28 ޖޫން 2021 - 12:05

އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކަށް ތާލިބާނުގެ ހަނގުރާމަވެރިން ބާރު ގަދަކުރަމުން ދާއިރު، ޕާކިސްތާނަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ބެލުމަށް ފަހު، ދެ ގައުމު ގުޅޭ ބޯޑަރު ބަންދުކުރަން ޖެހިދާނެ ކަމަށް، ޕާކިސްތާނުން އިންޒާރުކޮށްފި އެވެ.
ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ ވިދާޅުވީ ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާނު ހިނގައްޖެ ނަމަ، އަފްގާނިސްތާނާއި ޕާކިސްތާނާ ދެމެދު އެއްގަމު މަގުން ދަތުރުކުރާ ހުރިހާ މަގުތަކާއި ދޮރޯށިތައް ބަންދުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް އަފްގާނިސްތާނުގެ 3.5 މިލިއަން ރެފިއުޖީންނަށް ޕާކިސްތާނުން ހިޔާވަހިކަން ދީފައިވާ ކަމަށާއި، އިތުރު ބަޔަކަށް އެ ފުރުސަތު ދެވެން ނެތް ކަމަށެވެ.
އަފްގާނިސްތާނުގެ ހަނގުރާމަ އިތުރަށް ގޯސްވާ ހާލަތެއްގައި، ގިނަ އަދަދެއްގެ ބަޔަކު ރެފިއުޖީންގެ ގޮތުގައި ޕާކިސްތާނަށް ހިޖްރަކުރާނެ ކަމަށް ބެލެވޭއިރު، ޕާކިސްތާނުގެ ހާރިޖީ ވަޒީރު ވިދާޅުވީ، ޕާކިސްތާނުގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ވެސް ހާއްސަ އިސްކަމެއް ދޭންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، އަފްގާނިސްތާނުގައި ސުލްހަ ގާއިމުކުރުމުގައި އެހީތެރިވެދޭ ގައުމެއްގެ ގޮތުގައި ޕާކިސްތާނު އަބަދުވެސް ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަފްގާނިސްތާނުގައި ދެން ގާއިމުކުރާ ސަރުކާރަކަށް ވެސް، ޑިޕްލޮމެޓިކް ދާއިރާ އިން ޕާކިސްތާނުން އެހީވެދޭނެ އެވެ.
އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން، ހުސްވި މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ގައުމުން ފައިބަން ފަށާފައިވާ އިރު، ތާލިބާން ހަނގުރާމަވެރިން އަންނަނީ އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ބާރު ގަދަކުރަމުންނެވެ. އެ ގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި، އަފްގާނިސްތާނު ސަރުކާރުގެ ސިފައިންނާއި ތާލިބާން ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވުނެވެ.
މި ހަމަލާތަކަށް ފަހު، އަފްގާނިސްތާނުގެ ފަސް ޕްރިވިންސެއް މިހާރު ވަނީ ތާލިބާނުންގެ ބާރުގެ ދަށަށް ގޮސްފަ އެވެ. އޭގެ ތެރޭގައި ތަޖިކިސްތާނާއި ޕާކިސްތާނު ގުޅުވައިދޭ ސަރަހައްދީ ރޮނގުގެ ކައިރީގައި އޮންނަ ބައެއް ޕްރޮވިންސްތައް ހިމެނެ އެވެ.
އެމެރިކާ އާއި ތާލިބާންގެ ހަނގުރާމަވެރިންނާ ދެމެދު މިދިޔަ އަހަރު އެއްބަސްވެފައިވާ ގޮތުގެ މަތިން، އެމެރިކާ ސިފައިން މިއަހަރުގެ ސެޕްޓެންބަރު މަހުގެ 11 ގެ ނިޔަލަށް، އަފްގާނިސްތާނުން ބާލައި ނިމޭނެ އެވެ.