ކޮވިޑްގެ ކޭސްތައް މާލެ އަށް ވުރެ ތިނަދޫގައި ގިނަ ދުވަހެއް
ކޮވިޑްގެ ކޭސްތައް މާލެ އަށް ވުރެ ތިނަދޫގައި ގިނަ ދުވަހެއް

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަށް ވުރެ، ގދ. ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެ އިތުރު ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

އިއްޔެ ހަވީރު 6:00 އާ ހަމަށް 24 ގަޑިއިރު ތެރޭ މާލެއިން އަލަށް ޕޮޒިޓިވްވީ 30 މީހެކެވެ. އަދި ރަށްރަށުން 101 މީހަކު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާއިރު އޭގެ ތެރެއިން 34 މީހުންނަކީ ތިނަދޫން ޕޮޒިޓިވްވި މީހުންނެވެ. އޭގެ ކުރީ ދުވަހު ވެސް އެރަށުން 17 މީހަކު ޕޮޒިޓިވްވި އެވެ.

މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތިނަދޫން ކޮންމެ ދުވަހަކު ވެސް، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އުޅެނީ 15 އިން މަތީގަ އެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި ތިނަދޫން މިހާތަނަށް 613 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 328 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު 285 އަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިވަގުތު ކޮވިޑް ޖެހިގެން މުޅި ރާއްޖޭގައި ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 30 މީހަކަށެވެ. އޭގެ ތެރެއިން ހަ މީހަކީ ދަނީ ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްފައި ތިބި މީހުންނެވެ. އެ ފެސިލިޓީގައި މިހާތަނަށް އެކަކު މަރު ވެފައި ވެސް ވެ އެވެ.

ތިނަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އެ ރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. އެކަމަކު މަގުމަތީގައި މީހުން އުޅުން މަދު ނުކުރެވޭތީ އެ ރަށު ޓާސްކް ފޯހުން ވަނީ ހައުސްހޯލްޑް ޕާމިޓް ބޭނުންކޮށްގެން ނޫނީ ބޭރަށް ނުކުތުން މަނާކޮށްފަ އެވެ. މިހާރު އެ ރަށުގައި ބޭރަށް ނުކުމެވޭނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ކަނޑައަޅާފައިވާ ވަގުތުތަކަށް ކޮންމެ ގޭބިސީއަކުން އެކަކަށް، ހަފުތާ އަކު އެއް ދުވަހު، އެއް ގަޑިއިރަށެވެ.

އާބާދީ 12،000 އަށް އަރާ ތިނަދޫގެ 236 ގެއެއް އިއްޔެގެ ނިޔަލަށް ވަނީ ކަރަންޓީނުކޮށްފަ އެވެ.