04 ޖޫން 2016 - 17:52

މާލޭގައި އިއްޔެ އާއި ރޭ ހިމގި ދެ މާރާމާރީގައި 14 އަހަރުގެ ދެ ފިރިހެން ކުދިން މަރާލާފައި ވަނިކޮށް މިއަދު ހަވީރު 24 އަހަރުގެ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް ވިދާޅުވި ގޮތުގައި ވަޅި ހަރައި ޒަހަމްކޮށްލުމާ ގުޅިގެން މިއަދު 3:30 ހާއިރު ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެންދިޔައީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ.
އެމީހާގެ ފައިގެ ފަލަ މަސްގަނޑަށް ވަޅި ހަރާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާގައި އޭނާ އަށް ލިބުނީ ކިހާ ވަރެއްގެ ސީރިއަސް އަނިޔާއެއް ކަމެއް ބުނަން އަދި ނޭނގޭ ކަމަށް ޒީނަތު ވިދާޅުވި އެވެ. އެކަމަކު އައިޖީއެމްއެޗަށް ގެންދިޔައިރު ވާހަކަ ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޮޕަރޭޝަން ތިއޭޓަރުގައި އޮތީ މިހާރު. ވާތު ފައިގެ ފަލަމަސްގަނޑަށް ވަޅި ހަރާފައި ހުރީ. ވަރަށް ގިނައިން ލޭ ފައިބަމުން ދިޔަ،" ޒީނަތު ވިދާޅުވި އެވެ.
މާލޭގައި މިއަދު މާރާމާރީއެއް ހިނގައިގެން އުޅޭ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
ދެ ގްރޫޕެއްގެ ދެމެދުގައި އިއްޔެ އާއި ރޭ ހިނގި މާރާމާރީގައި މަރުވެފައިވަނީ ފާތިރު މުހައްމަދާއި އަހުމަދު އިރުޝާމެވެ. އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު އެ މާރާމާރީތަކާ ގުޅިގެން ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި 19 މީހަކު ހައްޔަރުކުރި އެވެ.