު ހޫނުވުމަށް މެދުވެރިވާ ސަބަބުތައް ނައްތާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ކުރާ މަސައްކަތަށް ކަމަށެވެ. މި ދާ ރޭޓުގައި ޖައްވު ހޫނުވާ ނަމަ ކުރިއަށް އޮތް 100 އަހަރު ތެރޭގައި ރާއްޖެ ގައުމެއްގެ ގޮތުގައި ނެތުމަކީ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލަން އޭރުގެ ސަރުކާރުން އަމާޒު ހިފީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖެ މިކަމުގައި ދެއްކި މިސާލާ އެކު އެހެން ގައުމުތަކުން ވެސް އެކަން ކުރާނެ ކަމަށެވެ.
"ދުނިޔޭގެ ގައުމުތަކުން އަޅުގަނޑުމެންގެ މަސައްކަތް ބަލައިގަންނާނެ. އަދި އަޅުގަނޑުމެން މި ދައްކާ މިސާލާ އެކީގައި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިކަން ކުރާނެކަން އަޅުގަނޑަށް ހަމަ ޔަގީން،" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި 2010 ވަނަ އަހަރު ރާއްޖެއިން ވަނީ 67 މެޓްރިކް ޓަނުގެ އެޗްސީއެފްސީ ގޭސް ރާއްޖެއަށް އެތެެރެކޮށްފަ އެވެެ. ނަމަވެސް، 2020 ވަނަ އަހަރާ ހިސާބަށް އައި އިރު ރާއްޖެއިން އެއްކޮށް އެޗްސީއެފްސީ ނައްތާލެވިފައިވާ ކަމަށް ބުންޏެވެ.
އެޗްސީއެފްސީ ނައްތާލުމަކީ 2010 ވަނަ އަހަރު އޭރުގެ ރައީސް، މުހައްމަދު ނަޝީދު ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން އެޗްސީއެފްސީ ނައްތާލުމަށް 10 އަހަރުގެ މަޝްރޫއެއް ވަނީ ހިންގައިފަ އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި، އެ މަޝްރޫއު ހިންގާފައި ވަނީ އެޗްސީއެފްސީ ނައްތާލުމަށް އެހީވާ މަލްޓިލެޓަރަލް ފަންޑު (އެމްއެލްއެފް)ގެ ހިލޭ އެހީގެ ދަށުންނެވެ.
ކްލޯރޯފްލޯރޯކާބަންސް (ސީއެފްސީ) ނައްތާލި ފުރަތަމަ ގައުމަކީ ވެސް ރާއްޖެ އެވެ. 2008 ވަނަ އަހަރު އެ ލަނޑުދަނޑި ހާސިލުކުރީ އަމާޒު ހިފި ވަރަށް ވުރެ ދެ އަހަރު ކުރިންނެވެ.