"ބަހޫބަލީ 2"ގެ މުހިއްމު މަންޒަރުތަކެއް ލީކުވެ ވީޑިއޯ އެޑިޓަރު ހައްޔަރުކޮށްފި
"ބަހޫބަލީ 2"ގެ މުހިއްމު މަންޒަރުތަކެއް ލީކުވެ ވީޑިއޯ އެޑިޓަރު ހައްޔަރުކޮށްފި

އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމަކީ "ބަހޫބަލީ" ކަމަށް ވެ އެވެ. މި ފިލްމު ހިންދީ، ތަމަޅަ އަދި އެނޫންވެސް ގިނަ ބަސް ބަހަކުން އުފައްދާފައިވެ އެވެ. މި ފިލްމުގެ ވިޔަފާރި ވެސް ރެކޯޑް އަދަދަކަށް ވެފައިވެ އެވެ.

"ބާހޫބަލީ: ދަ ކޮންކްލޫޝަން" އަކީ "ބަހޫބަލީ"ގެ ދެ ވަނަ އަދި ނިމޭ ބައެވެ. މި ފިލްމު ކުރީގެ ފިލްމަށް ވުރެ ވެސް އަގުބޮޑުވެފައި ހުރިހާ ގޮތަކުން ވެސް މޮޅު ކަމަށްވެ އެވެ.

"ބަހޫބަލީ" ބެލި މީހުން އެ ފިލްމު ބަލާ ނިމުނުއިރު ހިތުގައި އުފެދިފައިވާ ސުވާލެއްގެ ޖަވާބު ލިބެން އަންނަނީ ވެސް މި ފިލްމު ބަލައިގެންނެވެ. އެ ފިލްމު ބެލި މީހުންގެ ސުވާލަކީ ކަޓައްޕާ ކިޔާ މީހާ ބަހޫބަލީ މަރާލީ ކީއްވެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ލިބޭނީ މިހާރު އުފައްދަމުންދާ އޭގެ ދެ ވަނަ ބައި ބަލާ ނިމުނީ އެވެ. ފިލްމު އުފެއްދުމުގެ މަރުހަލާގައި ވެސް ފިލްމުގައި މަސައްކަތްކުރާ ތަރިންނަށް ވެސް މި ސިއްރު އެނގިދާނެތީ ފިލްމު އުފައްދާ ފަރާތުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ނަމަވެސް ކުއްލިއަކަށް އެންމެންނަށް ލިބުނު ޝޮކަކީ ފިލްމުގެ ކްލައިމެކްސްގެ ނުވަ މިނިޓެއްހާއިރަށް ދެމިގެންދާ މަންޒަރުތަކެއް އެޑިޓިން ޔުނިޓުގެ ބަޔަކު ވަގަށް ނަގައި އޭގެ 2-3 މިނިޓްގެ ފުޓޭޖް ލީކު ކޮށްލުމުންނެވެ. އަދި ގިނަ ބަޔަކު މި ފުޓޭޖް މިހާރު ވަނީ ބަލައިފަ އެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުން ފުލުހުންނަށް މިކަމުގެ ޝަކުވާ ހުށަހެޅުމުން ފިލްމުގެ ވީޑިއޯ އެޑިޓާ ކްރިޝްނާ މިހާރުވަނީ ހައްޔަރުކޮށްފަ އެވެ. ޕްރޮޑިއުސަރުން ބުނަނީ އިތުރު ވީޑިއޯތައް ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.
ކުރިން ހަމަޖެހިފައި އޮތީ މިއަހަރު ތެރޭ ފިލްމު ރިލީޒްކުރަން ނަމަވެސް މިހާރު ވަނީ އޭޕްރީލް 2017 އަށް ރިލީޒްކުރާ ތާރީޚު ބަދަލުކޮށްފަ އެވެ. ނަމަވެސް މިހާރު މިވީ ގޮތުން ކަނޑައެޅިފައިވާ ތާރީޚުގައި ފިލްމު ނެރެވިދާނެކަމާ މެދު ވެސް ވަނީ ޝައްކު އުފެދިފަ އެވެ.