ނަދީމް މަރާލަން ކެފޭއަށް ވަން ދެ މީހުން ވެސް އިސްކޮޅުން އެއްވަރު: ހެކިވެރިއެއް
ނަދީމް މަރާލަން ކެފޭއަށް ވަން ދެ މީހުން ވެސް އިސްކޮޅުން އެއްވަރު: ހެކިވެރިއެއް

ނަދީމް އަބްދުއްރަހީމް މަރާލަން ޓާމިނަލް ކެފޭ ތެރެއަށް ވަން ދެ މީހުންނަކީ ވެސް އިސްކޮޅުން ދާދި އެއްވަރެއްގެ ދެ މީހުން ކަމަށް އެ މައްސަަލައިގައި ތުހުމަތު ކުރެވޭ ދެ މީހެއްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިވެރިއަކު ބުނެފި އެވެ.

ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރެއަށް ދެ މީހަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސެއިން ސަލީމް، އާއި ލ. ގަން ވިދާތަރި، އަލީ ނިފާޒް، ރ. އިންނަމާދޫ، ސަމަންތާ ހުސެއިން ޝާމީން، އަދި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް އެވެ. މަފާޒަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ބާކީ އެންމެނަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ދައުލަތުން ބުނާ ގޮތުގައި ނަދީމް މަރަން ހަމަލާ ދިން މީހާ އަކީ މަފާޒެވެ. އޭނާ އަކީ ދައުވާ ކުރި އެންމެންނަށް ވުރެ ވެސް ދިގުކޮށް ހުންނަ މީހެކެވެ. ދައުލަތުން މީގެ ކުރިން ހުށަހެޅި ސިއްރު ހެކިވެރިއަކު ވެސް ވަނީ ހަމަލާ ދިން މީހުންގެ ތެރެއިން އެކަކު އިސްކޮޅުން ދިގު ކަމަށް ބުނެފަ އެވެ.

މިއަދު އެ މައްސަލައިގައި އޮތީ ތުހުމަތު ކުރެވޭ މީހުންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އެންމެ ފުރަތަމަ ނަގާފައި ވަނީ މަފާޒާއި ނިފާޒުގެ ފަރާތުން ހުށަހެޅި ތިން ހެކިވެރިއެކެވެ. އެ ތިން މީހުންނަކީ ހާދިސާ ހިނގި ވަގުތު ޓާމިނަލް ކެފޭ ތެރޭގައި ކޮފީ ބޯން ތިބި ތިން މީހުންނެވެ.

މަފާޒާއި ނިފާޒުގެ ފަރާތުން ހުށަހެޅި ފުރަތަމަ ހެކިވެރިޔާ ބުނެފައި ވަނީ ހަމަލާ ދިނީ، އޭނާ އާއި އިތުރު ދެ ރަހުމަތްތެރިން ޓާމިނަލް ކެފޭގެ ގްރައުންޑް ފްލޯގައި ތިއްބާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އައިސް ކަމަށެވެ. އެތަނުން ހަމަލާ ދިނީ އެކަކު ކަމަށާއި އޭނާ ހަމަލާ ދިނީ ނަދީމުގެ ބޮލަށް ކަމަށް ބުންޏެވެ.

އެ ހެކިވެރިޔާ ބުނި ގޮތުގައި ހަމަލާ ދިން ދެ މީހުން ވެސް ތިބީ މޫނާއި އިސްތަށިގަނޑު ވެސް ފޮރުވޭ ގޮތަށް މާސްކު އަޅައިގެންނެވެ. އެއީ ކޮން ބައެއްކަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އެނގޭހާ ވެސް އެއްޗަކީ އެއީ މަފާޒު ނޫން ކަމަށް އޭނާ ބުންޏެވެ. މަފާޒަކީ ވަރަށް ކުރިންސުރެ ގާތް ރައްޓެއްސަކަށް ވުމުން އޭނާ މާސްކު އަޅައިގެން ހުއްޓަސް ވަކި ކުރަން އެނގޭނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން، ކެފޭ ތެރެއަށް ވަން ދެ މީހުންނަކީ ވެސް އެއް އިސްކޮޅެއްގައި ތިބި ދެ މީހުން ކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އެއިން އެކަކު ވެސް އަނެކަކަށް ވުރެ ދިގެއް ވެސް ކުރެއް ވެސް ނޫން ކަމަށް އޭނާ ބުންޏެވެ.

އެ ހެކިވެރިޔާ ބުނީ ނިފާޒަކީ ދަންނަ މީހެއް ކަމަށެވެ. ހާދިސާ ހިނގި ދުވަހު ނިފާޒާ ބައްދަލު ނުވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ދައުލަތުން ބުނީ، ނިފާޒު ދިން ބަޔާނެއްގައި އެ ހެކިވެރިޔާއާ ބައްދަލުވި ވާހަކަ ދައްކާފައި އޮތް ކަމެވެ.

ދެވަނަ ހެކިވެރިޔާ ވެސް ބުނީ ކެފޭގެ ގްރައުންޑް ފްލޯގައި ތިއްބާ އެތާ ތެރެއަށް ވަނީ ދެ މީހުން ކަމަށާއި ތިބީ މޫނާއި އިސްތަށިގަނޑު ފޮރުވޭ ގޮތަށް މާސްކު އަޅައިގެން ކަމަށެވެ. އަދި އެއީ ކޮން ބައެއްކަން ވަކި ނުކުރެވޭ ކަމަށް ބުންޏެވެ. ނަމަވެސް، އޭނާ ބުނީ، އޭގެ ތެރެއިން އެކަކު އަނެކަކަށް ވުރެ ކުޑަކޮށް ދިގު ކަމަށެވެ.

