27 ޖޫން 2021 - 13:38

ސެވިލް (27 ޖޫން) - ޔޫރޯ 2020ގެ ދެވަނަ ބުރުގައި މިރޭ ބެލްޖިއަމްއާ ދެކޮޅަށް ޕޯޗުގަލް ނުކުންނައިރު، ބެލްޖިއަމްގެ ފޯވަޑް ރޮމެއޫ ލުކާކޫ އަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ޕޯޗުގަލްގެ ކުރީގެ ފޯވަޑް ނޫނޯ ގޯމޭޒް ބުނެފި އެވެ.
މި މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދާނީ ރަނގަޅު ފޯމެއްގައި ތިބި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލުކާކޫއަށެވެ. ރޮނާލްޑޯ ވަނީ މި މުބާރާތުގައި މިހާތަނަށް ފަސް ލަނޑު ޖަހައިފަ އެވެ. ލުކާކޫ ވަނީ ތިން ލަނޑު ޖަހައިފަ އެވެ.
ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ފަހު، ބެލްޖިއަމްގެ ގައުމީ ޓީމަށް ލުކާކޫ ކުޅުނު 21 މެޗުން އޭނާ ވަނީ 23 ލަނޑު ޖަހައިފަ އެވެ.
ޕޯޗުގަލްގެ ގައުމީ ޓީމާއެކު 2000 ވަނަ އަހަރާއި 2004 ވަނަ އަހަރުގެ ޔޫރޯގައި ކުޅުނު ނޫނޯ ގޯމޭޒް ބުނީ މިރޭގެ މެޗަށް ކުރިމަތިލާއިރު، ޕޯޗުގަލް އިން އެންމެ ބޮޑަށް ވިސްނަންނެޖެހޭނީ ލުކާކޫ އަށް ކަމަށެވެ.
"ބެލްޖިއަމްގެ ވާހަކަ ދައްކަންޏާ ލުކާކޫގެ ވާހަކައިން ފަށަންޖެހޭނީ،" ޔުއޭފާގެ ވެބްސައިޓަށް ނޫނޯ ގޯމޭޒް ލިޔާ ކޮލަމްގައި އޭނާ ބުނެފައިވެ އެވެ. "ލުކާކޫ އަކީ ފިސިކަލީ ގޮތުން ވަރުގަދަ ފޯވަޑެއް. އެހެންވީމަ، ޕޯޗުގަލް އިން ލުކާކޫ އަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ."
ދެހާސް ވަނަ އަހަރުގެ ޔޫރޯގައި ވިދާލި ނޫނޯ ގޯމޭޒް ބުނީ ލުކާކޫގެ ވަށައިގެން، އޭނާ އަށް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްދޭން ވެސް ބެލްޖިއަމްގައި ތިބީ ވަރަށް މޮޅެތި ކުޅުންތެރިންތަކެއް ކަމަށެވެ.
"ޓީމެއްގެ ގޮތަށް ބަލާއިރު، ބެލްޖިއަމް ވަރުގަދަ. އަދި މީގެ އިތުރުން، ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ވެސް، މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި އެބަތިބި،" ނޫނޯ ގޯމޭޒް ބުންޏެވެ.
މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ބެލްޖިއަމް އާއި ޕޯޗުގަލް ކުރިމަތިލާ ފުރަތަމަ ފަހަރެވެ. މި ދެ ގައުމު މިހާތަނަށް 5 މެޗު ކުޅެފަައިވާއިރު، ބެލްޖިއަމް އަތުން ޕޯޗުގަލް އަދި ބައްޔެއް ނުވެ އެވެ.
ޕޯޗުގަލް އާއި ބެލްޖިއަމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ މެންދަމުން 12:00 ޖަހާއިރެވެ.