އެމެރިކާ އާއި ކެނެޑާ އަށް އާދަޔާ ހިލާފަށް ހޫނު
އެމެރިކާ އާއި ކެނެޑާ އަށް އާދަޔާ ހިލާފަށް ހޫނު

އެމެރިކާ އާއި ކެނެޑާގެ ބައެއް ސަރަހައަދުތަކަށް އާދަޔާ ހިލާފަށް ހޫނުމިން މަތިވެ، ގިނަ ބަޔަކަށް އެކަމުގެ ދަތިކަން ފޯރަން ފަށައިފި ކަމަށް، އެ ދެ ގައުމުގެ މޫސުމާ ބެހޭ އިދާރާތަކުން އިއްޔެ ބުނެފި އެވެ.

ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ ހޫނުމިން މިހާރު ހުރީ، އެ ސަރަހައްދުގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ ހޫނުމިނުގަ އެވެ. އެ ސަރަހައްދުގެ ހޫނުމިން މިހާރު 46.6 ޑިގްރީ ސެލްސިއަސް (116 ފެރަންހައިޓް) ގައި ހުރި އިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް، ހޫނުމިން ހުންނާނީ މަތީގައި ކަމަށް، ކެނެޑާގެ މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ.

ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން، ކެނެޑާގެ މޫސުމާ ބެހޭ އިދާރާ އެންވަޔަރްމެންޓް ކެނެޑާއިން މިހާރު ވަނީ ބައެއް ސަރަހައްދުތަކުގައި ސަމާލުތައް ނެރެފަ އެވެ. އޭގެ ތެރޭގައި ބްރިޓިޝް ކޮލަމްބިއާ، އަލްބާޓާ، ޔުކޯން އަދި ސަސްކަޓްޗެވަން އާއި އެގައުމުގެ ހުޅަނގު އުތުރު ސަރަހައްދުތައް ހިމެނެ އެވެ.

"މި ނުރައްކާތެރި ތާރީހީ އަދި ދިގުދެމިގެންވާ ހޫނުމިން، މި ހަފުތާ އަށް އެކުގައި ދެމިއޮންނާނެ." ގިނަ ސަރަހައްދުތަކުގެ ހޫނުމިން 40 ޑިގްރީ އަށް މަތިވާނެ ކަމަށް ލަފާކޮށް ނެރުނު ސަމާލުގައި ބުނެފައިވެ އެވެ. މިއީ އެ ސަރަހައްދުތަކުގައި އާންމުކޮށް ހޫނުމިން އެންމެ މައްޗަށް ދާ މިންވަރަށް ވުރެ ވެސް 10-15 ޑިގްރީ ހޫނު މިންވަރެކެވެ.

އެމެރިކާގެ މޫސުމާ ބެހޭ އިދާރާ އިން ވެސް ވަނީ ހަމަ މިފަދަ ސަމާލެއް ނެރެފަ އެވެ. އެ އިދާރާ އިން ބުނި ގޮތުގައި ވޮޝިންޓަން އާއި އޮރިގަންގައި، އާންމު ހޫނުމިނަށް ވުރެ 30 ޑިގްރީ ފެރަންހައިޓަށް ހޫނުމިން މަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިހާރު އެ ގައުމުގެ ހުޅަނގު އުތުރުގައި އުފެދިފައިވާ ހޫނު ރޯޅީގެ އަސަރު، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހަށް ދެމިގެން ހިނގައިދާނެ ކަމަށާއި، އެމެރިކާގެ ތާރީޚުގައި ވެސް ރެކޯޑް ނުކުރެވޭ މިންވަރަށް ހޫނުމިން މަތިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ބޮޑެތި ސިޓީތައް ކަމަށްވާ ސިއޭޓަލް އާއި ޕޯޓްލޭންޑްގައި ހޫނުމިން އެންމެ މަތިވާނެ ކަމަށް ލަފާކުރެވެނީ މިއަދެވެ. މި ދެ ސިޓީގައިވެސް ރެކޯޑް މިންވަރަކަށް ހޫނުމިން މަތިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އެހެންކަމުން އެ ދެ ސިޓީގެ މަދަރުސާތައް ބަންދުކޮށް ކޮވިޑް ވެކްސިން ޖެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ކެނެޑާގައި އެންމެ މަތީ ހޫނުމިނެއް ރެކޯޑް ކުރެވިފައިވަނީ 1937 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެފަހަރު 45 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން މައްޗަށް ދިޔަ އެވެ.

ހޫނުމިން މަތިވާ ސަރަހައްދުތަކުގައި ޖަންގަލިތަކުގައި ރޯވުމުގެ ނުރައްކާ އޮތް އިރު، ކޯރުތަކުގެ ދިޔަވަރު އާދަޔާ ހިލާފަށް އަޑިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި ބައެއް ސަރަހައްދުތަކުގެ ކޯރުތަކުން ވަރަށް ބޮޑަށް ފެން މަދުވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.