27 ޖޫން 2021 - 11:35

އަފްގާނިސްތާނުގައި މިހާރު ތިބި އެމެރިކާ ސިފައިން އެ ގައުމުން ބޭލިކަމުގައި ވިޔަސް، ޓެރަރިޒަމާ ދެކޮޅަށް އަފްގާނިސްތާނު ސަރުކާރުން ކުރާ ހަނގުރާމަ އަށް އެހީތެރިވެދިނުމުގައި، އެމެރިކާ އަބަދުވެސް ދެމިއޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
ރައީސް ޖޯ ބައިޑެން މިމޭރުމުން ވާހަކަ ދެއްކެވީ، އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީއާ އެކު، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި މިދިޔަ ހުކުރު ދުވަހު ބައްދަލުކުރެއްވުމުގެ ތެރޭގަ އެވެ. ބައިޑެން ވިދާޅުވީ އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލިކަމުގައި ވިޔަސް، އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ވެސް އެ ގައުމަށް އެމެރިކާ އިން އެހީތެރިވާނެ ކަމަށެވެ.
ދެ ގައުމުގެ ރައީސުން މި ބައްދަލުކުރެއްވީ، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަމުން އަންނަ އިރު، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން، އަފްގާންގެ ބައެއް ސަރަހައްދުތަކަށް އަތް ގަދަކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ. ހުސްވި މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަން ފަށާފައިވާއިރު، ކުރިއަށް އޮތް ހަ މަސް ތެރޭގައި ތާލިބާނުންގެ ބާރުގެ ދަށަށް އެ ގައުމު ހިނގައިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާ ކުރެ އެވެ.
މިއަހަރު ފެށުނު އިރު އަފްގާނިސްތާނުގައި ތިބި، އެމެރިކާގެ 2500 ސިފައިން އެ ގައުމުން ބާލާނެ ކަން ރައީސް ބައިޑެން އިއުލާން ކުރެއްވީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެކަން އިއުލާން ކުރައްވަމުން ބައިޑެން ވިދާޅުވެފައި ވަނީ، އަފްގާނިސްތާނު ރައްޔިތުން ބޭނުންވާ ގޮތަކަށް އެގައުމުގެ މުސްތަގުބަލް ކަނޑައެޅުމުގެ ފުރުސަތު އެމީހުންނަށް ދެއްވާނެ ކަމަށެވެ.
އޭގެ ފަހުން، މިދިޔަ ހަފުތާގައި ބައިޑެން ވިދާޅުވީ އެމެރިކާ ސިފައިން އަފްގާނިސްތާނުން ބާލަނީ، އަލްގާއިދާ އާއި ތާލިބާން ޖަމާއަތް ފަދަ ޓެރަރިސްޓް ޖަމާއަތްތަކުން، ހުޅަނގުގެ ގައުމުތަކަށް ހަމަލާ ދޭ މަރުކަޒެއްގެ ގޮތުގައި އަފްގާނިސްތާނު ބޭނުން ނުކުރެވޭނެ ކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނަށް އެރީ، ޓެރަރިޒަމާ ދެކޮޅަށް އެމެރިކާ އިން އިއުލާންކުރި ހަނގުރާމައިގެ ދަށުން 2001 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
އެމެރިކާ ސިފައިން ފައިބަމުން ދާވަރަކަށް، ތާލިބާން ހަނގުރާމަވެރިން ބާރު ގަދަކުރަމުން ދާތީ، އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީގެ ވެރިކަން ދެމިއޮންނާނީ ކިހާ މުއްދަތަކަށްތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާ ސިފައިން ފައިބާ ނިމޭއިރު، ތާލިބާނުންގެ ބާރުގެ ދަށަށް އެ ގައުމު ހިނގައިދޭނެތީ، އަވައްޓެރި ޕާކިސްތާނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމެރިކާގެ އެގްޒިއޮސް ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވީ އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބާއިރު، އަފްގާނިސްތާނުގެ ސިޔާސީ މަސްރަހު އަމާންކަމާ އެކު ކުރިއަށް ގެންދެވޭނެ ފަދަ ސިޔާސީ ހައްލެއް ހޯދިފައި އޮންނަންޖެހޭނެ ކަމަށެވެ.
"އަފްގާނިސްތާނުގައި ގާއިމުކުރެވޭ ސިޔާސީ ހައްލަކަށް ވާންވާނީ، އެންމެން ބައިވެރިވާ ކޯލިޝަން ސަރުކާރެއް ގާއިމުކުރުން. އެއީ ތާލިބާނުންނާއި އެ ގައުމުގެ ސިޔާސީ އެހެން ފަރާތްތައް ވެސް ބައިވެރިވާ ކޯލިޝަނަކަށް ވާންޖެހޭނެ. އެ ނޫން ހައްލެއް އަފްގާނިސްތާނަކަށް ނެތް،" އިމްރާން ޚާން ވިދާޅުވި އެވެ.
އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަކީ، އަފްގާނިސްތާނު ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ހަނގުރާމަކުރަމުން އަންނަ ތާލިބާން ޖަމާއަތާއި އެމެރިކާ ސަރުކާރާ ދެމެދު، 2020 ވަނަ އަހަރު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމުގައި ހިމެނޭ އެއް ބައެވެ.