ފަލަސްތީނު ސަރުކާރާ ދެކޮޅު މުޒާހަރާތައް ހޫނުވަނީ
ފަލަސްތީނު ސަރުކާރާ ދެކޮޅު މުޒާހަރާތައް ހޫނުވަނީ

ފަލަސްތީނު ސަރުކާރާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ރަށްތަކުގައި، ފަލަސްތީނު ރައްޔިތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރަމުން އަންނަ މުޒާހަރާތައް މެދުނުކެނޑި އިތުރަށް ވަރުގަދަވާން ފަށައިފި އެވެ.

ފަލަސްތީނު ރައްޔިތުން، ރައީސް މަހުމޫދު އައްބާސްގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ މުޒާހަރާތައް ފެށީ، ފަލަސްތީނުގެ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ބެލެވޭ އަދި ސިޔާސީ ހަރަކާތްތެރިޔާ ނިޒާރު ބަނާތު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރިތާ މާ ގިނައިރުތަކެއް ނުވެ އޭނާ މަރުވުމާ ގުޅިގެންނެވެ. ނިޒާރުގެ އާއިލާ އާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މަހްމޫދު އައްބާސްގެ ސަރުކާރުން ނިޒާރަށް އަނިޔާ ކޮށް މަރައިލީ އެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގެ ރާމަﷲގައި ކުރަމުން އަންނަ މުޒާހަރާ މިހާތަނަށް އެންމެ ވަރުގަދަވީ އިއްޔެ އެވެ. މުޒާހަރާގެ ބައިވެރިން ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، މަހްމޫދު އައްބާސްގެ އޮފީސް ހުންނަ ސަރަހައްދަށް ޖަމާވާން ފެށުމުން، ސަރުކާރު ފުލުހުން ވަނީ މުޒާހަރާ ރޫޅައިލުމަށް ބާރުގެ ބޭނުންކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް، ފަލަސްތީނު ފުލުހުން ކަރުނަގޭހާއި ޕެޕަ ސްޕްރޭ އާއި މުގުރުގެ އިތުރުން އަޑު ބޮން ބޭނުންކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވި އެވެ. އޭގެ އިތުރުން މުޒާހަރާގެ ބައިވެރިން ގެންގުޅުނު ގިނަ އަދަދެއްގެ ކެމެރާތަކާއި މޯބައިލް ފޯނުތައް ފުލުހުން ވަނީ އަތުލައިފަ އެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި ފަލަސްތީނު ފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކު ކުލަ ހެދުމުގައި، މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެ، ގޮތެއްފޮތެއް ނުބަލައި، މުޒާހަރާގެ ބައިވެރިންގެ ގައިގައި ތަޅައި އަނިޔާކުރި މަންޒަރު ފެނުނެވެ. އަދި ގިނަ އަދަދެއްގެ ޒުވާން އަންހެން ކުދިންނަށް ވެސް ހަމަލާ ދިން ކަމަށްވެ އެވެ.

ނިޒާރު ބަނާތުގެ އާއިލާ އިން ބުނި ގޮތުގައި ފަލަސްތީނު ފުލުހުންގެ ބަޔަކު، އެ އާއިލާގެ މީހެއްގެ ގެއަށް ގަދަކަމުން ވަދެގަތީ ބުރާސްފަތި ވިލޭރޭ ދަންވަރު އެވެ. އެވަގުތު އެ ގޭގައި ނިޒާރު ބަނާތު ނިދާފައި އޮއްވައި، އެނދުން ވައްޓާލައި ފުލުހުން ގެންގުޅޭ ދަގަނޑު މުގުރުން އޭނާގެ ގައިގައި ތަޅައި އަނިޔާކުރުމަށް ފަހު ބިޑިއަޅުވައި ހައްޔަރު ކުރީ އެވެ.

ހައްޔަރު ކުރުމުގެ ކުރިންވެސް އަށެއްކަ މިނެޓް ވަންދެން އޭނާގެ ގައިގައި ތަޅައި އަނިޔާކުރި ކަމަށް އާއިލާ އިން ބުންޏެވެ. ހައްޔަރުކޮށްގެން ގެއިން ނެރުނު އިރުވެސް، ނިޒާރު އޮންނެވި ހޭނެތިފައި ކަމަށް އާއިލާ އިން ބުނެ އެވެ. އަދި އޭނާގެ ފޯނާއި ލެޕްޓޮޕާއި އެހެން ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ފަލަސްތީނު ފުލުހުން، ނިޒާރު ހައްޔަރުކޮށްގެން ގެންދިޔަތާ މާ ގިނަ އިރުތަކެއް ނުވަނީސް، އޭނާ މަރުވިކަން އާއިލާއަށް އެންގީ ފުލުހުންގެ އިދާރާ އިންނެވެ. އޭނާ މަރުވީ، ހައްޔަރުކޮށްގެން ގެންދިޔަ ފަހުން ކުއްލި ގޮތަކަށް އޭނާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް ކަމަށް ފަލަސްތީނު ސަރުކާރުން ބުނެ އެވެ.

އޭނާ މަރުވި ސަބަބެއް ފަލަސްތީނު ސަރުކާރުން މިހާތަނަށް ވެސް ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް ނިޒާރުގެ މަރު މައްސަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ނިޒާރު ބަނާތަކީ މިނިވަން ހިޔާލު ފާޅުކުރުމަށް ވަކާލާތު ކުރައްވައި، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ސިޔާސީ ބޭފުޅެކެވެ. އޭގެ އިތުރުން މިއަހަރު ބާއްވާ އާންމު އިންތިހާބުގައި ވާދަކުރެއްވުމަށް ވެސް ނިޒާރު ވަނީ ކުރިމަތި ލައްވައިފަ އެވެ.