ނޭކުރެންދޫގައި ކޮވިޑަށް ޕޮޒިޓިވް މީހަކު މާސްކު ނާޅައި، ކަރަންޓީނާ ހިލާފުވުމުން 11،000ރ. އިން ޖޫރިމަނާކޮށްފި
ނޭކުރެންދޫގައި ކޮވިޑަށް ޕޮޒިޓިވް މީހަކު މާސްކު ނާޅައި، ކަރަންޓީނާ ހިލާފުވުމުން 11،000ރ. އިން ޖޫރިމަނާކޮށްފި

ހދ. ނޭކުރެންދޫގައި ކޮވިޑަށް ޕޮޒިޓިވް މީހަކު ކަރަންޓީނުގެ އުސޫލާ ހިލާފުވުމުން 11،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި ކޮވިޑަށް ޕޮޒިޓީވް މީހަކު މާސްކު ނާޅައި ކަރަންޓީނުގެ އުސޫލުތަކާއި ހިލާފަށް ގެއިން ބޭރަށް ނުކުތުމުން، އެ ދެ ކަމަށް އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި އޮންނަ ގޮތުން ކަރަންޓީނުގެ އުސޫލާ ހިލާފުވާ މީހަކު ފުރަތަމަ ފަހަރަށް ޖޫރިމަނާކުރާނީ 10،000ރ. އިންނެވެ. އަދި މާސްކު ނާޅައި ބޭރުގައި އުޅޭ ނަމަ 1،000ރ. އިން ޖޫރިމަނާކުރާނެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މީހާ ޖޫރިމަނާކޮށްފައި ވަނީ މީގެ ދެ ހަފުތާ ކުރިންނެވެ. އަދި އެ މީހާ އަކީ ނޭކުރަންދޫ އަށް ދަތުރުކުރި ދޯންޏަކުން ޕޮޒިޓިވްވެ އެ ރަށުގައި ކަރަންޓީނުވެގެން ހުރި ރަށުން ބޭރު މީހެކެވެ.

މީގެ ކުރިން ވެސް ކަރަންޓީނުގެ އުސޫލާ ހިލާފުވެގެން ބައެއް މީހުން ޖޫރިމަނާކޮށްފައިވެ އެވެ.

ފުވައްމުލަކު ސިޓީގައި ތަކުރާރުކޮށް ކަރަންޓީނާ ހިލާފުވި މީހަކު 10،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ. އަދި މިދިޔަ އޭޕްރީލް މަހު ގއ. ވިލިނގިލީގައި ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފަށް ކޯޓަށް ގޮސް ކައިވެނިކުރި ދެ މީހަކު ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ.