ޕެރިސިޗް ކޮވިޑަށް ޕޮޒިޓިވްވެ ސްޕެއިން މެޗުން ފުރުސަތު ގެއްލިއްޖެ
ޕެރިސިޗް ކޮވިޑަށް ޕޮޒިޓިވްވެ ސްޕެއިން މެޗުން ފުރުސަތު ގެއްލިއްޖެ

ގްލާސްގޯ (ޖޫން 27) - ކްރޮއޭޝިއާގެ ފޯވަޑް އީވާން ޕެރިސިޗް، ކޮވިޑް-19 އަށް ޕޮޒިޓިވް ވެ، ދެ ވަނަ ބުރުގައި ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުން އޭނާ އަށް ފުރުސަތު ގެއްލިއްޖެ އެވެ.

ކްރޮއޭޝިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން ބުނީ، ޕެރިސިޗް އެހެން ކުޅުންތެރިންނާ އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި އެހެން ކުޅުންތެރިންނާއި އޮފިޝަލުން ޓެސްޓް ކުރުމުން ނެގެޓިވް ވެފައިވާ ކަމަށް ވެސް ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ގުރޫޕް ޑީގެ ފަހު މެޗުގައި، ސްކޮޓްލެންޑާ ދެކޮޅަށް 3-1 އިން ކްރޮއޭޝިއާ މޮޅުވި މެޗުގައި ޕެރިސިޗް ވަނީ ލަނޑު ވެސް ޖަހައިފަ އެވެ.

ސްޕެއިންއާ ދެކޮޅަށް ޑެންމާކުގެ ކޯޕެންހޭގަންގައި ކުޅޭ މެޗަށް ޗާޓާރު ފްލައިޓެއްގައި ކްރޮއޭޝިއާގެ ޓީމު މިއަދު ދަތުރު ކުރާނެ އެވެ. އެހެންނަމަވެސް ޕެރިސިޗް ހޭދަ ކުރަން ޖެހޭނީ 10 ދުވަސްވަންދެން ކަރަންޓީނުގަ އެވެ.

ސްޕެއިން އާއި ކްރޮއޭޝިއާ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ. އެ މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ވާދަކުރާނީ ފްރާންސް ނުވަތަ ސްވިޒަލޭންޑާ ދެކޮޅަށެވެ.