ކޮވިޑްގެ ޑެލްޓާ ބާވަތާ ހެދި ގައުމުތައް ގޮތް ހުސްވަނީ
ކޮވިޑްގެ ޑެލްޓާ ބާވަތާ ހެދި ގައުމުތައް ގޮތް ހުސްވަނީ

ވަކި ވަރަކަށް ކޮވިޑް ކޮންޓްރޯލް ކުރެވިފައި އޮތުމަށް ފަހު، ކޮވިޑް ވައިރަހުގެ ޑެލްޓާ ބާވަތުގެ ވައިރަސް އަލުން ފެތުރެން ފެށުމާ ގުޅިގެން، ގިނަ ގައުމުތަކެއްގައި، ބައެއް ގައުމުތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.

މިގޮތުން ފިޔަވަޅުތައް ހަރުކަށި ކުރި ގައުމުތަކުގެ ތެރޭގައި، ބަނގްލަދޭޝް، އިންޑޮނީޝިޔާ، އޮސްޓްރޭލިޔާ، އިޒްރޭލު އަދި ރަޝިޔާ ހިމެނެ އެވެ. މީގެ ތެރެއިން ރަޝިޔާގެ ސެންޓް ޕީޓަސްބާގްގައި މިހާރު ވަނީ މި ބާވަތުގެ ވައިރަސް ފެތުރެން ފެށުމާ ގުޅިގެން ރެކޯޑް އަދަދަކަށް މީހުން މަރުވެފަ އެވެ.

މިއާ ހިލާފަށް ވިލާތުގެ މުއްސަނދި ގައުމުތަކުގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ޖަހާފައި ވުމުގެ ސަބަބުން، އެ ގައުމުތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. ނަމަވެސް، އޭގެ ތެރެއިން ބައެއް ގައުމުތަކުގައި، ޑެލްޓާ ބާވަތުގެ ވައިރަސް ފެތުރެން ފަށާފައިވާތީ، ކޮވިޑްގެ އިތުރު ރާޅެއް ފެތުރިދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

"ޑެލްޓާ ބާވަތުގެ ވައިރަހާ މެދު ވަރަށް ގިނަ ކަންބޮޑުވުންތައް އެބަހުރި. ޑެލްޓާ އަކީ މިހާތަނަށް ފެނުނު ކޮވިޑް ވައިރަހުގެ ތަފާތު ބާވަތްތަކުގެ ތެރެއިން އެންމެ ހަލުވިކަމާ އެކު ފެތުރޭ ބާވަތުގެ ވައިރަސް. މި ބާވަތުގެ ވައިރަސް މިހާރުވެސް 85 ގައުމަކުން ފެނިއްޖެ. ވެކްސިން ޖެހި މީހުންގެ މެދުގައި ވެސް މި ބާވަތުގެ ވައިރަސް އަންނަނީ ހަލުވިކަމާ އެކު ފެތުރެމުން،" މިދިޔަ ހުކުރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެޔެސުސް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ބަނގްލަދޭޝް އިން މިހާރު ނިންމާފައިވަނީ، މާދަމާ އިން ފެށިގެން އެ ގައުމުގައި ފުރަބަންދުގެ ހާލަތު އިއުލާން ކުރާށެވެ. މިފުރަބަންދުގެ ތެރޭގައި އެއް ހަފުތާގެ މުއްދަތަށް ހުރިހާ އޮފީހެއް ބަންދުވާނެ އެވެ. އަދި ސިއްހީ ހިދުމަތް ހޯދަން ނޫން ގޮތަކަށް، ދަތުރުފަތުރު ކުރުން މުޅިން މަނާވާނެ އެވެ.
އޮސްޓްރޭލިޔާގެ އެންމެ ބޮޑު ސިޓީކަމަށްވާ ސިޑްނީގައި މިހާރު ވަނީ ދެ ހަފުތާގެ މުއްދަތަށް ފުރަބަންދު އިއުލާންކޮށްފަ އެވެ. އަސާސީ ބޭނުންތަކަށް މެނުވީ ގެއިން ބޭރަށް ނުކުތުން މަނަލެވެ. މި ފުރަބަންދުގެ ސަބަބުން ސިޑްނީ އާއި އެ ސިޓީގައި ވަށައިގެން ހުރި ކުދި އަވަށްތަކުގެ ގާތްގަނޑަކަށް ފަސް މިލިއަން މީހުން ގޭބަންދުގައި ތިބެންޖެހޭނެ އެވެ.