ތިން ވަނަ ހެކިވެރިޔާ ބުނީ، ހަމަލާ ދޭން ވަނީ ހިކިކޮށް ތިބި ދެ މީހުން ކަމަށެވެ. ކުރިން ހެކިބަސް ދިން ދެ މީހުންނާ ހިލާފަށް އޭނާ ބުނި ގޮތުގައި ހާދިސާ ހިނގީ، ޓާމިނަލް ކެފޭގެ ދެވަނަ ބުރީގައި ތިއްބަ އެވެ. ހަމަލާ ދޭން އައީ ކޮން ބައެއް ކަމެއް އެއްވެސް ވަރަކަށް ނޭނގޭ ކަމަށާއި، އެ ދެ މީހުންނަކީ އެހާ ދިގު އަދި އެހާ ކުރު ނޫން ދެ މީހުން ކަމަށް އޭނާ ބުންޏެވެ.

ކަރަމް ސުހެއިލްގެ ފަރާތުން ހުށަހެޅީ ދެ ހެކިވެރިންނެވެ. އެ ދެ ހެކިވެރިންނަކީ ވެސް ހާދިސާ ހިނގި ކަމަށް ބުނާ ވަގުތުގައި އޭނާ ޓާމިނަަލް ކެފޭގައި ނެތް ކަން ދެއްކުމަށް ހުށަހެޅި ހެކިވެރިންނެވެ.

ފުރަތަމަ ހެކިވެރިޔާ ބުނެފައި ވަނީ ހާދިސާ ހިނގި ދުވަހުގެ ހަވީރު 6:00 އާއި ރޭގަނޑު 7:00އާ ދެމެދުގެ ވަގުތެއްގައި އޭނާ ޑިއުޓީ ނިންމާލާފައި ގެއަށް ދަނިކޮށް، ކަރަމް އެހެން މީހެއްގެ ސައިކަލު ފަހަތުގައި ދުއްވާފައި ދަނިކޮށް ފެނުނު ކަމަށެވެ.

ދެވަނަ ހެކިވެރިޔާ އަކީ ކަރަމް އެ މީހެއްގެ ސައިކަލު ފަހަތުގައި އިން ކަމަށް ބުނާ މީހާ އެވެ. އޭނާ ވެސް ބުނީ އެ ރޭ ހާދިސާ ހިނގި ވަގުތު ކަރަމް ގޮވައިގެން އުޅުނު ކަމަށެވެ. އެ ދުވަހު 5:15 ނޫނީ 5:30 އެހާކަންހާއިރު، ކަރަމްގެ ބޭބެއެއްގެ ގެއަށް އޭނާ ބަލައި ދިޔަ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ކަރަމްއާ އެއްކޮށް އެ ދުވަހު މާފަންނުގެ އެކި މަގުތަކުގައި ދުއްވި ކަމަށް ބުންޏެވެ. އެއްކޮށް ކިހާ ވަގުތެއް ހޭދަ ކުރިތޯ ސުވާލު ކުރުމުން ބުނީ، ސީދާ ބުނަން ނޭނގުނަސް، ގެއަށްލީ 6:30 އެހާކަންހާއިރު ކަމަށެވެ.

މާފައްނު ނޫން އެހެން ސަރަހައްދަކަށް ދިޔަތޯ ދައުލަތުން ހެކިވެރިޔާއާ ސުވާލު ކުރުމުން، އޭނާ ބުނީ، މާފަންނު ނޫން އެހެން ތަނެއްގައި ނުދުއްވާ ކަމަށެވެ. ވަރަށް ކުރިން ހިނގި ކަމެއް ކަމުން، ކަރަމް ލައިގެން ހުރި އެއްޗެއްގެ ކުލައެއް ވެސް މަގުމަތިން ދަންނަ އެހެން މީހަކު ފެނުނު ކަމެއް ވެސް ހަނދާނެއް ނެތް ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި މީގެ ކުރިން ދައުލަތުގެ ބައެއް ސިއްރު ހެކިވެރިންގެ ހެކިބަސް ވަނީ ނަގައިފަ އެވެ. ދައުލަތުގެ ބައެއް ހެކިވެރިން ވަނީ ހާދިސާ ހިނގި ތަނާއި އަހަރު ވެސް ހަނދާން ނެތް ކަމަށް ބުނެފަ އެވެ. އަދި އެއްބައި ހެކިވެރިން ވަނީ ފަހުން ހެކިބަސް ދިނުމަށް ދެކޮޅު ވެސް ހަދައިފަ އެވެ.

ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނެގި ދުވަސްވަރު މާލޭގައި ސިލްސިލާ މާރާމާރީތަކެއް ހިނގައި ދިޔަ އެވެ. ފުލުހުންގެ އިންޓެލް ރިޕޯޓަކާ ހަވާލާދީ ދައުލަތުން އޭރު ބުނެފައި ވަނީ އެ މާރާމާރީތައް ގުޅެނީ ހެކިބަސް ދިނުމާ ކަމަށެވެ. ދައުލަތުން ތުހުމަތު ކޮށްފައި ވަނީ ހެކިންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

ނަދީމް މަރާލި މައްސަައިގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކުޑަކުއްޖަކަށް ކުރި އެވެ. އެ މައްސަލަ އަދިވެސް ޖުވެނައިލް ކޯޓުގައި ކުރިއަށް ދެ އެވެ.