28 ޖޫން 2021 - 11:55

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިޔަންމާގެ ސިފައިން ގެނައި އަސްކަރީ އިންގިލާބުގައި ވެރިކަން ވައްޓައިލުމުން، އެކަމާ ދެކޮޅަށް އަޑުއުފުލަން މަގުތަކަށް ނުކުތް، އާންމު ރައްޔިތުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު މަރާލައި އެތައް ހާސް ބަޔަކު ހައްޔަރު ކުރި އެވެ. އޭގެ ފަހުން، މިޔަންމާގެ ރަށްފުށު ސަރަހައްދުގެ އަވަށްތަކަށް ސިފައިން އަރައިގަނެ، އެތައް ސަތޭކަ މަރައި، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ފިލަން މަޖުބޫރު ކުރި އެވެ.
އެންމެ ފަހުން، މިހާރު މިޔަންމާ ސިފައިން ދިމާކޮށްފައި ވަނީ އެ ގައުމުގެ ގާނޫނީ ވަކީލުންނާ އެވެ. ހައްޔަރުކޮށްފައިވާ ކުރީގެ ސަރުކާރުގެ ވެރިންގެ ދިފާއުގައި ވަކާލާތު ކުރާ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނަށް، ސަރުކާރުގެ ފަރާތުން އަންނަނީ އެކި ގޮތްގޮތުން އިންޒާރުދީ، އެމީހުންގެ ދިފާއުގައި ވަކާލާތުކުރުމަށް ހުރަސް އަޅަމުންނެވެ.
މިހާރު ހައްޔަރުކޮށްފައި ތިބި ސިޔާސީ ބޭފުޅުންގެ ގާނޫނީ ވަކީލުންގެ ތެރެއިން ހަ ވަކީލަކު މިދިޔަ މަހުގެ ތެރޭގައި ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި މިޔަންމާގެ ލީޑަރު އަންގް ސަން ސޫކީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލަކު ވެސް ހިމެނެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އާންމު އިންތިހާބުގައި، ސޫކީގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރެސީ ޕާޓީން ހޯދި ބޮޑު ކާމިޔާބަށް ފަހު، އަސްކަރީ ވެރިޔާ މިން އައުންގެ ލައިންގް ގެނައި އިންގިލާބެއްގައި، ވެރިކަން ބަދަލުކޮށްލީ މިއަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު އެވެ.
އެ ދުވަހުގެ އިންގިލާބާ ދެކޮޅަށް ރައްޔިތުން ކުރަން ފެށި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް، ސިފައިންނާއި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން، މަދުވެގެން 883 މީހަކު މަރުވި އެވެ. އޭގެ އިތުރުން 6000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް އޭގެ ތެރެއިން އެއް ބަޔަކަށް ޝަރީއަތް ކޮށް މިހާރު ޖަލަށް ލާފައިވާ އިރު، އަނެއް ބަޔަކަށް މިހާރު އަންނަނީ ޝަރީއަތް ކުރަމުންނެވެ.
އެންމެ ފަހުން ހައްޔަރު ކުރި ހަ ގާނޫނީ ވަކީލުން ހައްޔަރުކުރީ، އެމީހުންގެ ތަމްސީލުކުރާ ސިޔާސީ ބޭފުޅުންނާ އެކު، އެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ތިއްބައި، މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ހުރިހާ ވަކީލުންގެ މައްޗަށް ވެސް މިހާރު ވަނީ ޣައިރު ގާނޫނީ އަމަލުތައް ހިންގުމުގެ ދައުވާކޮށްފަ އެވެ. އެދައުވާ ސާބިތުވެއްޖެ ނަމަ، މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މިޔަންމާގެ ލީޑަރު ސޫކީގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވެރިޔާ ކިން މައުންގް ޒޯ ވިދާޅުވާ ގޮތުގައި އަސްކަރީ ވެރިންގެ އަމަލުތައް ހުރި ގޮތުން، ގާނޫނީ ވަކީލުންގެ ކުރިމަގާ މެދު ވަރަށް ކަންބޮޑުވެ އެވެ. އަދި މިހާރު ގައުމުގައި އޮތީ ވަރަށް އުނދަގޫ ހާލަތެއް ކަމަށާއި، ގައުމަށް ދިމާވެފައިވާ މައްސަލަތައް، ޝަރުއީ ނިޒާމުގެ ތެރެއިން ހައްލުކުރެވިދާނެ ކަމުގެ ޔަގީންކަން ވެސް ކުޑަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ހައްޔަރު ކޮށްފައި ތިބި މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުންގެ ދިފާއުގައި މަސައްކަތް ކުރާ ވަކީލެއް ކަމަށްވާ ތެޓް ޓުން އޫ، ޝަރީއަތުގެ އަޑުއެހުމަކަށް ދަނިކޮށް، ސިފައިން ވަނީ މަގުމަތިން އޭނާ ހައްޔަރުކޮށްފަ އެވެ. އޭނާ ވަކާލާތު ކޮށްދޭ މީހުންގެ ތެރޭގައި، ކަޗިން ސްޓޭޓްގެ ސަރަހައްދީ ސަރުކާރުގެ ކުރީގެ ވެރިން ވެސް ހިމެނެ އެވެ.
ވަކީލު ތެޓް ޓުން އޫގެ ގާތް އެހެން ވަކީލަކު ބުނި ގޮތުގައި، ތެޓް ޓުން ހައްޔަރުކުރުމާ ގުޅިގެން، ގިނަ ދިފާއީ ވަކީލުން މިހާރު އުޅެނީ ފިލައިގެންނެވެ. އެހެން ނަމަވެސް، ދިފާއީ ވަކީލުންގެ ގޮތުގައި، މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
ދިފާއީ ވަކީލުންގެ ތެރޭގައި ހިމެނޭ އަންހެން ވަކީލުން ކޯޓަށް ހާޒިރުވާ އިރު، ސިފައިންނާއި ފުލުހުން އެމީހުން މަގުމަތިން ހުއްޓުވައި ފޮޓޯ ނަގައި ވީޑިއޯކުރުން މިހާރު އާންމުވެފައި ވާތީ، އެކަނި ކޯޓަށް ދިޔުމަށް ވެސް ބައެއް ވަކީލުން ޖެހިލުންވާ ކަމަށް އޭނާ ބުންޏެވެ. އަދި މަގުމަތިން ހުއްޓުވާ ވަކީލުންނަށް ފާރަލުމާއި މަގުމަތިން ޖެއްސުން ކުރުމުގެ އަމަލުތައް އިތުރުވެފައިވާ ކަމަށާއި، ގާނޫނީ ލަފައެއް ހޯދަން ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ބުނެ، ގޮތް ނޭނގޭ މީހުންގެ ފަރާތުން ލިބޭ ފޯން ކޯލްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް ބުންޏެވެ.