27 ޖޫން 2021 - 14:37

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުކަމުގައި ހުންނަވަނިކޮށް، އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ނިންމުމުން އިސްތިއުފާ ދެއްވި ބޭފުޅަކު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑަކަށް ހަމަޖައްސައިފި އެވެ.
އެނގިފައިވާ ގޮތުގައި އޭސީސީގެ އިންވެސްޓިގޭޝަން ހެޑަކަށް މީގެ ދުވަސްކޮޅެއް ކުރިން އައްޔަންކުރީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ކުރީގެ މެމްބަރު އަހުމަދު އަމީނެވެ. އޭނާ އާއި އެންއައިސީގައި އޭރު އެހެން ބައެއް މެމްބަރުން އިސްތިއުފާ ދެއްވީ އެ ބޭފުޅުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމުންނެވެ.
އޭސީސީގެ އިންވެސްޓިގޭޝަން ހެޑަކަށް އަމީން ހަމަޖެއްސުމުގެ ކުރިން، އެ ކޮމިޝަންގެ ސީނިއާ އިންވެސްޓިގޭޓިވް އޮފިސަރުން ހޯދަން ކުރި އިއުލާނަކާ ގުޅިގެން ކުރިމަތިލުމުން އޭނާ އަށް ވަނީ އެ މަގާމު ދީފަ އެވެ. އަމީން އެ މަގާމަށް ގެނައި އިރު އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑަކަށް އެހެން ބޭފުޅަކު ހުންނެވި އެވެ. އޭނާ މިހާރު ވަނީ އެހެން ޑިޕާޓްމަންޓަކުން ހުސްވި މަގާމަކަށް ބަދަލުކޮށްފަ އެވެ.
އަމީނަށް ވުރެ ތަޖުރިބާކާރު އެތައް ބޭފުޅުންނެއް އޭސީސީގައި ތިއްބަވަނިކޮށް އިންވެސްޓިގޭޝަން ހެޑަކަށް އޭނާ ހަމަޖެއްސީ ކީއްވެ ކަމެއް ނޭނގެ އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮމިޝަނުގެ އިދާރީ ކަންކަމާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދޭން ހަމަޖެހިފައި ނުވާ ކަމަށެވެ.
އަމީނާއި އެންއައިސީގެ އެހެން މެމްބަރުން ވަކިކުރަން ލަފާދޭން ކޮމިޓީން ނިންމީ މިނިިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުވައިލި މައްސަލަ ބެލުމުގައި ފުލުހުން އިހުމާލުވެފައި ނުވާ ކަމަށް ކަނޑައެޅީ ބަލަން ވާ ވަރަށް ނުބަލައި ކަމަށް އަމީނާއި އެހެން މެމްބަރުން އިއުތިރާފްވުމުންނެވެ.
އެންއައިސީއާ ބެހޭ ގޮތުުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭރު އެކުލަވައިލި ރިޕޯޓުގައިވާ ގޮތުން، ރިލްވާން ގެއްލުވައިލި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލު އޮތުން އެކަށީގެންވާ ކަަމަށް ގަބޫލުކުރުމާ އެކުގައި ވެސް އެ މައްސަލަ ނުބަލާ އޮތް އޮތުމަކީ އެންއައިސީން މެމްބަރުން ވަކިކުރަން ޖެހޭ އެއް ސަބަބެވެ. މިދިޔަ އަހަރުގެ ޖުލައިމަހު މަޖިލީހުގެ ތަޅުމަށް އެ ރިޕޯޓް ހުށަހެޅުމުން މަޖިލީހުން ނިންމީ އެންއައިސީގެ ރައީސަކަށް އޭރު ހުންނެވި އަހުމަދު ސުލައިމާއި އެހެން މެމްބަރުން ވެސް ވަކިކުރުމަށެވެ. އެކަމަކު އަމީނު އޭރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ދެވަނަ ސަބަބެއް ކަމަށް ރިޕޯޓުގައި އޮތީ، މާލޭގެ ގެއެއްގެ ތެރޭގައި ފުލުހުން އާއްމުންގެ މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއް ނުބެލި ދިގުލައިގެން ދިއުމެވެ. ކޮވިޑް-19 އާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އެންއައިސީގެ ހިދުމަތް މެދު ނުކެނޑި ދެވޭނެ ގޮތުގެ ތަފްސީލު ހޯދަން ކޮމިޓީން އެދުނު ކަމަށާއި އެ މައުލޫމާތު ވެސް ނުދޭ ކަމަށް ރިޕޯޓުގައި ވެ އެވެ.