27 ޖޫން 2021 - 13:09

އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، ވިއެނާގައި މިހާރު ކުރަމުން އަންނަ މަޝްވަރާތަކުން އެމެރިކާ ވަކިވުމުގެ ވަގުތު ކުޑަތަންވަމުން އަންނަ ކަމަށް، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮން ބްލެންކިން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ނިއު ޔޯކް ޓައިމްސް ދުވަހު ނޫހަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ބްލިންކެން ވިދާޅުވީ، ނިއުކްލިއާ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން އީރާނުން އަމަލު ނުކުރާ ނަމަ، މީގެ ތިން އަހަރު ކުރިން ވަކިވެފައިވާ ނިއުކްލިއާ މުއާހަދާގައި އަލުން އެމެރިކާ ބައިވެރިވުމުގެ މަޝްވަރާތައް ކުރުމުގެ މާނައެއް ނެތެވެ.
ބްލެންކިން ވިދާޅުވީ އީރާނުގެ ނިއުކްލިއާ މަޝްރޫއު ތަރައްގީކުރަމުން އަންނަ ހަލުވިމިނަށް ބަލާއިރު، އެ މަޝްރޫއަކީ ގިރާކުރުން ދަތި ހުރަހަކަށް ވަރަށް އަވަހަށް ވެދާނެ ކަމަށެވެ. އީރާންގެ ނިއުކްލިއާ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވުމާ ބެހޭ ގޮތުން އޮސްޓްރިއާގެ ވިއެނާގައި ކުރިއަށް ދާ މަޝްވަރާތަކުގެ ހަ ބުރެއްގެ ވާހަކަތައް މިހާރު ބާއްވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ފަރަންސޭސި ވިލާތުގައި އެގައުމުގެ ހާރިޖީ ވަޒީރު ޖޯން-އީވް ލެ ޑްރިއަންއާ އެކު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ބްލިންކެން ވިދާޅުވީ، ވިއެނާގައި ކުރިއަށްދާ މަޝްވަރާތަކުން އެއްބަސްވުމަކަށް އަންނަންޖެހޭ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށެވެ. އީރާންގެ ނިއުކްލިއާ ހަރަކާތްތަކަށް ފާރަލައި ބެލުމުގެ ހުއްދަ، ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ) އަށް ދިނުމާ ގުޅޭ އެއްބަސްވުން އާކުރުމުގައި އީރާން ފެއިލްވެއްޖެ ނަމަ، ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.
އީރާންގެ ނިއުކްލިއާ ހަރަކާތްތަކަށް ފާރަލައި ބެލުމުގެ ހުއްދަ، ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ) އަށް ދިނުމާ ގުޅޭ ގޮތުން އެ އިދާރާ އާއި އީރާން ސަރުކާރާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފަ އެވެ.
މި ކަމާ ގުޅޭ ގޮތުން އީރާނުން އިއްޔެ ބުނީ، 2015 ވަނަ އަހަރު ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާއާ އެއްގޮތަށް، ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އަދިވެސް ކުރިއަށް ދެވިދާނެ ކަމަށެވެ. ނަމަވެސް އީރާނަކީ އަބަދު މަޝްވަރާގެ މޭޒު ދޮށުގައި އިންނާނެ ގައުމެއް ނޫންކަން، އެހެން ގައުމުތަކުން ވެސް ހަނދާން ކުރަންޖެހޭނެ ކަމަށް އީރާންގެ ހާރިޖިއްޔާގެ ތަރުޖަމާނު ސައީދު ހަތީބު ޒާދާ ވިދާޅުވި އެވެ.
އީރާނުން ބުނާ ގޮތުގައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން، ނިއުކްލިއާ މުއާހަދާ އިން ވަކިވި އިރުވެސް، އީރާން ދިޔައީ ނިއުކްލިއާ މުއާހަދާ އަށް ފުރިހަމަ އަށް އަމަލު ކުރަމުންނެވެ. އަދި ޓްރަމްޕުގެ ސަރުކާރުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީވެސް، ނިއުކްލިއާ މުއާހަދާ އަށް އަމަލުކުރަމުން އަންނަނިކޮށް ކަމަށާއި، ނިއުކްލިއާ މުއާހަދާ އަށް އަމަލުކުރަންޖެހޭ ގައުމަކީ އެމެރިކާ ކަމަށް ވެސް އީރާނުން ބުނެ އެވެ.
އީރާންގެ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުން ވިއެނާގައި އެންމެ ފަހުން ބޭއްވި ވާހަކަތަކަށް ފަހު އީރާނުން ބުނެފައިވަނީ، ނިއުކްލިއާ މުއާހަދާގައި ބައިވެރިވާން އެމެރިކާ އަލުން ބޭނުންވާ ނަމަ، ޓްރަމްޕުގެ ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލަންޖެހޭ ކަމަށެވެ.
ވިއެނާގައި ކުރިއަށް ދިޔަ ނިއުކްލިއާ މުއާހަދާގެ މަޝްވަރާތައް ހުއްޓުމަކަށް އައީ، އީރާންގެ ރައީސްކަމުގެ މަގާމަށް މިހާރުގެ އުއްތަމަ ފަނޑިޔާރު އިބްރާހީމް ރައީސީ އިންތިހާބުވުމާ ގުޅިގެން، މިމަހުގެ 20 ވަނަ ދުވަހު އެވެ. އަލުން އެމަޝްވަރާތައް ފެށޭނެ ކަމަށް ބެލެވެނީ، އިބްރާހީމް ރައީސީ، އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހު އީރާންގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެވެ.