28 ޖޫން 2021 - 13:06

ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް މިދިޔަ އަހަރު ސަރުކާރުން ދޫކުރި ލޯނު ލިބުނީ ރެސްޓޯރެންޓު ދާއިރާގެ އެންމެ ހަތަރު ވިޔަފާރިއަކަށް ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން މިއަދު ބުނެފި އެވެ.

ރޭމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ މެމްބަރު ހުސައިން އިސްމާއިލް ވިދާޅުވީ ސަރުކާރުން ލޯނު ސްކީމްތައް ތައާރަފުކުރަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ. އޭނާ ވިދާޅުވީ ރެސްޓޯރެންޓު ދާއިރާ އަކީ ބޮޑު ދާއިރާއަކަށްވެފައި އެ ދާއިރާއަށް ލޯނުތަކެއް ހާއްސަ ނުކުރާތީ ކަންބޮޑުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަށް ބަލާއިރު ސަރުކާރުން މިދިޔަ އަހަރު ދޫކުރި ލޯނުތަކުގެ ތެރެއިން މި ދާއިރާއާ ގުޅުން ހުރި އެންމެ ހަތަރު ވިޔަފާރިއަކަށް ލޯނު ލިބުނީ. މިހެންވާން ޖެހުނީ ޕްލޭނެއް ނެތި ލޯނު ދޭތީ،" ހުސައިން ވިދާޅުވި އެވެ.
"ސަރުކާރުން ލޯނު ދެނީ ބޭންކުތައް މެދުވެރިކޮށް، އިންޓްރެސްޓާ އެކު. އަޅުގަނޑުމެން މިހާރު ވެސް މި ތިބީ ދަރަނިވެރިވެފައި. އަނެއްކާ ލޯނު ނަގައިފިއްޔާ ދަރަނި ބޮޑުވާނެ. އެހެންވެ މި ދަންނަވަނީ މިކަންކަން ކުރާއިރު އަޅުގަނޑުމެންނާ ވެސް މަޝްވަރާކުރާށޭ. އަޅުގަނޑުމެންގެ ވެސް ހާލަތު އަޑު އަހާށޭ،"
ހުސައިން ވިދާޅުވި ގޮތުގައި ރެސްޓޯރެންޓުތަކުގެ ވިޔަފާރި ދަށްވެ ގިނަ ރެސްޓޯރެންޓުތައް ވަނީ ބަންދުކުރަން ޖެހޭ ހާލަތަށް ގޮސްފަ އެވެ. އެގޮތުން، ފާއިތުވި 18 މަސް ދުވަހުގެ ބިލުތަކާއި ކުލި ނުދެއްކި ގިނަ ރެސްޓޯރެންޓުތައް ދަރަނިވެރިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ކޮވިޑްގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމާ ހެދި، މިދިޔަ އަހަރު ދެ ބާވަތެއްގެ ލޯނު ދޫކޮށްފަ އެވެ. އެއީ އެސްޑީއެފްސީ އާއި ބީއެމްއެލް މެދުވެރިކޮށް ދޫކުރި ރިލީފް ލޯނާއި ބީއެމްއެލް މެދުވެރިކޮށް ދޫކުރި އީއައިބީ ލޯނުތަކެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިހާތަނަށް ވިޔަފާރިތަކަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.
ރޭމުން ބުނި ގޮތުގައި އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ އެކު ގިނަ ރެސްޓޯރެންޓުތަކުގެ ސޭލްސް ވަނީ 90 ޕަސެންޓް ދަށްވެފަ އެވެ. އަދި ގިނަ އަދަދެއްގެ ރެސްޓޯރެންޓުތައް ބަނގުރޫޓުވެ ބަންދު ކޮށްފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ރޭމްގެ ރައީސް ހާމިދު އަފީފް އެ ދާއިރާ ސިފަކުރެއްވީ ކޯމާގައި އޮތް ބަލި މީހެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ އެ ދާއިރާ އަލުން އިއާދަ ކުރުމަށް ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ޖަމިއްޔާގެ ކަންބޮޑުވުންތަކަށް ސަރުކާރުން ދެނީ ބީރު ކަންފަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދާއިރާގެ ބޮޑު ޕަސެންޓެއް ބޭނުންވާނީ އިސްލާމިކް ފައިނޭންސް. އެ ވާހަކަ ވެސް ވަރަށް ގިނަ ފަހަރު ސަރުކާރުގައި ދެންނެވިއްޖެ. އެކަމަކު ދެނީ ބީރު ކަންފަތެއް. އަޅުގަނޑުމެން އެބަ ބޭނުންވޭ ސަރުކާރުގެ އެއްބާރުލުން،" ހާމިދު ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއިންބުއިމުގެ ހިދުމަތް ދިނުން މެދުކަނޑާލުމުން އެތަންތަނަށް ގެއްލުންވާތީ އެކަމާ ދެކޮޅަށް މިއަދު ހަވީރު އަޑުއުފުލައި، މުޒާހަރާ ކުރުމަށް ވަނީ ނިންމައިފަ އެވެ. މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި މުޒާހަރާ ކުރާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ރޭމުން ބުންޏެވެ.
"ކާންދޭ އަތުގައި ދަތް ނާޅާ" ގެ ނަމުގައި ކުރިއަށްގެންދާ މި މުޒާހަރާ އޮންނާނީ މިއަދު ހަވީރު 4:00 ގައި ކާނިވާ ސްޓޭޖް ސަރަހައްދުގަަ އެވެ.