އޮސްޓްރޭލިޔާގައި ކޮވިޑް ފެތުރުން އިތުރުވެފައިވާތީ، އަވައްޓެރި ނިއު ޒީލޭންޑުން މިހާރު ވަނީ، ކަރަންޓީނާ ނުލައި އޮސްޓްރޭލިޔާ މީހުން، ނިއު ޒީލޭންޑަށް އެތެރެވެވޭ ގޮތަށް ދީފައި އޮތް ލުއިތައް ވެސް، ތިން ދުވަހަށް މެދުކަނޑާލައިފަ އެވެ.

އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވި ގޮތުގައި، 270 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނީޝިޔާ މިހާރު ވަރަށް އާދަޔާ ހިލާފު ހާލަތަކަށް ވެއްޓިފަ އެވެ. އަދި އެ ހާލަތުން އަރައިގަތުމަށްޓަކައި އެންމެ މުނާސަބު އަވަސް ފިޔަވޅުތަކެއް އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގައުމުން މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް، 21000 އަށް ވުރެ ގިނަ މީހުންނަށް އަލަށް ކޮވިޑް ޖެހުނެވެ. މިއީ އެ ގައުމުގައި ކޮވިޑް ފެތުރެން ފެށި ފަހުން، އެންމެ ގިނަ މީހުންނަށް މި ބަލި ޖެހުނު ދުވަހެވެ.
އެންމެ ފުރަތަމަ އިންޑިޔާ އިން ފެނި، މިހާރު މުޅި ދުނިޔެއަށް ފެތުރެމުން ދާ ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހަކީ، މި ބަލީގެ އެހެން ބާވަތްތަކުގެ ވައިރަހަށް ވުރެ މާ ބާރުގަދަ އަދި މާހަލުވިކޮށް އެކަކުގެ ފަރާތުން އަނެކަކަށް ބަލި ޖައްސާ ވައިރަހެއް ކަމަށް ސައެންސްވެރިން ބުނެ އެވެ. ދުނިޔޭގެ އާބާދީގެ 80 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ދީގެން ނޫނީ، މި ބާވަތުގެ ވަރިސް ކޮންޓްރޯލް ކުރުން ދަތިވާނެ ކަމަށް ވެސް ސައެންސްވެރިން ބުނެ އެވެ.

މިހާރު އެންމެ ހަލުވިކޮށް ކޮވިޑް ވެކްސިން ދެމުންދާ ގައުމުތަކުގައިވެސް، މި ބާވަތުގެ ވައިރަސް ފެތުރެން ފެށުމުން، ކޮވިޑް ކޮންޓްރޯލް ކުރުން ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފަ އެވެ. އިނގިރޭސި ވިލާތުގައި ކޮވިޑް ބައްޔަށް އަލަށް ޕޮޒިޓިވްވާ މީހުންގެ 90 ޕަސެންޓަކީ، އަދި އެމެރިކާގައި 30 ޕަސެންޓަކީ، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުން ބަލިޖެހޭ މީހުންނެވެ.

ޑެލްޓާ ޕްލަސް ބާވަތުގެ ކޮވިޑް ވައިރަހުން މުހިންމު ތިން ސިފައެއް ވަނީ ފާހަގަ ކުރެވިފައިވާ ކަމަށް ސައެންސްވެރިން ބުނެ އެވެ. ފުރަތަމަ ކަމަކީ، މި ބާވަތުގެ ވައިރަސް ފެތުރޭ މިންވަރު މަތިވުމެވެ. ދެ ވަނަ ކަމަކީ، ފުއްޕާމޭގެ ސެލްތަކުގައި ތަތްވެގަންނަ މިންވަރު އެހެން ބާވަތްތަކަށް ވުރެ މަތިވުމެވެ. އަދި ތިން ވަނަ ކަމަކީ، އެންޓިބޮޑީތަކަށް އިޖާބަދޭ މިންވަރު ދަށްވުމެވެ.