ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރުކުރަން ނަޝީދު ގޮވާލުމުން އިދިކޮޅުން ކަންބޮޑުވެއްޖެ
ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރުކުރަން ނަޝީދު ގޮވާލުމުން އިދިކޮޅުން ކަންބޮޑުވެއްޖެ

ވަރަށް ގިނަ ބަޔަކު ހިފައި، ހައްޔަރުކޮށްގެން ނަމަވެސް މިހާރު ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅާ މެދު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދިކޮޅުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކައި އެއްވެސް އަސާސެއް ނެތި ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް މީހުން ހިފާ ހައްޔަރުކުރުމަކީ އެއްވެސް ހާލަތެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭނެ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރި އެވެ.

ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން މަސަައްކަތްކުރުމަކީ އެ ކޯލިޝަނުން އަބަދުވެސް ގަބޫލުކުރާ ގޮތް ކަމަށާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޓެޒަރިޒަމް ހުއްޓުވުމަށްޓަކައި އެގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް މި ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި ތަކުރާރުކޮށް ބުނެފައި ވަނީ ގާނޫނާ ހިލާފަށް އެއްވެސް މީހަކު ހައްޔަރުކުރުމާ އެ ކޯލިޝަނުން ދެކޮޅު ހަދާ ކަމަށެވެ.

"އެއީ ގާނޫނު އަސާސީގެ ރޫހާއި ޑިމޮކްރަސީގެ ހަމަތަކާއި މުޅިން ހިލާފުކަމެކެވެ. އެއްވެސް މީހަކު ހައްޔަރުކުރަން ވާނީ އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރު ލިބޭ އިތުރު ހެކިތައް ހުރެގެންނެވެ. އަދި މީހަކު ހިފާ ހައްޔަރުކޮށްފައި ބެހެއްޓޭނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ހާލަތެއް އޮވެގެން،" އެ ބަޔާނުގައިވެ އެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުން އަންނައިރު، ފުރަތަމަ ފަހަރަށް، އިއްޔެ ރޭ އާންމުކޮށް އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ ވެސް ޓެރަރިޒަމްގެ މައްސަލަތަކާ މެދު އެވެ. އެމަނިކުފާނު އެ ވާހަކަފުޅު ދެއްކެވީ، އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެ ޕާޓީގެ "ކްލަބް ހައުސް ހަރުގެ" ލޯންޗްކޮށްދެއްވަމުންނެވެ.

"އަޅުގަނޑު ދުވަހަކު ވެސް ހިތަކަށް ނާރަން އަޅުގަނޑަށް ވަކާލާތު ކުރަން ޖެހިފައި އޮވެދާނެ ކަމެއް ކަމަކަށް މީހުން ހިފާ ހައްޔަރުކުރަން ޖެހިއްޖެއޭ ބުނުން. ނަަމަވެސް އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރާން ޖެހޭ ކަމެއް ކުރަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ. "ވަރަށް ގިނަ ބަޔަކު ހިފައި، ހައްޔަރުކޮށްގެން ނަމަވެސް މި ހާރު ރާއްޖެ އަށް ދިމާވެގެން މި އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ."

ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އިލްތިމާސް އެއް ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ފަހަތު ފަޔަށް ބުރަވެވަޑައިނުގަންނަވާ އެ ކަންކަން ކުރެއްވުމަށާއި އަދި ރާއްޖެ ސަލާމަތް ކުރައްވަން އެމަނިކުފާނު މިހާރު ނުކުންނަވަންޖެހޭ ކަމަށެވެ.