ނެދަލޭންޑްސް އަށް މެޗު ފަސޭހަކުރެވޭކަށް ނެތް: ވެން ނިސްޓަރޯއީ
ނެދަލޭންޑްސް އަށް މެޗު ފަސޭހަކުރެވޭކަށް ނެތް: ވެން ނިސްޓަރޯއީ

ބުޑަޕެސްޓް ( 27 ޖޫން) - ޔޫރޯ 2020ގެ ދެވަނަ ބުރުގައި މިރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ނެދަލޭންޑްސްގެ ނުކުންނައިރު، ނެދަލޭންޑްސް އިން މާޒީ ހަނދާންކުރަންޖެހޭ ކަމަށާއި މެޗު ފަސޭހަކޮށްލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް އެ ޓީމުގެ ކުރީގެ ފޯވަޑް އަދި މިހާރުގެ އެސިސްޓަންޓް ކޯޗު ރޫޑް ވެން ނިސްޓަރޯއީ ބުނެފި އެވެ.

ދެހާސް ހަ ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 ވަނަ އަހަރުގެ ޔޫރޯގައި އެންމެ ފުރަތަމަ ކުޅުނު ނޮކްއައުޓް މެޗުން ބަލިވެ، ނެދަލޭންޑްސް ކެޓިއިރު، އެ ދެ ފަހަރު ވެސް ވެން ނިސްޓަރޯއީ އަކީ ނެދަލޭންޑްސްގެ ޓީމުގެ ކުޅުންތެރިއެކެވެ.

އެހެންކަމުން، މިރޭގެ މެޗުގައި ޗެކް ރިޕަބްޕިކާ ދެކޮޅަށް ނުކުންނައިރު، މާޒީގައި ދިމާވެފައިވާ ހިތްދަތި ނަތީޖާތައް ހަނދާން ބަހައްޓައި، މެޗު ފަސޭހަނުކުރުމަށް ހުރިހާ ކުޅުންތެރިންނަށް ވެސް ނަސޭހަތްތެރިވެފައިވާ ކަމަށް ވެން ނިސްޓަރޯއީ ބުންޏެވެ.

"އަހަރެން ކުޅުންތެރިންނާ އެ ވާހަކަދައްކައިފިން،" މެންޗެސްޓާ ޔުނައިޓަޑާއި ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ފޯވަޑް ބުންޏެވެ، "އެހެންވެ، މި ކަހަލަ މެޗެއްގައި ދުލެއް ނުދިނުމަކީ ވަރަށް މުހިންމު ކަމެއް."

މުބާރާތުގެ ދެވަނަ ބުރަށް ނެދަލޭންޑްސް ދަތުރުކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެނެވެ. ގުރޫޕް ސްޓޭޖުގައި ނެދަލޭންޑްސް އިން 8 ލަނޑު ޖެހި އެވެ.

އެހެން ނަަމަވެސް، ވެން ނިސްޓަރޯއީ ބުނީ ނޮކްއައުޓް މެޗަކީ ގުރޫޕް ސްޓޭޖުގެ މެޗުތަކާ މުޅިން ތަފާތު މެޗުތަކެއް ކަމަށެވެ. އަދި ނޮކްއައުޓް މެޗުތަކުގައި ޕްރެޝަރު ބޮޑުވާނެ ކަމަށާއި އެކަމަށް ކުޅުންތެރިން ތައްޔާރުވާން ޖެހޭ ކަމަށެވެ.

" ގުރޫޕް ސްޓޭޖު މެޗުތަކުގައި، މިސްޓޭކްތަކެއް ހަދައިގެން ވެސް ސަލާމަތްވެދާނެ. އެކަމަކު ނޮކްއައުޓް މެޗުތަކުގައި އިތުރު ޕްރެޝަރެއް އޮންނާނެ. ހެދޭ އެންމެ މިސްޓޭކަކުން ވެސް މުބާރާތުން ކަޓައިފާނެ. އެހެންވެ، މެންޓަލީ (ނަފްސާނީ) ގޮތުން އެކަމަށް ތައްޔާރުވުން ވަރަށް މުހިންމު،" ވެން ނިސްޓަރޯއީ ބުންޏެވެ.

މި މެޗަށް ނެދަލޭންޑްސް ނުކުންނައިރު، އެ ޓީމުގެ ފޯވަޑް ލޫކް ޑެ ޔޮންގަށް ވަނީ އަނިޔާވެ، މުބާރާތުގައި އިތުރަށް ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ. އިތުރު އަނިޔާގެ މައްސަލައެއް އެ ޓީމުގައި ނެތެވެ.

ޗެކް ރިޕަބްލިކަށް ބަލާއިރު، އެ ޓީމުގެ ކެޕްޓަން ވްލަޑިމީރް ޑަރީޑާ އަށް މިރޭގެ މެޗުގައި ކުޅެވޭނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އަނިޔާގެ މައްސަލައަކާ ގުޅިގެން އިއްޔެ އޮތް ޗެކް ރިޕަބްލިކްގެ ފަރިތަކުރުންތަކުގައި ޑަރީޑާ ބައިވެރިއެއްނުވެ އެވެ.

މީގެ އިތުރުން، ޗެކް ރިޕަބްލިކްގެ ޑިފެންޑަރު ޔާން ބޯރިލް އަށް ދެ ކާޑު ހަމަވެ، މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ.

ނެދަލޭންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 21:00ގަ އެވެ.