23 ނޮވެމްބަރ 2016 - 15:27

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 26.8 ބިލިއަން ރުފިޔާގެ ބަޖެޓަށް އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން މިއަދު ހުށަހެޅި 18 އިސްލާހުގައި ވަޒީފާ ނެތް މީހުންނަށް މަހަކު 2،000ރ. ގެ އިނާޔަތެއް ދޭން އެމްޑީޕީގެ މުހައްމަދު އަސްލަމް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓު ހުށަހެޅުމުން ބަޖެޓަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމާއި އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމާއި ވައިކަރަދޫ ދާއިރާގެ މުހައްމަދު ނާޒިމާއި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމެވެ. އެންމެ ގިނަ އަދަދެއްގެ އިސްލާހު ހުށަހެޅުއްވީ އަސްލަމެވެ.
ބަޖެޓު ފާސްކުރަން މާދަމާ ބާއްވާ ޖަލްސާގައި މި އިސްލާހުތަކަށް ވޯޓަށް އަހާނެ އެވެ.
އަސްލަމް ހުށަހެޅުއްވި އެއް އިސްލާހުގައިވާ ގޮތުން ވަޒީފާ އަދާކުރާ އުމުރުފުރާގައި ވަޒީފާ ހޯދަން އުޅެ، އެއްވެސް އާމްދަނީ އެއް ނުލިބޭ ނަމަ ސަރުކާރުން އިނާޔަތެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
އެ ގޮތުން ސަރުކާރުގެ އިދާރާއެއްގައި ވަޒީފާ ނެތް މީހުންގެ ގޮތުގައި ރަޖިސްޓްރީވާ ކޮންމެ މީހަކަށް ވަޒީފާ ނެތުމުގެ އިނާޔަތެއް ކަނޑައަޅައި ފިނޭންސް މިނިސްޓްރީން ހަމަޖައްސަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ ޖެނުއަރީން ފެށިގެން 2،000ރ. ދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
މީގެ އިތުރުން އަސްލަމް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދައުލަތުގެ ބަޖެޓުން ދެމުން އަންނަ 2،000ރ.، 5000ރ. އަށް ބޮޑުކުރަން ވެސް އިސްލާހު ހުށަހަޅުއްވައިފަ އެވެ.
- ޕްރޮޖެކްޓްތައް ހިނގާ ރަށްތަކާއި ނުހިނގާ ރަށްތައް އެނގޭ ގޮތަށް ތާވަލެއް ހެދުން
- އަސާސީ ހިދުމަތްތައް ނުދެވޭ ރަށްތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް އިސްކަން ދިނުން
- ބަޖެޓް ތަންފީޒުކުރެވޭ ގޮތް ބަލަން ކޮންމެ ތިން މަހަކު ކުއާޓާލީ ރިޕޯޓެއް ހުށަހެޅުން
- އަންނަ އަހަރު ފެށުމުގެ ކުރިން މިނިމަމް ވޭޖެއް ތައާރަފް ކުރުން
- އާ ޓެކްސްތަކެއް ނަގާ ނަމަ ހަ މަސް ދުވަހުގެ މުއްދަތެއް ދިނުން
- ކާޑުގެ ބާވަތްތައް އެއް އަގެއްގައި ލިބޭނެ ގޮތް ހެދުން
- ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމު އެއް އަގެއްގައި ލިބޭނެ ގޮތް ހެދުން
- މާލިއްޔަތު ގާނޫނާއި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނާ އެއްގޮތަށް ބަޖެޓު ފަސްކުރުން
- ގެދޮރު އިމާރާތް ކުރުމާއި އޮޑި ދޯނިފަހަރު ބަނުމަށް ކުޑަ ލޯނު ދޫކުރުން
- ބޭސް ފަރުވާއަށް ބޭރަށް ދާ މީހުންނަށް ކެއުމާއި ބުއިމުގެ ހަރަދު ނުބެލެހެއްޓޭ މީހުންނަށް އެހީވުން
ފައިސަލް ހުށަހެޅުއްވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތައުލީމާއި ތަމްރީން ދިނުމަށާއި ހުނަރުވެރިން ތަމްރީނު ކުރަން ކޮންޓެންޖެންސީ ބަޖެޓުން ދެ މިލިއަން ރުފިޔާ ޖެންޑާ މިނިސްޓްރީއަށް ދިނުމަށެވެ.
ރޮޒެއިނާ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓުން ކެޕިޓަލް ހަރަދުގެ ގޮތުގައި އޮތް 30 މިލިއަން ރުފިޔާ އުނިކޮށް، އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުން ސްކޫލް މަސައްކަތުގެ މީހުންގެ ބަޔަށް އެ ފައިސާ ހިމެނުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުން ފަސް މިލިއަން ރުފިޔާ އުނިކޮށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ކެޕިޓަލް ހަރަދުގެ ގޮތުގައި ދިނުމަށެވެ.
ނާޒިމް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުން ހަތް މިލިއަން ރުފިޔާ އުނިކޮށް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ހަމަޖެއްސުމަށެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާކުރާ ދެ ބިލިއަން ރުފިޔާާ އެވެ.